ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތަކެއް: އެފަދަ ފްލެޓްތައް ކުއްޔަށް ނުދެވޭ ގޮތަށް ގާނޫނު އިސްލާހު ކުރާނެ ކަމަށް ސަރުކާރުން ބުނޭ --- ފޮޓޯ/މިހާރު
12 އޮކްޓޯބަރ 2025 - 18:47
ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ދޫކޮށްފައި ހުންނަ ފްލެޓްތައް އެހެން ބަޔަކު ދިރިއުޅެން ކުއްޔަށް ނުވަތަ ހިލޭ ވެސް ދީގެން ނުވާނެ ކަމަށާއި އަދި ގާނޫނު ބަދަލުކޮށްގެން ނަމަވެސް އެކަން ހުއްޓުވާނެ ކަމަށް ހައުސިން މިނިސްޓަރު، އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ގެދޮރުވެރިޔާ ފްލެޓްތައް ހަވާލުކުރަން ފެށިތާ ދެ ހަފްތާ ނުވަނީސް ބައެއް ފްލެޓްތައް ކުއްޔަށް ދޭން މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން ތިން ކޮޓަރީގެ ތަންތަން ކުއްޔަށް ދޭން އިއުލާން ކޮށްފައި ހުރީ 25،000ރ. އާއި 30،000ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.
އެކަމާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ފްލެޓް ކުއްޔަށް ދޭ މީހުން ހޯދުމުގެ މަސައްކަތްކުރާ ކަމަށެވެ.
އެކަން ސަރުކާރުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެކަން ފާހަގަ ކުރައްވައި، މުއްތަލިބް އިތުރަށް ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުން ދޫކުރާ ފްލެޓްތަކަކީ މީހުންގެ ދިރިއުޅުމުގެ ހާލަތަށް ބަލައިގެން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ތަންތަން ކަމަށާއި އެތަންތަން އަގުތަކުގައި ކުއްޔަށް ނުވަތަ ހިލޭ ވެސް އެހެން ބަޔަކަށް ދިނުމަކީ ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަށް ގާނޫނީ އިސްލާހުކޮށްގެން ވެސް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ
"އެހެން ފަރާތަކަށް އެތަން ދެވިގެން ނުވާނެ ހިލޭ ވެސް ދިރިއުޅޭކަށް. އެއީ އެ އާއިލާއެއްގެ ހާލަތަށް ބަލާފައި ދީފައި ހުރި ތަނެއް. އެ އާއިލާ އެތަނެއްގައި އުޅެން ޖެހޭނީ. އެ އާއިލާ ނޫން އެހެން ބަޔަކު އެތަނެއްގައި އުޅެގެން ނުވާނެ. އެހެންވީމަ އެ އުސޫލުން ބަލާފައި އަޅުގަނޑުމެންނަށް އެއަށް ފިޔަވަޅު އެޅޭނެ ކަމަށް ގަބޫލު ކުރަނީ. އެކަން ކުރުމަށް ގާނޫނަށް ބަދަލު ގެންނަން ޖެހެންޏާ އެ ބަދަލެއް ގެނެސްގެން ވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރުމަށް މަސައްކަތް ކުރާނީ." މުއްތަލިބް ވިދާޅުވި އެވެ
މިނިސްޓަރު މުއްތަލިބު ވަނީ ގެދޮރުވެރިޔާ ފްލެޓުތައް ދޫކޮށްފައިވާ މީހުންނާއި އެފްޑީސީ އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ތިން ވަނަ ފަރާތަކަށް އެ ފްލެޓުތައް ކުއްޔަށް ނުދެވޭނެކަން ބަޔާންކުރާ މާއްދާތައް ވެސް އާންމު ކުރައްވައިފަ އެވެ.
އެ އެއްބަސްވުމުގައިވާ ގޮތުން އެފްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ކުއްޔަށް ހިފާ ފަރާތުން ތިންވަނަ ފަރާތަކަށް ފްލެޓު ކުއްޔަށް ދިނުމަކީ މަނާކަމެކެވެ. އަދި އެހެން ފަރާތަކަށް ފްލެޓު ކުއްޔަށް ދިން ކަމަށް ބުނެ އެފްޑީސީއަށް ޝަކުވާއެއް ލިބިއްޖެނަމަ ފިޔަވަޅު އެޅުމުގެ އިހުތިޔާރު އެ ކުންފުންޏަށް އޮވެ އެވެ.
