ރަށެއްގައި ބެހެއްޓި ބީއެމްއެލްގެ އޭޓީއެމްއެއް: މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިމަސް ނިމުމުގެ ކުރިން އޭޓީއެމް ބަހައްޓައި، ނިމޭނެ ކަމަށް ބީއެމްއެލްއިން ބުނޭ --- ފޮޓޯ/ބީއެމްއެލް
09 އޮކްޓޯބަރ 2025 - 13:13
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް މިމަހު ނިމޭނެ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.
އދ. މަންދޫގައި ބީއެމްއެލްގެ އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓްޖީ މުހައްމަދު ސައީދު ވިދާވީ މިދިޔަ އަށް މަސް ދުވަސް ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ 95 ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓާފައިވާ ކަމަށެވެ. އަދި މިހާރު އޭޓީއެމް ނުބެހެއްޓި ހުރީ ބާކީ 10 ރަށެއްގައި ކަމަށް އޭނާ ވިދަޅުވި އެވެ.
އެރަށްތަކުގައި ވެސް ކުރިއަށް އޮތް 20 ވަރަކަށް ދުވަސް ތެރޭގައި އޭޓީއެމް ބަހައްޓައި، ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ނުނިމި ހުރީ ޅ. އަތޮޅާއި ލ. އަތޮޅާއި އައްޑޫ ސިޓީގެ މީހުންގެ ދިރިއުޅޭ ބައެއް ރަށްތަކުގަ އެވެ.
މިދިޔަ މަހުގެ ފަހުކޮޅާ ހަމައަށް ރަށްރަށުގައި ބަހައްޓާފައިވާ އޭޓީއެމްތަކުން 122،000 އަށް ވުރެ ގިނަ ޓްރާންސެކްޝަން ހަދާފައިވެ އެވެ. އެއީ ގާތްގަނޑަކަށް 313 މިލިއަން ރުފިޔާގެ މުއާމަލާތްތަކެވެ. އޭގެ ތެރެއިން 145 މިލިއަން ރުފިޔާއަކީ އޭޓީއެމްތައް މެދުވެރިކޮށް އެކައުންޓްތަކަށް ޖަމާކުރި ފައިސާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް، ބީއެމްއެލްއިން މަސައްކަތް ފެށީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އެ މަސައްކަތް ކުރިއަށް ގެންދިޔައީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.
ރާއްޖޭގައި އޭޓީއެމް ބަހައްޓަން ފަށާފައިވަނީ 2000 ވަނަ އަހަރު އެވެ. އަދި މިދިޔަ 24 އަހަރު ތެރޭގައި މާލެ ފިޔަވައި 81 ރަށެއްގައި އޭޓީއެމް ބަހައްޓާފައިވެ އެވެ. އިއްޔެ މަންދޫގައި ހުޅުވާފައިވަނީ ބީއެމްއެލްގެ 250 ވަނަ އޭޓީއެމް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އމމމމ
11 October 2025
އޭޓީއެމް ބެހެއްޓުމަކުން ނުނިމޭނެ. ދެދުވަހުން އެއްދުވަހު އޭޓީއެމް އައުޓް އޮފް ސާރވިސް
ހގތރ
10 October 2025
އޭޓީއެމް ހުންނާނެ. ނަގާނެ ފައިސާ ނުހުންނާނީ.. ސަރުކާރުން މުސާރަނުދޭ އެންމެން ހާދަ ހާލެއްގަޔޭ މިއުޅެނީ..
ޓޯޕޭ
09 October 2025
އަދި ހުރިހާ ރަށެއްގަ އޭޓީމް ބަހައްޓާ ފަލަ ސުރުޚީ އެޅިއަކަސް ނުނިމޭ. ބަހައްޓާ ހުރިހާ އޭޓީއެމް ގަ ހުސްނުވެ ރުފިޔާ ވެސް ހުންނަން ޖެހޭ.