ހިޔާލުފާޅުކުރުމުގެ ހައްގުގެ ބޭނުން ހިފަން، އެހެން މީހުންގެ އަބުރަށް އަރައިގަތުމަކީ ގާނޫނުއަސާސީން ހުއްދަ ކުރާ ކަމެއް ނޫން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން އާންމުކުރި ވީޑިއޯއެއްގައި ބަންޑާރަ ނައިބު ވިދާޅުވީ ހައްގުތަކާއި ޒިންމާތަކަކީ އެއް ފައިސާ ފޮއްޗެއްގެ ދެ ފަރާތް ކަމަށާއި އެއް ފުށް ނެތި އަނެއް ފުށް ބޭނުމެއް ނުކުރެވޭނެ ކަމަށެވެ. ކޮންމެ މީހަކަށް ވެސް ލިބިދޭ ހައްގުތަކާއި އެ މީހަކު އަދާކުރަންޖެހޭ ވާޖިބުތަކަކީ ވަކި ނުކުރެވޭނެ ދެ އަސާސްކަން ގާނޫނުއަސާސީގެ 67 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަން އުޝާމް ފާހަގަކުރެއްވި އެވެ.
ބަންޑާރަ ނައިބު ވިދާޅުވީ ހައްގުތައް ލިބިގަތުމުގައި ކޮންމެ މީހަކު ވެސް ކުރަންޖެހޭ އަދި އިހުތިރާމް ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށާއި އޭގެ ތެރޭގައި ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުމާއި ދައުލަތުގެ މުދަލާއި ތިމާވެށި ރައްކާތެރިކުރުމާއި އަނެކުންގެ ހައްގުތަކަށް ރައްކާތެރިވެ، ހައްގުތަކަށް އިހުތިރާމް ކުރުން ވެސް މިއީ ގާނޫނުއަސާސީގައި ބަޔާންކޮށްފައި ހުރި ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިގަންނައިރު ގާނޫނާ ހިލާފު ކަންކަން ކުރުމާއި އެހެން މީހުންގެ އަބުރަށް އަރައިގަތުމަކީ ގާނޫނުއަސާސީން ހުއްދަ ކުރާ ކަންކަމެއް ނޫން ކަމަށް އުޝާމް ވިދާޅުވި އެވެ.
"ކޮންމެ މީހަކަށް ވެސް ދަތުރުފަތުރު ކުރުމުގެ ހައްގު ގާނޫނުއަސާސީން އެބަ ލިބިދޭ. ނަމަވެސް އެ މިނިވަންކަން ލިބިގަތުމުގައި އަނެކުންގެ ހައްގުތަކަށް ވެސް އިހްތިރާމްކޮށް ސަމާލުވާން ޖެހޭނެ. އާންމު ތަންތަން ބޭނުން ކުރުމުގައި ޒިންމާދާރުވާންޖެހޭނެ. ދަތުރުފަތުރުކުރުމުގައި އެހެން މީހުންނަށް ނުރައްކަލެއް ނުވާނެކަން މިއީ ކަށަވަރު ކުރަން ޖެހޭނެ ކަންކަން،" އުޝާމް ވިދާޅުވި އެވެ.
"ހަމަ އެގޮތަށް މުޒާހަރާކުރުމަކީ ވެސް ގާނޫނުއަސާސީން ލިބިދޭ ހައްގެއް ނަމަވެސް އެ ހައްގު ބޭނުން ކުރަން ޖެހޭނީ ސުލްހަވެރިކަމާ އެކު ގާނޫނުތަކަށް އިހްތިރާމްކޮށްގެން."
އުޝާމް ވިދާޅުވި ގޮތުގައި، ގަބޫލުކުރަން ޖެހޭނެ ހަގީގަތަކީ ވަރުގަދަ ދިމިގްރާތީ ނިޒާމެއް ގާއިމް ވާނީ ހަމައެކަނި ހައްގުތަކެއްގެ މައްޗަށް ނޫނެވެ. ކޮންމެ މީހަކު ވެސް އެ މީހެއްގެ ހައްގުތަކުގެ ބޭނުން ޒިންމާދާރުކަމާ އެކު ހިފައި، އެކަކު އަނެއްކަކަށް އަދާކުރަންޖެހޭ ވާޖިބުތައް ފުރިހަމަ ކުރުމަކީ ވެސް ޑިމޮކްރަޓިކް ނިޒާމެއް ފުރިހަމަ ކުރުމުގައި ލާޒިމްވާ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.
އުޝާމް މިކަން ފާހަގަކުރެއްވިއިރު، ސަރުކާރުގެ ފަރާތުން ވަނީ އަބުރާ ބެހުން މަދަނީ ކުށަކަށް ހަދަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފަ އެވެ.
އެ ބިލުގައިވާ ގޮތުން އަބުރާ ބެހުން ކަމުގައި ބެލެވޭނީ ބުނި ބަހަކީ ނުވަތަ ޝާއިއުކުރި މައުލޫމާތަކީ ދޮގެއް ކަމަށް ވުމާއި އޭގެ ސަބަބުން އަނެކާގެ ގަދަރާއި އަބުރަށް އުނިކަން އައުމެވެ. މިގޮތުން ވާހަކަ ދެއްކުމާއި ލިޔެ ޝާއިއުކުރުމާއި ކާޓޫން/ތަސްވީރު ކުރެހުމާއި ބްރޯޑްކާސްޓް ކުރުމާއި އިންޓަނެޓް މެދުވެރިކޮށް ފަތުރާ ވާހަކަތައް ހިމެނެ އެވެ.
ބިލުގައި ބުނީ އަބުރާ ބެހުމުގެ ސަބަބުން ލިބޭ މާއްދީ ގެއްލުމުގެ އިތުރުން މައުނަވީ ގެއްލުމުގެ ބަދަލު ކޯޓަށް ނަގައިދެވިދާނެ ކަމަށެވެ. މައުނަވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ބޮޑުވެގެން ވެސް ނަގައިދެވޭނީ ބިލްގައި މިހާރު އޮތް ގޮތުން ފަސް ލައްކަ ރުފިޔާ އެވެ. އަދަބު ކަނޑައެޅޭނީ 50،000 އާއި 500،000 ރުފިޔާއާ ދެމެދުގަ އެވެ.