ގާނޫނުލްއުގޫބާތު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަކީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން، ދައުލަތުގެ ވެރިން ކުށްވެރިވާ ގޮތަށް ފަރުމާކުރެވިފައިވާ ހުތޫރަތްތެރި ބިލެއް ކަމަށް ގާނޫނުލްއުގޫބާތު ފަރުމާކުރުމުގައި އިސްކޮށް އުޅުއްވި ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ގަތުލްއާންމާއި އެކަމަށް ގޮވާލުމާއި ދައުލަތަށް ހިޔާނަތްތެރިވުން އަދި އިގުތިސޯދަށް ގެއްލުން ދިނުމަކީ ޖިނާއީ ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ހުށަހަޅައި، މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ސްޕޮންސާކޮށްފައިވާ ބިލުގެ މަސައްކަތް މާދަމާ ރައްޔިތުންގެ މަޖިލީހުގައި ފަށަން ވަނީ ތާވަލުކޮށްފަ އެވެ.
ބިލުގައި އެންމެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަކުރަމުންދަނީ، ގަތުލްއާންމުގެ ކުށާއި އެކަމަށް ގޮވާލާ ކުށް މި ދަނޑިވަޅާ ދިމާކޮށް ގެންނަން އުޅޭތީ އެވެ. އެކަމާ ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިނގަން އުޅޭ މަޝްރޫއުއާ ދަނީ ގުޅުވަމުންނެވެ.
އެ ބިލާ ގުޅޭ ގޮތުން ޝަމީމް އޭނާގެ އަމިއްލަ ބްލޮގްގައި މިރޭ ލިއުއްވި ގޮތުގައި މި ދަނޑިވަޅުގައި މި ބިލު ހުށަހެޅުއްވި ސަބަބާމެދު ވިސްނާލުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށާއި ގާނޫނީ ކަންކަމުގައި ނިޔަތް ދެނެގަންނަނީ ލިޔެފައި އޮންނަ އެއްޗަކުންނާއި އެއެއްޗަކުން ނެރެވޭ ގާނޫނީ ނަތީޖާއަށް ބަލައިގެން ކަމަށެވެ.
ގަތުލްއާންމުގެ ކުށް ގާނޫނުލްއުގޫބާތު ހިމަނަނީ 24 އެޕްރީލް 1984 ގައި ރާއްޖޭން ބައިވެރިވި ގަތުލްއާންމު ހުއްޓުވުމާއި އަދަބު ދިނުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ގައި ލާޒިމްކޮށްފައިވާތީ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ ބިލުގެ ދިފާއުގައި ވިދާޅުވެފަ އެވެ.
ނަމަވެސް، ޝަމީމް ގަބޫލުކުރައްވާ ގޮތުގައި ބިލުން މުއާހަދާގެ މަގުސަދު ހާސިލެއް ނުވެ އެވެ. އެއީ މިފަދަ ކުށްތަކަށް އިންޓަނޭޝަނަލް ޓްރައިބިއުނަލްތަކަށް ލިބޭ އިހްތިސާސްގެ ވާހަކައެއް ބިލުގައި ނެތުމުންނެވެ.
ބިލު ހުށަހެޅުއްވި މެންބަރު ރިފާއުގެ ނިޔަތާމެދު އެންމެ ފުރަތަމަ ސުވާލު އުފެދުނީ، ޝަމީމް ވިދާޅުވި ގޮތުގައި ގަތުލްއާންމުގެ ކުށް ދަރަޖަކުކޮށްފައި އޮތް ގޮތުންނެވެ. އެގޮތުން ޝަމީމް ފާހަގަކުރެއްވީ:
- އެ ކުށްކުރީ ރައީސުލްޖުމްހޫރިއްޔާކަމުގެ ނުވަތަ ވަޒީރުކަމުގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ނުވަތަ ފަނޑިޔާރުކަމުގެ ނުވަތަ ސަލާމަތީ ހިދުމަތެއްގެ އަމުރުވެރިކަމުގެ މަގާމެއްގައި ހުރި މީހަކު ކަމުގައިވާނަމަ، އެއީ ޖިނާޔަތުގެ އެއް ވަނަ ދަރަޖައިގެ ކުށެއް.
- އެ ނޫން ހާލަތްތަކުގައި، އެ ކުށަކީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެއް ކަމަށެއް.
