ރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމު އިސްލާހުކުރުމާ ގުޅޭ ގޮތުން ކަމާ ބެހޭ މުއައްސަސާތަކުން މިއަދު މަޝްވަރާކޮށްފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން އިސްނައިގެން ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރު އަބްދުއްޣަނީ މުހައްމަދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި ސިވިލް ކޯޓުގެ ގާޒީން އަދި ބައެއް މެޖިސްޓްރޭޓުން ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން ބާ ކައުންސިލާއި ވަކީލުން ވެސް މި ބައްދަލުވުމުގައި ބައިވެރިވި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނި ގޮތުގައި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ މަދަނީ އިޖުރާއަތުގެ ގާނޫނު މުރާޖައާކުރުމާއި މަދަނީ އަދުލުގެ ނިޒާމު އިސްލާހުކުރުމުގައި އިސްކަންދޭންޖެހޭ ދާއިރާތައް ފާހަގަކުރުމެވެ.
އެގޮތުން، މަދަނީ އިޖުރާއަތުގެ ގާނޫނަށް ގެނައުން މުހިންމު އިސްލާހުތަކާއި ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމާ ގުޅޭގޮތުން އެކި ފަރާތްތަކުގެ މުހިންމު ހުށަހެޅުންތައް މި ބައްދަލުވުމުގައި ހިއްސާކޮށްފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
މަދަނީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ބިލު ތައްޔާރުކުރުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން އަންނަނީ ކުރަމުންނެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނުން ވެސް މަދަނީ އިޖުރާއަތުގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތަކެއް ބަންޑާރަ ނައިބުގެ އޮފީހަށް މިދިޔަ އަހަރު ފޮނުވި އެވެ.
މީގެ ހަތަރު އަހަރު ކުރިން 2022 ވަނަ އަހަރު އަމަލުކުރަން ފެށި ޒަމާނީ އާ މަދަނީ އިޖުރާއަތުގެ ގާނޫނު ވެގެން ގޮސްފައި ވަނީ ރާއްޖޭގެ ވެއްޓަށް ނުފެތޭ، އެ ތަންފީޒު ކުރުމުގެ މަސައްކަތް އެންމެ ބޮޑަށް ކުރަންޖެހޭ ސިވިލް ކޯޓަށް ބޮޑު ބުރައަކަށެވެ.
އާ ގާނޫނުގެ ދަށުން އައި އެންމެ ބޮޑު ބަދަލަކީ ސިވިލް ކޯޓުގެ ޑިސްޕިއުޓު ރިސޮލިއުޝަންގެ މަރުހަލާ އުވާލުމެވެ. އޭގެ ސަބަބުން ކޯޓުން މައްސަލަތައް ނިންމުމުގައި ދިގު މުއްދަތެއް ހޭދަވާން ފެށި އެވެ.
އަދި ކުރިން ފެމިލީ ކޯޓުން ބަލަމުން އައި ތަރިކަ، ވަސިއްޔަތް އަދި ހިބައިގެ މައްސަލަތައް މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ސިވިލް ކޯޓަށް ބަދަލުވުމުން، ސިވިލް ކޯޓުގެ މަސައްކަތްތަކަށް ގިނަވި އެވެ.