ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް: އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލެއް މަޖިލީހަށް ވަނީ ހުށަހަޅާފައި --- ފޮޓޯ/މަޖިލިސް
12 އޮކްޓޯބަރ 2025 - 21:44
ރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ އުސޫލުތައް ކަނޑައެޅުމުގެ ބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހަޅުއްވަނީ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ އެވެ. މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ އެ ބިލުގެ ބޭނުމުގެ ގޮތުގައި ފާހަގަކޮށްފައިވަނީ އިންސާނުންގެ ގުނަވަނާއި ގުނަވަނުގެ ބައިތައް ޓްރާންސްޕްލާންޓް ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމް ކުރުމެވެ.
އެ ބިލު ހުށަހަޅަނީ އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލައި، ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ހިދުމަތަކީ އެންމެންނަށް ލިބޭނެ ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ހިދުމަތަކަށް ހެދުމަށްޓަކައި ކަނޑައަޅަންޖެހޭ އުސޫލުތައް ކަނޑައެޅުމަށް ކަމަށް އެ ބިލްގައިވެ އެވެ.
އެ ބިލުން ހުއްދަ ދެނީ ހަމައެކަނި ލައިވް-ޑޯނަ އޯގަން ޓްރާންސްޕްލާންޓް ކުރުމަށެވެ. އަދި ހަދިޔާ ކުރެވޭނެ ގުނަވަންތަކާއި ނުކުރެވޭނެ ގުނަވަންތައް އެ ބިލްގައި ބަޔާންކޮށްފައިވެ އެވެ.
ގުނަވަން ހަދިޔާކުރާ މީހުންގެ ޝަރުތުތައް
- އުމުރުން 18 އަހަރުވެފައިވާ މީހަކަށްވުން
- ބުއްދި ސަލާމަތުން ހުރި ދިވެއްސަކަށްވުން
- ގުނަވަން ހަދިޔާ ކުރަނީ އަމިއްލަ އިހްތިޔާރުގައި ރުހިގެން ކަމަށްވުން
އެ ބިލްގައި ބުނާގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ހުކުމެއްގައި ތިބޭ މީހުންނަށް ގުނަވަން ހަދިޔާ ނުކުރެވޭނެ އެވެ. އަދި ގުނަވަން ހަދިޔާ ކުރެވޭނީ އެކަމަށްޓަކައި އެކުލަވާލާ ހާއްސަ ކައުންސިލެއްގެ ހުއްދަ ލިބިގެންނެވެ. އަދި އެކަމުގައި ސިއްހީ ދާއިރާގެ ފަރާތްތަކުގެ ލަފާ ވެސް ހޯދަންޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
13 October 2025
މިޒަމާނަށް މުހިންމު ބިލެއް. ހަމަ އެގޮތަށް "ސަރޮގަސީ" އާ ބެހޭ ބިލެއްވެސް ފާސް ކުރަން އެބަޖެހޭ.
ގޮނުއަނގަ
13 October 2025
އިސްލާމީ ޝަރީއަތުން ޙަރާމް ކުރާ މިންގަޑު ބައްލަވައިގެން އެމިމްގަޑަށް ފެތޭނަމަ ޤޫނޫނު ހެދުން ރަނގަޅުވާނީ.
ސަލީމު އިދުރީސް
13 October 2025
ފުލުސް އޮފީހުގެ ތިޖޫރީގަ ހުންނަ ފައިސާ ގެއްލޭ ހުރިހާދިމާލަކުން ވައްކަން ކުރަމުން ދާގައުމެއްގަ ތިކަންރުމަކީ ބިރުހުރި ކަމެއް ކަމުގަ ދެކެން
މުސްލިކާނު
13 October 2025
އަޅުގަނޑުމެން މިއުޅެނީ ހަމައަށް ޕެނަޑޯލް ސިރަޕް މާލެއިން ނުލިބިގެން، ދެން ކޮން ގުނަވަން ޓްރާންސްޕްލާންޓެކޭތޯ ތިކިޔަނީ، ފުރަތަމަ އާއްމު ބަލިތަކަށް އެކަށީގެންވާ އަވަސް މިނެއްގައި ޑޮކްޓަރަށް ދެއްކޭނެ ގޮތާއި އާއްމުކޮށް ބޭނުންކުރާ ބޭސް ރާއްޖެއިން ލިބޭނެގޮތް ހެދޭތޯ ބަލަންވީނޫންތޯ، އަދި ތިޔަ ޓްރާންސްޕްލާންޓަކަށް ދާން ވަރަށް ދުވަސް އެބައޮތް،
ކުމުންދޭ
12 October 2025
އާސަންދަ ނުދެވޭއިރު ކޮން ސަކަރާތެއް ޖަހާކަށްތަ