މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއްް އިއްޔެ ހުށަހަޅައިފި އެވެ.
ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި ބިލުގައި ބުނީ އެ ބިލުގެ ބޭނުމަކީ މަޖިލީހުގެ މެމްބަރު ކަމަށް މީހުން ހޮވުމަށާއި ރައީސް ހޮވުމަށް ބާއްވާ އިންތިހާބު ބާއްވަން ވާނީ ދެ އިންތިހާބު އެކީގައި ކަމަށް ކަނޑައެޅުން ކަމަށެވެ. އަދި މަޖިލީހުގެ ދައުރު ނުވަތަ އުމުރު ގުނުމުގެ އުސޫލު އިސްލާހުކޮށް، ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަކީ ވެސް އެ ބިލުގެ ބޭނުމެއް ކަމަށް ބުނެފައިވެ އެވެ.
އެ ބިލުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނީ ކޮންމެ ފަސް އަހަރަކުން ރައީސަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބާ އެކުގަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް ވެސް އެ ބިލުގައިވެ އެވެ.
ބިލުގައި ބަަޔާންކޮށްފައިވާ ގޮތުން މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާނީ ޑިސެމްބަރު 1، 2028 އަށެވެ. އެހެންވެ، އެ ތާރީހުގެ ކުރިން ރިޔާސީ އިންތިހާބާ އެކު، މަޖިލިސް އިންތިހާބު ވެސް ބާއްވަން ވާނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލައި، ދެ އިންތިހާބު އެކުގައި ބާއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކި ދުވަސް މަތިން ވިދާޅުވެފައިވެ އެވެ. އެކަން ކުރައްވަނީ ދެ އިންތިހާބަށް ދައުލަތުން ކުރާ ހަރަދު ކުޑަކުރުމުގެ ގޮތުން ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
ފަލާހު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ދެ އިންތިހާބު އެއްކޮށް ބޭއްވުމުން ބަޖެޓުން 70 މިލިއަން ރުފިޔާ ސަލާމްތަކުރެވޭނެ އެވެ.
އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް މަޖިލީހުން ވަނީ ރެފަރެންޑަމް ނުވަތަ ފެންނަ/ނުފެންނަ ވޯޓުގެ ގާނޫނެއް ވެސް މިދިޔަ އަހަރު ހަދައިފަ އެވެ. އެ ގާނޫނު ހެދީ ރައީސް މަގާމުގެ ހުވާކުރައްވާ ދުވަސް ނޮވެމްބަރު 17 ގެ ބަދަލުގައި ނޮވެމްބަރު 11 އަށް ބަދަލު ކުރުމާއި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމުގެ އިތުރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށެވެ. އަދި އެ ނޫން ވެސް ގައުމީ މުހިންމު ކަންކަމުގައި ވެސް ފެންނަ ނުފެންނަ ވޯޓަށް ދިއުމުގެ ފުރުސަތު އެ ގާނޫނުގެ ދަށުން ލިބެ އެވެ.
އެ ގާނޫނުގެ ދަށުން ބޭއްވި ފުރަތަމަ ވޯޓަކީ އައްޑޫ ސިޓީގެ އިދާރީ ދާއިރާތަކުގެ ތެރެއިން އައްޑޫގެ ގުޅިފައިވާ ރަށްތަކާއި އައްޑޫ ފޭދު އާއި ހުޅުދު އަދި މީދޫ ވަކިކުރުމަށް މިދިޔަ އަހަރު އޮކްޓޯބަރު މަހު ބޭއްވި އިންތިހާބެވެ.