ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަދަލުގައި އެމީހުންގެ ބެލެނިވެރިންނަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" އަށް މިހާރު އެޕްލައި ކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
އެ ކެޓަގަރީއަށް ބެލެނިވެރިންނަށް ލެވޭ ގޮތަށް އިސްލާހު ގެނައީ މިމަހުގެ 10 ވަނަ ދުވަހުގަ އެވެ. ހައުސިން މިނިސްޓްރީން ބުނީ އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރިޔާގެ ފަރާތުން ފްލެޓަށް އެދި ހުށަހަޅަން ހުޅުވާލާނީ މިއަދުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ.
އެކަމަކު މިހާރު ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީ ފިޔަވައި އެހެން ހުރިހާ ކެޓަގަރީތަކަށް ފްލެޓާއި ގޯއްޗަށް އެދުމުގެ ސުންގަޑިއަކީ މިމަހުގެ 31 ވަނަ ދުވަހެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާއްސަ ކެޓަގަރީ އިސްލާހުކޮށްފައިވާއިރު، ދާދިފަހުން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ޝަރުތު ހަމަވުމަށް ބޭނުންވާ މުއްދަތު ކުޑަކޮށްދީފަ އެެވެ.
ބޯހިޔާވަހިކަން ހޯދަން މިފަހަރު ކަނޑައެޅި އާއްމު ޝަރުތަކީ މާލެ ސަރަހައްދުގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެފައި އޮތުން ނަމަވެސް މެދުނުކެނޑި ފަސް އަހަރު ދިރިއުޅެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުލެޓަށް ހުށަހެޅޭ ގޮތަށް ވަނީ ބަދަލު ގެނެސްފަ އެވެ.
މީގެ އިތުރުން އެ މީހެއްގެ ނުކުޅެދުންތެރިކަމަކަށް މާލެއިން ހިދުމަތް ހޯދަން ދަތުރުކުރަން ޖެހުމާއި ހިދުމަތް ހޯދުމަށްޓަކައި މާލެއަށް ބަދަލުވެފައިވާ މީހުންނަށް ވެސް ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހެޅޭނެ އެވެ.
މިހާރު ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރާނެ އެވެ.