އެފްޑީސީން ވެސް އިއްޔެ ވަނީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށް ދޫކުރާ އެ ފްލެޓްތައް އެއްބަސްވުމާ ހިލާފަށް ކުއްޔަށް ދޭ ނަމަ ފްލެޓުތައް އަތުލާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން މިހާތަނަށް ހަވާލުކުރި ބައެއް ފްލެޓްތައް މިހާރު ވަނީ ކުއްޔަށް ދޭން އިއުލާންކޮށްފަ އެވެ. އެކަމަކު ފްލެޓް ލިބުނު މީހުންނާއި އެފްޑީސީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަކީ މަނާކަމެކެވެ. އެއީ، ފްލެޓް އަތުލެވިދާނެ ކަމެއް ކަމަށް އެއްބަސްވުގައިވެ އެވެ.
ތިން ކޮޓަރީގެ ފްލެޓެއް ބޮޑު އަގުގައި ކުއްޔަށް ދޭން އިއުލާން ކޮށްފައިވާއިރު، އެ ތަނުގެ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި ވަނީ 11،500ރ. އެވެ. އެހެންކަމުން އިއުލާންކޮށްފައި ވަނީ ކުއްޔަށް ވުރެ 13،500ރ. ބޮޑުކޮށް ކުއްޔަށް ދިނުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިރާ
14 October 2025
ކުރިން ރަގަޅު ގަވާއިދު އޮތް، ފަހުން އެކަން ބަދަލު ކުރީ.. އަނބި މީހާ އަކީ މާލޭ މީހަކަށް ވެފައި ބޮޑު ގޯތި އަދި ހުޅުމާލެ ފުލެޓު އޮތް އިރު ފިރިމީހާ އަށް ވެސް ފްލެޓު ދިން. ކޮބާ އިންސާފު! ޔަގީން ދޭނީ ކުއްޔަށް!
ލުޖައިން އަހްލަމް
13 October 2025
ފްލެޓް ދޭންވާނީ ހައްގުވެރިންނަށް. ކުއްޔަށް ދޭ ފަރާތްތަކަށް ފިޔަވަޅު އަޅާ އަތުލަން ޖެހޭ
މަހާޒް ސަލީމް
13 October 2025
ބަރާބާރު. މިކަން ހުއްޓުވަން ޖެހޭ
ހަކުރުއޮޅުވާލުން
13 October 2025
ހިންޏަށް ހަކުރު އޮޅުވާލަން ފުޅީގެ ބޭރުގައި ލޮނު ކަމަށް ޖެހުން ފަދަ ވާހަކައެއް.
އަކުރު 2.0
13 October 2025
މީހުސް ހިޔާލީ ވާހަކަ. މަޖިލީސް މެންބަރުންނާއި ސަރުކާރުގެ ބޮޑުންގެ އާއިލާތަކުގެ ގިނަމީހުން ދެމަފިރިންގެ ލިސްޓްގައި ހިމެނޭނެ. އެހެންވީއިރު ކިހިނެއް އެކަން ކުރާނީ. ދެމަފިރިންނަށް ފްލެޓް ލިބުނު މީހުންގެ ތެރެއިން ކޮންމެހެން ފްލެޓް ބޭނުންވާ މީހުންގެ ތެރެއިން އަނބި ނުވަތަ ފިރިމީހާ ފްލޭޓް ދޫކޮށްލި. މިހާރު ނުދޫކުރަން އުޅެނީ މިހާރުވެސް ދިރިއުޅެވޭނެ ގޮތްހުރި މީހުން. އެމީހުން ބޭނުންވަނީ ފްލެޓް ކުއްޔަށް ދީގެން ފައިސާ ހޯދުން.
