ޖުވާ ކުޅުމާއި ޖުވާ ތަނެއް ހިންގުމަކީ އެއް އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އަންނާނެ ޖިނާއީ ކުށަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުގައި ހިމަނައިފި އެވެ.
ހިތަދޫ މެދުދާއިރާގެ މެންބަރު އަހުމަދު އަޒާން ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގައި ޖުވާކުޅުމާއި އެފަދަ ތަނެއް ހިންގުމަކީ ކުށަކަށް ހެދުމަށް މާއްދާއެއް ހިމަނާފައިވެ އެވެ.
ޖުވާ ކުޅުމާއި އެފަދަ ތަނެއް ހިންގުމުގެ ކުށުގެ ދަރަޖަ ކަމަށް ބިލުގައި ކަނޑައަޅާފައިވަނީ ޖިނާއަތުގެ ހަތަރު ވަނަ ދަރަޖަ އެވެ. އެ ދަރަޖައިގެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ އެއް އަހަރާއި ހަތް މަސް އަދި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
ހަތަރު އަހަރާ ހަމައަށް ބޮޑު އަދަބެއް ކަނޑައެޅޭއިރު، އެންމެ ކުޑަ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ.
ބިލުގައި ބުނެފައިވާ ގޮތުން، ޖުވާކުޅުމަކީ ވަކި މުބާރާތެއްގައި ނުވަތަ ކުޅިވަރެއްގައި ނުވަތަ ވަކި ސްކީމެއްގައި އިލެކްޓްރޯބިކްކޮށް ނުވަތަ ޖުވާކުޅުމުގެ އާލާތެއް މެދުވެރިކޮށް ނުވަތަ ހިނގަމުންދާ ނުވަތަ ކުރިއަށް އޮތް ތަނުގައި ހިނގާނެ ވަކި ކަމެއްގެ މައްޗަށް ބިނާކޮށް، އެކަމުން ނުކުންނާނެ ކަނޑައެޅޭ ވަކި ނަތީޖާއެއް ލިބިގަތުމުގެ މުގާބިލުގައި މީހަކު އަނެއް ހުރި އެއްޗެއް ދޫކޮށްލުމެވެ.
ޖުވާ ކަމުގައި ނުބެލެވޭނެ ތިން ކަމެއް ވެސް ބިލުގައި ފާހަގަކުރި އެވެ. އެއީ؛
1- މުނިފޫހިފިލުވުމުގެ ނުވަތަ ކުޅިވަރުގެ ބޭނުމަށްޓަކައި އެކި ފަރާތްތަކުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތްތަކުގައި ހިމެނޭ ބައިވެރިންނަށް ފައިސާގެ ނުވަތަ އެ ނޫން ވެސް އަގެއް ހުރި އެއްޗެއް އެކުލެވޭ އިނާމެއް ދިނުން
2- އެއްވެސް އަގެއް ދިނުމަކާ ނުލައި، މީހުންގެ މެދުގައި ގުރުއަތު ލައިގެން ހޮވޭ ފަރާތްތަކަށް ފައިސާގެ ނުވަތަ އެ ނޫން ވެސް އަގެއް ހުރި އެއްޗެއް އެކުލެވޭ އިނާމެއް ދިނުމާއި އެކަމަށްޓަކައި ބޭއްވޭ ގުރުއަތުލުންތަކުގައި ބައިވެރިވުން
3- ޖުވާކުޅުމުގެ އާލާތެއް ކަމުގައި ނުވާ އިލެކްޓްރޯނިކް ނުވަތަ އިލެކްޓްރޯމެކޭނިކަލް ނުވަތަ މެކޭނިކަލް ގޮތަކުން ކުޅިވަރުގެ ބޭނުމަށް ފަރުމާކުރެވިފައިވާ ނުވަތަ އެޑެޕްޓްކުރެވިފައިވާ ޑިވައިސް ނުވަތަ މެޝިނަކުން ކުޅުންތެރިންނަށް ލިބިދޭ ވަނަތަކާއި އިނާމާއި އެފަދަ އެއްޗެއް ރިޑީމްކުރުމަށް ދާ އަގެއް ރަމްޒުކޮށްދޭ ކޮއިން ނުވަތަ ޓޯކަން ފަދަ ތަކެތި ލިބިގަތުމާއި އެފަދަ ޑިވައިސް ނުވަތަ މެޝިން ބޭނުން ކުރުން
ބިލުގައިވާ ގޮތުން ޖުވާ ކުޅުމުގެ އާލަތަކީ އެ އެއްޗެއް އޮޕަރޭޓް ކޮށްގެން އެއީ އެ މީހެއްގެ ނަސީބަށް ނުވަތަ ހުނަރަށް ބިނާކޮށް ކަމުގައިވިޔަސް އެ މީހަކަށް ފައިސާ ނުވަތަ އަގެއް ހުރި އެއްޗެއް ލިބޭ ގޮތަށް ފަރުމާކޮށްފައި ހުންނަ އެއްޗިއްސެވެ. އަދި އެފަދައިން ފައިސާ ނުވަތަ އަގެއް ހުރި އެއްޗެއް ލިބިގަތުމުގެ ހައްގެއް ނުވަތަ މަސްލަހަތެއް ލިބޭ ގޮތް މަގުފަހިކޮށްދޭ އެއްޗެކެވެ.
ބިލުގައިވާ ގޮތުން، ޖުވާކުޅޭ ތަނެއް ހިންގުމުގެ މާނައަކީ ވަކި ތަނެއްގައި ޖުވާކުޅުމުގެ އާލާތެއް ބޭނުންކޮށްގެން ނުވަތަ އެ ނޫން ވެސް ގޮތަކުން ޖުވާކުޅުމުގެ ހަރަކާތްތައް އިންތިޒާމުކޮށް ހިދުމަތެއް ނުވަތަ ވިޔަފާރިއެއް ނުވަތަ މުބާރާތެއް ހިންގުމެވެ.
މީގެ ތެރޭގައި އޮންލައިންކޮށް ހިންގާ ޖުވާކުޅުމުގެ ވިޔަފާރި ވެސް ހިމެނޭ ކަމަށް ބިލުގައިވެ އެވެ.
ޖުވާ ކުޅޭ ސައިޓްތައް ބޭނުންކުރާ މިންވަރު މިފަހަކަށް އައިސް ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި ޓެލެގްރާމާއި ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ޖުވާ ކުޅޭ ވެބްސައިޓްތައް ޕްރޮމޯޓް ކުރުން ވެސް ވަނީ އާންމުވެފަ އެވެ.
އެކަން އިތުރުވެފައިވާތީ، ޖުވާ ކުޅުން ހުއްޓުވަން ސަރުކާރުން މަޖިލީހަށް ބިލެއް ފޮނުވާފައިވާ ކަން މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވި އެވެ.