ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރައްޔިތުންގެ އިންތިހާބީ އެއްވެސް ހައްގަކަށް އުނިކަމެއް އަންނާނެ ކަމެއް ނޫން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ. 

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ތަސްދީގު ކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ލޯކަލް ކައުންސިލް އިންތހާބާ އެކު އަންނަ މަހު ބާއްވަން ވަނީ ހަމަޖެހިފަ އެވެ.

އެ ވޯޓާ ގުޅޭ ގޮތުން މިއަދު ބާ ކައުންސިލުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ބަންޑާރަ ނައިބު ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކުން ރައްޔިތުންގެ މަޖިލިސް އިންތިހާބު ކުރާ ގޮތަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. ދެންވެސް މަޖިލީހުގައި ތިއްބަވާ ރައްޔިތުންގެ މަންދޫބުން ކަނޑައަޅާނީ ހަމަ ރައްޔިތުންގެ ވޯޓުން ކަމަށާއި ހަމައެކަނި ބަދަލުވާ ކަމަކީ އިންތިހާބު އޮންނަ ދުވަސް ކަން ފާހަގަކުރެއްވި އެވެ. 

ފައިދާތައް ހުރީމަ އެ ގައުމުތަކުގައި ވެސް އެގޮތަށް އެކަން ކުރަނީ. މި ކަމަކީ ހަމައެކަނި ބަރުލަމާނީ ނިޒާމުގެ ސިފައެކޭ އެ ވިދާޅުވަނީ ރަނގަޅަކަށް ނޫން. ރިޔާސީ ނިޒާމު އޮންނަ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވެސް މިކަން ކުރެވޭ. މިކަމުގައި ރަނގަޅު ނަތީޖާތަކެއް ވެސް ދިރާސާތަކުން ފެންނަ އެބަހުރި.
ބަންޑާރަ ނައިބު

މި ބަދަލަކީ ގާނޫނުއަސާސީއަށް ގެނެވޭ ދުސްތޫރީ ބަދަލެއް ނޫން ކަމަށާއި އަދި އެއީ ރައްޔިތުންގެ އިންތިހާބީ އެއްވެސް ހައްގަކަށް އުނިކަމެއް އަންނާނެ ކަމެއް ނޫން ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ. 

"މި އިސްލާހުގެ ނަތީޖާއަކީ އިންތިހާބީ ހައްގަށާއި އަދި އަޅުގަނޑުމެން ގަބޫލުކޮށްފައި މި އޮންނަ ބާރުތައް ވަކިވެފައިވާ ނިޒާމަށް ވެސް އެއްވެސް ބަދަލެއް އަންނާނެ އިސްލާހެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އުޝާމް ވިދާޅުވި އެވެ. 

ބަންޑާރަ ނައިބު ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ބަރުލަމާނީ ސިފައެއް ނޫން ކަމަށާއި ރިޔާސީ ނިޒާމު އޮންނަ އެހެން ބައެއް ގައުމުތަކުގައި ވެސް އެގޮތަށް އަމަލު ކުރާ ކަމަށެވެ. އެގޮތުން ރިޔާސީ ނިޒާމު އޮންނަ، ތުރިުކީ އިންޑޮނޭޝިއާ، ފިލިޕީންސް، އާޖެންޓީނާ އަދި ބްރެޒިލްގައި ވެސް ދެ އިންތިހާބު ބާއްވަނީ އެކީގައި ކަމަށް ވިދާޅުވި އެވެ. 

"ފައިދާތައް ހުރީމަ އެ ގައުމުތަކުގައި ވެސް އެގޮތަށް އެކަން ކުރަނީ. މި ކަމަކީ ހަމައެކަނި ބަރުލަމާނީ ނިޒާމުގެ ސިފައެކޭ އެ ވިދާޅުވަނީ ރަނގަޅަކަށް ނޫން. ރިޔާސީ ނިޒާމު އޮންނަ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވެސް މިކަން ކުރެވޭ. މިކަމުގައި ރަނގަޅު ނަތީޖާތަކެއް ވެސް ދިރާސާތަކުން ފެންނަ އެބަހުރި،" އުޝާމް ވިދާޅުވި އެވެ. 

އުޝާމް ވިދާޅުވީ ރާއްޖެއިން ބަލައިގެންފައި ވަނީ މަލްޓި-ޕާޓީ ޑިމޮކްރަޓިކް ނިޒާމެއް ކަމަށާއި އެ ނިޒާމުގައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށެވެ. އެކަމުގެ ދުސްތޫރީ އެންމެ އަސާސީ ސިފައަކީ ރައްޔިތުންނަށް ލިބިދީފައި އޮންނަ ވޯޓުލުމުގެ ހައްގު ކަމަށެވެ. 

"ރައްޔިތުން ވޯޓުލައިގެން ރައިސޫލްޖުމްހޫރިއްޔާ އިންތިހާބު ކުރުމުގެ ހައްގު. ރައްޔިތުން ވޯޓުލައިގެން ރައްޔިތުންގެ މަންދޫބުން މަޖިލީހަށް އިންތިހާބު ކުރުމުގެ ހައްގު. މިއީ އެންމެ ބޭސިކް އެއް އަސާސްއަކީ ގާނޫނުއަސާސީގައި ކަނޑައެޅިފައި އޮތް. މި އިސްލާހުގެ ސަބަބުން މިކަމަށް އެއްވެސް ބަދަލެއް ނާދޭ،" އުޝާމް ވިދާޅުވި އެވެ. 

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވި ނަމަވެސް، ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރުމުގެ ހައްގު ވެސް އަދި މަޖިލިސް މެންބަރުން އިންތިހާބު ކުރުމުގެ ހައްގު ވެސް އޮންނާނެ ކަން އުޝާމް ފާހަގަކުރެއްވި އެވެ. 

އުޝާމް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީއަށް ގެންނަ ބަދަލުން ދުސްތޫރީ އޮނިގަނޑަށް ބަދަލެއް އަންނަ ކަމަކަށް ގަބޫލު ނުކުރައްވަ އެވެ. މިއީ ރާއްޖޭގައި އަމަލުކުރަމުން އަންނަ ޒަމާންވީ އިންތިހާބީ އޮނިގަނޑަށް އަންނަ ބަދަލެއް ކަމަށް ވިދާޅުވި އެވެ.