ގައުމަށް ހިޔާނަތްތެރިވުމާއި އިގުތިސާދަށް ގެއްލުންދިނުމަކީ ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ސަރުކާރުން އިސްލާހެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވަނީ ގާނޫނުލްއުގޫބާތަށް އިސްލާހުތަކެއް ގެންނަން ބިލެއް މަޖިލީހަށް ވައްދައިފަ އެވެ. އެ ބިލުގެ މަސައްކަތް މާދަމާ ފަށަން ވަނީ ތާވަލުކޮށްފަ އެވެ.
އިސްލާހުގައިވާ ގޮތުން ގާނޫނުލްއުގޫބާތުގައި ދިވެހި ދައުލަތަށް ހިޔާނަތްތެރިވުމުގެ ބާބެއް ވަނީ ހިމަނައިފަ އެވެ. އެ ބާބުގައި ބުނެފައިވަނީ އެއްވެސް ދިވެހި ރައްޔިތަކު ގަސްދުގައި ރާއްޖެއާ ދެކޮޅަށް ހަނގުރާމަ ކުރުމާއި ހަނގުރާމަ ކުރާ ފަރާތްތަކާ ބައިވެރިވުމަކީ ކުށެކެވެ.
އަދި ރާއްޖޭގެ ދުޝްމަނަކާ އެއްބައިވެ، އެފަދަ ފަރާތަކަށް ރާއްޖޭގައި ނުވަތަ ބޭރުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް ކުށެކެވެ.
ދުޝްމަނެއް ކަމަށް ބުނެފައިވަނީ ބިލުގައި އޮތް ގޮތުން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާ ފަދަ އަމަލެއް ބިދޭސީންނާއި އެފަދަ އަމަލެއްގައި އެ މީހުންނާ ބައިވެރިވާ ދިވެހިންނެވެ.
މި ކުށަކީ ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެއީ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން 10 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅިފައިވާ ކުށެކެވެ. އަދި އެންމެ ބޮޑު އަދަބެއްގެ ގޮތުން 25 އަހަރުގެ ޖަލު ހުކުމެއް އިއްވިދާނެ ކުށެކެވެ.
މީގެއިތުރުން އިގުތިސާދަށް ގެއްލުންދިނުމަކީ ޖިނާއީ ކުށަކަށް ހަދަން ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ. އެގޮތުން ބިލުގައިވާ ގޮތުން ދައުލަތުގެ އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް އެނގިހުރެ ނުވަތަ އެފަދަ ގެއްލުމެއް ލިބިދާނެ ކަމުގެ ފަރުވާލެއް ނެތި އަމަލުކުރުމަކީ ކުށެކެވެ.
މި ކުށުގެ އަމަލުތައް:
- މުހިންމު އުމްރާނީ ވަސީލަތަކަށް އެފަދަ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓާ ސިސްޓަމްތަކަށް ގެއްލުންދިނުން.
- އަސާސީ ހިދުމަތެއް މެދުކަނޑުވާލުން ނުވަތަ އެފަދަ ހިދުމަތް ފޯރުކޮށްދޭ ވަސީލަތެއް ނުވަތަ ސިސްޓަމެއް ހިންގުމަށް ހުރަސްއެޅުން.
- އެ ދާއިރާއަކުން ދައުލަތަށް އާމްދަނީ ލިބޭ މައިގަނޑު ދާއިރާއެއްގެ ހިންގުން ހުއްޓާލުމުގެ ގޮތުން އެއްވެސް އަމަލެއް ކުރުން.
- އެ އަމަލެއްގެ ސަބަބުން ބޮޑު ގެއްލުމެއް ދައުލަތުގެ އިގުތިސާދަށް ލިބުން.
ބިލުގައިވާ ގޮތުން މި ކުށް ކުރީ ދައުލަތް ނުވަތަ ސަރުކާރުގެ އިސް މަގާމެއްގައި ހުރި މީހަކު ނަމަ، އެއީ ޖިނާއަތުގެ ދެ ވަނަ ދަރަޖައިގެ ކުށެކެވެ. އެ ނޫން ހާލަތެއްގައި އެއީ ޖިނާއަތުގެ ތިންވަނަ ދަރަޖައިގެ ކުށެކެވެ.
ބިލުގައި ދެން ހުށަހަޅާފައިވަނީ ގާނޫނުލްއުގޫބާތަށް ގަތުލްއާންމުގެ ކުށް އިތުރުކުރާށެވެ. އެގޮތުން ވަކި ގައުމަކަށް ނުވަތަ ނަސްލަކަށް ނުވަތަ ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކާ ދެކޮޅަށް ވަކި ކަންތައްތަކެއް ހިންގުމަކީ ކުށެކެވެ. އެއީ:
- އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކު މެރުން.
- އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް ބޮޑެތި ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާ ދިނުން .
- އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް އެ ބަޔަކު އެކުގައި ނުވަތަ އޭގެ ތެރެއިން ބޮޑު ބައެއް ޖިސްމާނީ ގޮތުން ހަލާކުވެދާފަދަ ދިރިއުޅުމުގެ ހާލަތްތައް އެނގިހުރެ އަދި ގަސްދުގައި ކުރިމަތިކުރުވުން.
- އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ކުޑަކުދިން މަޖުބޫރުން އެހެން ޖަމާއަތަކަށް ބަދަލުކުރުން.
ބިލުގައިވާ ގޮތުން މިއީ ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ.
އެ އަމަލުތައް ކުރުމުގެ އިތުރުން އެކަންކަން ކުރުމަށް ސީދާ ގޮތުގައި އަދި ފާޅުގައި ގޮވާލުމަކީ ވެސް ކުށެކެވެ.
މި މާއްދާގެ ދަށުން ކުރާ ދައުވާއެއްގައި ދައުވާ ރައްދުވާ މީހާ ކުށްކުރީ ވެރިއެއްގެ އަމުރަކަށް ތަބާވުމުގެ ގޮތުން ކަމުގައިވުމީ ނުވަތަ ކުށުގެ އަމަލު ކުރުމަކީ ގާނޫނުން ހުއްދަކޮށްފައިވާ ކަމަކަށްވުމީ ދިފާއެއް ނޫން ކަމަށް ބިލުގައިވެ އެވެ.
މި ކުށްކުރީ ރައީސުލްޖުމްހޫރިއްޔާކަމުގެ ނުވަތަ ވަޒީރުކަމުގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ނުވަތަ ފަނޑިޔާރުކަމުގެ ނުވަތަ ސަލާމަތީ ހިދުމަތެއްގެ އަމުރުވެރިކަމުގެ މަގާމެއްގައި ހުރި މީހަކު ނަމަ، އެއީ ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެ ނޫން ހާލަތުގައި އެއީ ޖިނާއަތުގެ ދެވަނަ ދަރަޖައިގެ ކުށެކެވެ.