ގަތުލުއާންމަކީ ޖިނާއީ ކުށެއް ކަމަށް ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ހިމަނަން ސަރުކާރުގެ ފަރާތުން ހުށަހެޅީ އެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ގައި ލާޒިމްކޮށްފައިވާތީ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ. 

ދައުލަތުގެ އިސް މަގާމުތައް ފުރާފައިވާ މީހުންނަށް އަދަބު ބޮޑުވާ ގޮތަށް ގަތުލްއާންމާއި އެކަމަށް ގޮވާލުމަކީ ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅާފައިވާއިރު އެ ބިލުގެ މަސައްކަތް މާދަމާ ރައްޔިތުންގެ މަޖިލީހުގައި ފަށަން ވަނީ ތާވަލުކޮށްފަ އެވެ. 

އެ ބިލާ ގުޅޭ ގޮތުން އުޝާމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖެނޮސައިޑް ކޮންވެންޝަންގައި ރާއްޖެއިން ބައިވެރިވެފައިވަނީ 24 އެޕްރީލް 1984 ގައި ކަމަށާއި އެ މުއާހަދާއަށް އަމަލުކުރުމަށްޓަކައި އެ މުއާހަދާގައި ބައިވެރިވެފައިވާ ގައުމުތަކުން ހަދަންޖެހޭ ގާނޫނުތައް ހެދުމާއި، ޖެނޮސައިޑްއާ ގުޅޭ ކުށްތަކަށް ގާނޫނުގެ ދަށުން އަދަބު ކަނޑައެޅުން ލާޒިމްކޮށްފައިވާ ކަމަށެވެ.

ނަމަވެސް، އޭގެ ފަހުން 42 އަހަރު ވެގެން ދިޔައިރުވެސް ރާއްޖެއިން އެ ޒިންމާ އަދާކޮށްފައި ނުވާ ކަން ބަންޑާރަ ނައިބު ފާހަގަކުރެއްވި އެވެ. 

ގިނަ ކުށްތަކެއް ހިމަނައި 2014 ވަނަ ފާސްކުރި ގާނޫނުލްއުގޫބާތުގައި ގަތުލްއާންމުގެ ކުށް ހިމަނާފައެއް ނުވެ އެވެ. 

މުސްލިމުންނާ ދެކޮޅަށް ގަތުލްއާންމުގެ ކުށްތައް ހިންގާފައިވާ އަދި ހިންގަމުންދާ ގައުމުތަކާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ހިނގަމުންދާ މައްސަލަތަކެެއް ކަމަށްވާ، "ދަ ގެމްބިއާ ވ. މިޔަންމާ" އަދި "ސައުތު އެފްރިކާ ވ. އިޒްރޭލު" މައްސަލަތަކަށް ދިވެހި ސަރުކާރުން ވަނީ ތަދައްހުލުވެފަ އެވެ. 

ޖެނޮސައިޑްގެ ކުށްތައް ހިންގާ ގައުމުތައް ޖަވާބުދާރީ ކުރުވައި، ހަރުކަށި ފިޔަވަޅު އެޅުމަށް ރާއްޖޭން ވަކާލާތުކޮށް އެހެން ގައުމުތަކުން ޖެނޮސައިޑް ކޮންވެންޝަނަށް ކަމޭހިތުމަށް ރާއްޖެއިން ގޮވާލާއިރު، ރާއްޖެއިން އެ މުއާހަދާގެ ދަށުން ކުރުން ލާޒިމްކޮށްފައި އޮތް ކަމެއް ކޮށްފައި ނެތުމަކީ، އެކަމުގެ ސަބަބުން ރާއްޖެއިން ހުށަހަޅާފައިވާ ގާނޫނީ ނުކުތާތަކަށް އަސަރުކުރާ ކަމެއް ކަމަށް އުޝާމް ވިދާޅުވި އެވެ. 

އުޝާމް ވިދާޅުވީ ގާނޫނުލްއުގޫބާތަށް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަކީ، ޖެނޮސައިޑް ކޮންވެންޝަނާ އެއްގޮތްވާ ގޮތުގެމަތިން ގަތުލުއާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެ ކުށުގެ އަދަބު ބަޔާންކުރުމަށްޓަކައި ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.

"މިއީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ދިވެހިރާއްޖެއިން ކުރުން ލާޒިމްކޮށްފައިވާ ކަމެއް،" ބަންޑާރަ ނައިބު ވިދާޅުވި އެވެ. 

ބިލުގައިވާ ގޮތުން ވަކި ގައުމަކަށް ނުވަތަ ނަސްލަކަށް ނުވަތަ ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކާ ދެކޮޅަށް ވަކި ކަންތައްތަކެއް ހިންގުމަކީ ކުށެކެވެ.

އެއީ: 

- އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކު މެރުން. 

- އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް ބޮޑެތި ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާ ދިނުން.

- އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް އެ ބަޔަކު އެކުގައި ނުވަތަ އޭގެ ތެރެއިން ބޮޑު ބައެއް ޖިސްމާނީ ގޮތުން ހަލާކުވެދާފަދަ ދިރިއުޅުމުގެ ހާލަތްތައް އެނގިހުރެ އަދި ގަސްދުގައި ކުރިމަތިކުރުވުން. 

- އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ކުޑަކުދިން މަޖުބޫރުން އެހެން ޖަމާއަތަކަށް ބަދަލުކުރުން. 

ބިލުގައިވާ ގޮތުން މިއީ ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެއީ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން 10 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅިފައިވާ ކުށެކެވެ. އަދި އެންމެ ބޮޑު އަދަބެއްގެ ގޮތުން 25 އަހަރުގެ ޖަލު ހުކުމެއް އިއްވިދާނެ ކުށެކެވެ. 

އެ އަމަލުތައް ކުރުމުގެ އިތުރުން އެ ކަންކަން ކުރުމަށް ސީދާ ގޮތުގައި އަދި ފާޅުގައި ގޮވާލުމަކީ ވެސް ކުށެކެވެ. 

މި މާއްދާގެ ދަށުން ކުރާ ދައުވާއެއްގައި ދައުވާ ރައްދުވާ މީހާ ކުށްކުރީ ވެރިއެއްގެ އަމުރަކަށް ތަބާވުމުގެ ގޮތުން ކަމުގައިވުމީ ނުވަތަ ކުށުގެ އަމަލު ކުރުމަކީ ގާނޫނުން ހުއްދަކޮށްފައިވާ ކަމަކަށްވުމީ ދިފާއެއް ނޫން ކަމަށް ބިލުގައިވެ އެވެ. 

މި ކުށްކުރީ ރައީސުލްޖުމްހޫރިއްޔާކަމުގެ ނުވަތަ ވަޒީރުކަމުގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ނުވަތަ ފަނޑިޔާރުކަމުގެ ނުވަތަ ސަލާމަތީ ހިދުމަތެއްގެ އަމުރުވެރިކަމުގެ މަގާމެއްގައި ހުރި މީހަކު ނަމަ، އެއީ ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެ ނޫން ހާލަތުގައި އެއީ ޖިނާއަތުގެ ދެވަނަ ދަރަޖައިގެ ކުށެކެވެ.