ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލާގެ ހުކުމް އަންނަ ބުދަ ދުވަހު އިއްވަން ހަމަޖައްސައިފި އެވެ.
މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ހުށަހެޅީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ.
އެ މައްސަލާގެ އަޑުއެހުންތައް މި މަހު ސުޕްރީމް ކޯޓުން ނިންމާލާފައިވާއިރު، ހުކުމް އިއްވަން ހަމަޖައްސާފައިވަނީ އަންނަ ބުދަ ދުވަހުގެ ހެނދުނު އެވެ.
އެ މައްސަލަ ނިމެންދެން، ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ނުގެއްލޭ ގޮތަށް ވަގުތީ އަމުރެއް ނެރެދޭން އަލީ ހުސައިންގެ ފަރާތުން އެދުނަސް ސުޕްރީމް ކޯޓުން ނިންމާފައި އޮތީ އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.