ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.

އަންނަ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލް އިންތިހާބާއެކު ބާއްވަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓަކީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ތަސްދީގު ކުރުމަށް ފެނޭތޯ ބެލުމަށް ނަގާ ވޯޓެކެވެ. 

ގާނޫނީ ވަކީލް އައިކް އަހުމަދު އީސަ އާއި ގާނޫނީ ވަކީލް އިބްރާހިމް ޝިޔާމްގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންނާ ކުރުމަށް ކަނޑައަޅާފައިވާ ސުވާލަކީ ގާނޫނު އަސާސީއާ ހިލާފް ސުވާލެއް ކަމަށް ބުނެ އެ ވޯޓު ހުއްޓުވުމަށެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓެއް ނަގާއިރު ސުވާލު ހިމަނަންޖެހޭ ވަކި ގޮތެއް ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ވެސް ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި ގާނޫނު އަސާސީއަށް ގެންނަ އެފަދަ ބަދަލަކާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓެއްގައި ގާނޫނު އަސާސީއަށް ގެނެވޭ މުޅި އިސްލާހުގައި ހިމެނޭ ހުރިހާ ކަމަކާ މެދު ފެންނަ ނުފެންނަ ވޯޓުގައި ސުވާލު ކުރަން ޖެހޭއިރު މިހާރު ސުވާލު އޮތީ މަޖިލީހުން ފާސްކުރި އިސްލާހުގައި ހިމެނޭ ކަންކަން ހިމެނޭ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންވެ، ފެންނަ ނުފެންނަ ވޯޓުގެ ސުވާލު މިހާރު އޮތީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބެލެވެން ނެތް ކަމަށާއި އެހެންވެ ފެންނަ ނުފެންނަ ވޯޓު ހުއްޓުވެން ނެތް ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރައްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ އާއި ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ. އަދި ބެންޗުގެ ރިޔާސަތަކީ އުއްތަމަ ފަނޑިޔާރެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ނިންމިއިރު، އެ ވޯޓު ހުއްޓުވުމަށް އެމްޑީޕީން ސިވިލް ކޯޓާއި ހައި ކޯޓަށް ވެސް ކުރިން މައްސަލަތަކެއް ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލަތައް ބަލައިގެންފައެއް ނުވެ އެވެ.