މި ސަރުކާރުން ދޫކުރާއި ފްލެޓާއި ގޯއްޗަކީ "ވަކި މީހެއްގެ މީހަކަށް" ވީތީ ދޭނެ އެއްޗަކަށް ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ލިސްޓު ނެރުމުގެ މަސައްކަތް އެއްވެސް ނުފޫޒެއް ނެތި ސަރުކާރުން ކުރަމުންދާ ކަމަށެވެ.

ފްލެޓް ލިސްޓާ ގުޅޭ ޝަކުވާތައް ނާންނާނެ ގޮތަށް ފްލެޓާއި ގޯތި ދިނުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، ރައީސް ވިދާޅުވީ މި ސަރުކާރުން ދޭ ބޯހިޔާވަހިކަމަކީ ވަކި މީހަކަށްވުމުން ދޭނެ އެއްޗަކަށް ނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. 

ރައީސް ވިދާޅުވީ މީގެ ކުރިން ފްލެޓް ލިސްޓަކީ ނުފޫޒުގެ ތެރެއިން ވަކި ބަޔަކަށް ދޫކޮށްފައިވާ އެއްޗަކަށް ވިޔަސް، މި ސަރުކާރުން މަސައްކަތް ކުރާނީ އެންމެ ހައްގުވެރިންނަށް ބޯހިޔާވަހިކަން ދިނުމަށް ކަމަށެވެ. 

"ކުރީގައި އެކި ފަރާތްތަކުގެ ނުފޫޒުގެ ތެރެއިން ގޮސް އެކި ފަރާތްތަކަށް ފްލެޓާއި ގޯއްޗާ މިތަންތަން ދީފައި ހުރި ކަމަށް. އެހެންވީމަ އެކަހަލަ އެއްވެސް ކަހަލަ ޝަކުވާއެއް ނާންނާނެ ގޮތަށް އެ ޔަގީންކަން އަޅުގަނޑުމެން ދެމުން މިކަން މި ކުރަނީ. އިރާދަކުރެއްވިއްޔާ މި ސަރުކާރުން ދޭ އެއްވެސް ބޯހިޔާވަހިކަމަކީ ވަކި މީހެއްގެ މީހަކަށް ވީތީ ދޭނެ އެއްޗަކަށް ނުވާނެ،" ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މެދުވެރިކޮށް ފްލެޓް ހޯދުނު ނަމަވެސް މި ސަރުކާރުގައި މެމްބަރުންނަށް ގުޅައިގެންނާއި މިނިސްޓަރުން ކައިރީ އެދިގެން ފްލެޓާއި ގޯތި ހޯދުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ. އަދި އެކަން ކުރުމަށް މެމްބަރުން ގާތުގައި އެދުނަސް، ރައްޔިތުންނަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށާއި އަދި ބޯހިޔާވަހިކަން މިފަހަރު ދޫކުރާނީ އެގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ. 

"މިހާރު ކުރީގައި ހެން ނުވާނެ. އެންމެ ގިނައިން މިކަހަލަ ރިކުއެސްޓްތައް އަންނާނީ މަޖިލިސް މެމްބަރުންނަށް. އެއްވެސް މަޖިލިސް މެމްބަރަކު މިހާރު ވިދާޅެއް ނުވާނެ ތިމަންނަމެން ބޭނުންވީމަ ދެވެއެކޭ. އެއްވެސް މިނިސްޓަރަކު ވެސް ރައީސް އޮފީހުގެ މުވައްޒަފުންނަށް ވެސް ވިދާޅެއް ނުވެވޭނެ. މިހާރު އެމްޕީ ކައިރިއަށް ގޮސް ދާއިރާގެ ރައްޔިތުން މިކަމަކަށް އެދިގެން ވާނެ ފައިދާއެއް ނޯންނާނެ." ރައީސް ވިދާޅުވި އެވެ.

 

ޜައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ފޮޓޯ/ރައީސް އޮފިސް
ޜައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ފޮޓޯ/ރައީސް އޮފިސް

ރައީސް ވިދާޅުވީ ވަގުތު ނެގިޔަސް، ގޯއްޗާއި ފްލެޓް ދޫކުރާނީ އެކަމަށް އެދި ކުރިމަތިލާފައިވާ މީހުން ދީފައިވާ މައުލޫމާތުތައް ކަށަވަރުކުރުމަށް ފަހު ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ އެޕްލިކޭޝަނާ އެކު ހުށަހަޅާފައިވާ މައުލޫމާތުތައް ވެރިފައި ކުރުމުގެ މަސައްކަތް މިނިސްޓްރީގެ މުވައްޒަފުން ރެޔާއި ދުވާލު ކުރަމުންދާ ކަމަށާއި އަދި އެ މަސައްކަތް ނިންމައި މިއަހަރުގެ ތެރޭގައި ލިސްޓް އާންމު ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

އެކަމަކު ލިސްޓު ނެރެވޭނެ ސީދާ ތާރީހު ދަންނަވަން މިވަގުތު ދަތި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ހުޅުވާލި މުއްދަތު މި މަހުގެ 15 ވަނަ ދުވަހު ހަމަވިއިރު ފޯމު ހުށަހަޅަން ގާއިމްކޮށްފައިވާ "ބޯހިޔާވަހިކަން ޕޯޓަލް" އަށް 58،505 ފޯމު ހުށަހަޅާފައިވެ އެވެ. އެއީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.

އެއީ ސަރުކާރަކުން މިހާތަނަށް ހިންގި ބޯހިޔާވަހިކަމުގެ ސްކީމަކަށް އެންމެ ގިނައިން ފޯމު ހުށަހެޅި ފަހަރެވެ.

އެ ފޯމުތަކާ އެކު ދީފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ މަރުހަލާގައި މާލޭގައި އުޅެފައިވާ މުއްދަތު ހަމަކުރުމަށް ހުށަހަޅާފައިވާ ލިޔުންތަކާއި ސެޓްފިކެޓްތަކަކީ ރަނގަޅު މައުލޫމާތުތޯ ކަށަވަރު ކުރާނީ ދައުލަތުގެ އެކި އިދާރާތަކުން ލިބެން ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ. 

މީގެ އިތުރުން މާލޭގައި އުޅެފައިވާ މުއްދަތު ބަޔާންކޮށް ހުށަހަޅާފައިވާ ލިޔުންތަކާއި ރަށްރަށުގައި މީހުންގެ ބިން އޮތްތޯ ކައުންސިލްތައް މެދުވެރިކޮށް މިހާރު ދަނީ ބަލަމުންނެވެ. 

އެ ޕްރޮގްރާމުގައި 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރާނެ އެވެ.