އަވަސްކުރަންވީ
13 October 2025
ތިކަން އަވަސްކުރަންވީ. އަހަރެމެން މިތިބެނީ އަޖައިބުވެފައި. މިރާއްޖޭގައި ސޯޝަލް ހައުސިން މިލިބެނީ މުޅިންވެސް ބޭރު މީހުންނަށް. މިއީ ބޭރުގައުމުތަކުގައި ކުރެވޭނެކަމެއް ނޫން.
އިސްމާލި
13 October 2025
އެއްކަމެއްވެސް ނުވާނެ. މިހާރުވެސް އެގްރީމަންޓެއްގައި ސޮއިކޮއްގެން ހިޔާ ފުލެޓުތަކުގެ ވެރިންވެސް ތިބީ. ޑައުންޕޭމަންޓް ކުޑަކޮއް ހުރިހާ ކަމެއް ކުރީމަވެސް، 60-70 ޕަސެންޓު މީހުން ކުލި ނުދައްކާ. އެއްކަމެއްވެސް ކުރެވުނު ތަ؟
ހާލަތުހުސްވަގުން
13 October 2025
މައްސަލައަކީ ސޯޝަލް ހައުސިންގ ކިޔާތީ. ޕޮއިންޓްދިނުމުގަ ހަމައެއްލަމެއްނޯވޭ. ދެނީވެސް ހިތުހުރި ބަޔަކަށް، މަޖިލިސްމެންބަރު އިސްވެތިބެގެން ކޮންމެސަރުކާރެއްގަވެސް މިޖަރީމާ ހިންގަނީ. ސޯޝަލް ހައުސިންން އުވާލާ އެންމެންނަށް އެންހަމަޔަކުންދޭންވީ، ފަގީރުންވިއްޔާ އޮންނާނެ ދަފްތަރެއް، އޭގެ ދަށުން ލުއިދިނީމަ ނިމުނީ. އެކިނަންނަން ކިޔާފަ ޖަރީމާ ހިންގޭނެނެ ނިޒާމު ގިނައީ. ސްޓެލްކޯފްލެޓް، އެމްޕީއެއްފްލެޓް، އެޗޑީސީން ހިތުހުރި ފްލެޓް..ކިޔާނެކަމެއްނެތް
ބޮޑުރިޔާ
13 October 2025
މަށައްހަމަހީވަނީ މިކަން ނުވާނެހެން އެހެނީ ސިޔާސީ މަތިފަޑީގެ މީހުންމީހާރުވެސް ތިޔަކަމުގައި އިސްކޮންތިބޭނީ ދެންކިހިނެއް މިކަންކުރާނީ މީދާނީ ރަސްމާލެ ޓަނަލް ވައުދައް ވީހެން
މަޗާ
13 October 2025
ފުލެޓު ލިބޭމިހާ މުޅި އުމުރު އެތަނުގަ އުޅޭ ނެ ގޮތެއް ސަރު ކާރުން ކިޔާ ދީބަލަ.އެމީހާ ގެ ހާލަތު ބަދަލު ވޭ ދުވަހުން ދުވަހަށް ވީމަ ފުލެޓު އެހެން ގޮތަކަށް ބޭނުން ކުރެވޭނެ އުސޫލެއް އަޮންނަން ޖެހޭ. ފުލެޓާ ބިން ވެރިން މިކަމުގަ ހަމަ ހަމ ވާންޖެހޭ. ބިން ހިއްކަނީ ވެސް ސަރުކާރުން ބޮޑު ހޭދައެއްކޮށްގެން.ވީމާ ވަކި ބަޔަކަށް އަދަބުދޭ އުސޫ ލު ރަގަޅު ކުރަން ޖެހޭ.މިޒަމާނުގަ ބިން ތައް ވެސް ދޭން ވާނި ކޮންމެ ވެސް ކުށްޔެއް ދައްކާ ހަލާސްކުރާ ގޮތަށް.
ދޮންކަރާ
13 October 2025
އެމީހެއްގެ ހާލަތު ބަދަލުވީމައި ތަން ދޫކޮށް ނިކަމެތި ހާލުގައި ދެން ހުރި މީހާއަށް ދޭނީ. މީ އެހެން ގައުމުތަކުގައި ވެސް ކަން ކުރާގޮތް.