މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމާ އެކު، އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެނަ ވޯޓު ނަގަން ސަރުކާރުން ބޭނުންވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓާ އެކު ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން ކުއްލި ގޮތަކަށް މިއަދުު ޖަލްސާ ބާއްވައި އެޖެންޑާ ކުރުމުން ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.
އެކަމާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުގެ އިސް އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލަން މަޖިލިހުން ފާސްކުރުމަށް ފަހު، ރައްޔިތުންގެ ރިފަރެންޑަމަކަށް ދާން ޖެހޭ ކަމަށެވެ.
އެކަމަކު، އެއީ މުޅި ރާއްޖޭގައި ބާއްވަން ޖެހޭ ރިފަރެންޑަމެއް ނުވަތަ ފެންނަ ނުފެންނަ ވޯޓަކަށް ވާތީ، ވަކިން އެކަން ބާއްވައިފި ނަމަ ވަރަށް ބޮޑު ހަރަދެއް ހިނގާނެ ކަމަށް ސަރުކާރަށް ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވެ، ސަރުކާރުން ބޭނުންވަނީ ކުރިއަށް މި އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ އެކުއެކީގައި މި ރިފަރެންޑަމް ބާއްވައި ނިންމައިލަން. އޭރުން ވަރަށް ވަރަށް ބޮޑު ތަނުން ރިފަރެންޑަމްގެ ހަރަދު ކުޑަކުރެވޭ،" ބަންޑާރަ ނައިބުގެ އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ އޭޕްރީލް ހަތަރުވަނަ ދުވަހު އެވެ.
އެއާ އެކު، ދެން ކުރިމަތިވާ ގާނޫނީ ގޮންޖެހުމަކީ އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަމަލުކުރަން ފެށި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގައި ކަނަޑައަޅާފައިވާ މުއްދަތެވެ.
އެ ގާނޫނުގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ މުއްދަތު އޮންނަން ވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ވެ އެވެ. އަދި އާންމުން ހޭލުންތެރިކުރުން ފަދަ އެހެން ކަންކަން ވެސް އެ މުއްދަތުތަކުގެ ތެރޭގައި ކުރަން ޖެހެ އެވެ.
އެޓާނީ ޖެނެރަލް އޮފީހުގެ އޮފިޝަލް ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވިޔަސް އެކަމާ މެދު މަޖިލިހުން ގޮތެއް ނިންމާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު މަޖިލިސް ހުޅުވުމުންނެވެ.
އެހެންވެ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކުރިއަށް، ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ގާނޫނުގައި ބުނާ 45 ދުވަހުގެ މުއްދަތަށް ފައްތަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މީގައި ސަރުކާރަށް މުހިންމު ވެގެން މި އުޅެނީ ހަރަދު ކުޑަކުރަން. ދެން އޮތީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނަގާ ގާނޫނުގެ މުއްދަތު. އެ މުއްދަތަށް ރީޗު ވާން ބޭނުން ނަމަ މިހާރުއްސުރެ ފަށައިގެން ވާން އޮތީ. އެންމެ މުހިންމީ ހަރަދު ކުޑަވުން،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލަން ހުށަހެޅި އިސްލާހު ކުރުކޮށް:
ރައްޔިތުންގެ މަޖިލިހުގެ އުމުރަކީ ޑިސެމްބަރު 1 އިން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް. އެ މުއްދަތު ހަމަވުމުން މަޖިލިސް އުވޭނެ. (މިއީ ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހެއް)
މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލިހުގެ އުމުރު ހަމަވެ، މަޖިލިސް އުވުމާ އެކު، އަލަށް އިންތިހާބުކުރާ މަޖިލިހުގެ ފުރަތަމަ ޖަލްސާ ބާއްވާނީ ޑިސެމްބަރު 1 ގައި ކަމަށް (މިއީ ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އިތުރުކުރާ އަކުރެއް)
ދެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުގެ ބިލް ފާސްކުރާއިރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލިހުގެ އުމުރު ޑިސެމްބަރު 1، 2028 އަަށް ހަމަވާނެ. ގާނޫނުއަސާސީގެ 79 ވަނަ މާއްދާ އަށް ގެންނަ އިސްލާހަށް ފަހު، ދެން އެންމެ އަވަހަށް ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ޑިސެމްބަރު 1، 2028 ގެ ކުރިން ބާއްވައި ނިންމުން. އަދި އެ މަޖިލިހުގެ ފުރަތަމަ ޖަލްސާ އެ ތާރީހުގައި ބާއްވަން ޖެހޭ.
ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރު އިބްރާހިމް ފަލާހު އެވެ.
"ދެން އޮތީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނަގާ ގާނޫނުގެ މުއްދަތު. އެ މުއްދަތަށް ރީޗު ވާން ބޭނުން ނަމަ މިހާރުއްސުރެ ފަށައިގެން ވާން އޮތީ. އެންމެ މުހިންމީ ހަރަދު ކުޑަވުން"---
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުން، އެ ބަދަލު ގެނައުމުން ރައްޔިތުންގެ ފައިސާއިން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވެ އެވެ.
"އެ 120 މިލިއަން ރުފިޔާ އިން ނިކަމެތި އެތައް އާއިލާއެއްގެ ކަންކަން ދައުލަތަށް، ސަރުކާރަށް ނިންމައި ދެވޭނެ،" ޕީއެންސީގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވެފައި ވެ އެވެ.
ދެ އިންތިހާބު އެއްކޮށްލުމާ ސަރުކާރާ ދެކޮޅު ސިޔާސީ އިސް ވެރިންގެ ހިޔާލު ތަފާތުވި ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސަރުކާރުގެ ނިންމުމަށް ތާއީދު ކުރައްވައިފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓު ހޯއްދަވަން މަސައްކަތް ކުރައްވާ ފައްޔާޒު އިސްމާއިލް ވަނީ ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅުކަން ރޭގައި ހާމަކުރައްވައިފަ އެވެ.