ގަތުލްއާންމުގެ އަމަލުތަކުގެ ތެރޭގައި މީހުން މެރުން ހިމެނޭއިރު މިހާރު ގާނޫނުލްއުގޫބާތު އޮތް ގޮތުން، 110 ވަނަ މާއްދާގައި އޮތް ގޮތަށް މީހަކު މަރައިފިނަމަ، އެ ކުށުގެ ދަރަޖައަކީ ޖިނާޔަތުގެ އެއް ވަނަ ދަރަޖަ އެވެ. ނަމަވެސް، ގަތުލުއާންމެއް ހިންގައިފިނަމަ، އެއީ ޖިނާޔަތުގެ ދެ ވަނަ ދަރަޖަ އެވެ.
"ވީމާ، ގާނޫނުން ބުނަނީ، މީހުން މަރަން ބޭނުންނަމަ، ގަތުލުއާންމަކަށްވާ ގޮތަށް މީހުން މެރުމަކީ ގާނޫނުގައި އަދަބު ކުޑަ، ކުށުގެ ދަރަޖަވެސް ކުޑަކަމެއް،" ޝަމީމް ވިދާޅުވި އެވެ.
ނަމަވެސް، ޝަމީމް ވިދާޅުވި މާއްދާގައި ބަޔާންކުރަނީ ގަތުލްއާންމު ހިންގުމުގެ ކުށުގެ ބަދަލުގައި އެކަމަށް ގޮވާލުމަކީ ކުށެއް ކަމެވެ. އަދި އޭނާ ފާހަގަކުރެއްވި ކުށުގެ ދަރަޖަ ކުރުމަކީ އެކަމަށް ކަނޑައަޅާފައިވާ އަދަބެވެ. ގަތުލްއާންމު ހިންގުމުގެ ކުށް ދަރަޖަކޮށްފައިވަނީ ބިލުގައިވާ ގޮތުން ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.
ޝަމީމް ވިދާޅުވި ގޮތުގައި އޭނާގެ ކަންބޮޑުވުން އޮތީ ގަތުލްއާންމަކީ ކުށެއް ކަމަށް ގާނޫނުލްއުގޫބާތުގައި ލިޔާތީއެއް ނޫނެވެ. އެކަމަކު، ދިވެހި ދައުލަތަށް ހިޔާނާތްތެރިވުމާއި އިގުތިސާދަށް ގެއްލުންދިނުމުގެ ކުށް ފަރުމާކޮށްފައިވަނީ ވަކި ބޭބޭފުޅުންނަށް އަމާޒުކޮށްފައި އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރިފާއުގެ ވިސްނުންފުޅުގައި، ސަރުކާރު އަދި ދައުލަތުގެ ވެރިއަކަށް، އެއީ މާލީ ވަޒީރަކަސް، ފަތުރުވެރިކަމުގެ ވަޒީރަކަސް، އަދި ކިއެއްތަ، ހުދު ރައީސުލްޖުމްހޫރިއްޔާއަށްވެސް، މިކުށުގެ އަމަލު މިހާރު އޮތް ގޮތުން ކުރެވެ އެވެ. އެއީ، ދަރަޖަކުރުމުގައި ސަރުކާރު ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހަކު މި ކުށް ކޮށްފާނެ ކަމަށް ތަސައްވަރުކޮށްފައި އޮންނާތީ،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ވެރިންނަށް ގާނޫނުން ހިމާޔަތްދޭންޖެހޭނެ ކަމަށާއި އެ މީހުންކުރާ ހަމަ ކޮންމެ އަމަލަކީ ޖިނާއީ ކުށަކަށްވެދާނެ ފަދަ އަމަލެއްކަމަށް ގާނޫނުލްއުބާތުގައި ލިޔުމުން އެ އުފެއްދެނީ އެކަށީގެންނުވާ ބިރުވެރިކަމެއް ކަމަށެވެ.
ދައުލަތުގެ ވެރިންނަށް ރައްޔިތުން އޮތީ މެންޑޭޓެއް ހަވާލުކޮށްފައި ކަމަށާއި އެ މެންޑޭޓާ އެއްގޮތަށް ފުރިހަމައަށް މަސައްކަތްކުރުމުގެ ފުރުސަތު ދައުލަތުގެ ވެރިންނަށް އޮންނަންވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.