ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ ނުވަތަ ޕާޓީން ވަކިވެއްޖެނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ މައްސަލާގެ އަޑުއެހުންތައް ގިނަ ބަހުސްތަކާއި ފަނޑިޔާރުންގެ ގިނަ ސުވާލުތަކަށްފަހު ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ މަޖިލިސް މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ. އެ މައްސަލާގެ ތެރެއަށް އެމްޑީޕީން ވެސް ވަނީ ތަދައްޚުލްވެފަ އެވެ. 

ސުޕްރީމް ކޯޓުގައި މިއަދު ހެނދުނުން ފެށިގެން ހަވީރާ ހަމައަށް ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ ސައްހަކަމާ މެދު ދެ ފަރާތުން ހޫނު ބަހުސްތަކެއް ކުރި އެވެ. އަދި ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް އަމާޒުވި އެވެ.

އަލީ ހުސައިންގެ ވަކީލުންނާއި އެމްޑީޕީގެ ވަކީލުން ވެސް ބުނީ އެ އިސްލާހަކީ ގާނޫނު އަސާސީގެ މައިގަނޑު އަސާސްތަކާ ހިލާފަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ހުރިހާ ބާރެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް ގާނޫނު އަސާސީގައި ބުނާއިރު، ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހެދުމުން އެ އުސޫލާ ހިލާފްވެ ޕާޓީތަކުގެ ނުފޫޒު މެމްބަރުންގެ މައްޗަށް ފޯރުވޭ ކަމަށް އެ ވަކީލުން ބުންޏެވެ. 

ނަމަވެސް ދައުލަތުން ވަކާލާތުކުރީ ގާނޫނު އަސާސީއަށް މަޖިލީހުން ގެންނަ އިސްލާހެއްގެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އެވެ. އެއީ ގާނޫނު އަސާސީން އެ ބާރު ކޯޓުތަކަށް ނުލިބޭ ކަމަށް ބުނެ އެވެ.

ދައުލަތުން ބުނިގޮތުގައި އެ މައްސަލަ ކޯޓަށް ބެލޭނެ ކަމަށް ނިންމިޔަސް، އެ އިސްލާހަކީ ގާނޫނު އަސާސީގެ މައިގަނޑު އަސާސްތަކާ ހިލާފް އިސްލާހެއް ނޫން ކަމަށެވެ. އަދި ގާނޫނު އަސާސީގެ މައިގަނޑު އަސާސްތަކާ ހިލާފް އިސްލާހެއް ގާނޫނު އަސާސީއަށް ނުގެނެވޭނެ ކަމަށް ބުނާ އުސޫލަކީ ގިނަ ގައުމުތަކުން ބަލައިގަންނަ އުސޫލެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ. 

ވަގުތީ އަމުރެއް ނެރުމަށް ދައުލަތުން ދެކޮޅު

އެ މައްސަލަ ނިމެންދެން، ޕާޓީން ވަކިކޮށްގެން ނުވަތަ ވަކިވެގެން މެމްބަރެއްގެ ގޮނޑި ނުގެއްލޭ ގޮތަށް ވަގުތީ އަމުރެއް ނެރެދިނުމަށާއި އަދި އެ މައްސަލަ ނިމެންދެން ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކާ މެދު ފިޔަވަޅު ނޭޅުމުގެ ވަގުތީ އަމުރަކަށް އަލީ ހުސައިންގެ ފަރާތުން އެދިފައިވެ އެވެ. 

އެ ދެ އަމުރު ނެރެދޭން ދައުލަތުން ދެކޮޅު ހެދި އެވެ. ދައުލަތުން ބުނީ ދުސްތޫރީ މައްސަލައެއްގައި ވަގުތު ނެރެދިނުމާ ބެހޭގޮތުން ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، އެ ދެ އަމުރު ނެރެންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ގޮނޑި ގެއްލޭ މައްސަލާގެ ކުރީގެ އަޑުއެހުމަކަށް ދައުލަތުގެ ވަކީލުން ވަންނަނީ --- ފޮޓޯ/މިހާރު
ގޮނޑި ގެއްލޭ މައްސަލާގެ ކުރީގެ އަޑުއެހުމަކަށް ދައުލަތުގެ ވަކީލުން ވަންނަނީ --- ފޮޓޯ/މިހާރު

ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅުން ހުއްޓުވަން އަމުރެއް ނެރެފިނަމަ އެހެން މުއައްސަސާތަކަކަށް ގާނޫނުން ލިބިދޭ ބާރެއް ހިފެހެއްޓިގެންދާ ކަމަށް ދައުލަތުން ބުންޏެވެ.

އަލީ ހުސައިންގެ ވަކީލް މަހްފޫޒް ސައީދު ވިދާޅުވީ ސުޕްރީމް ކޯޓުގައި ކުރިން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރެއްގެ ޖިނާއީ މައްސަލައެއް ބަލާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގިތާ އެތައް ދުވަހެއްވީއިރު ވެސް އެ މައްސަލަތަކެއް ނުބަލާ ކަމަށެވެ. ނަމަވެސް އޭސީސީއަކީ ބަލާނެ މައްސަލަތައް ގިނަވެގެން ނުބެލިގެން އުޅޭ ވަރުގެ ކޮމިޝަނެއް ނޫން ކަމަށް މަހްފޫޒް ވިދާޅުވި އެވެ.

ފަނޑިޔާރުންނާ މެދު ފިޔަވަޅު ނާޅަން ވަގުތީ އަމުރަކަށް އެދުނީ އެ ހުރިހާ ވަށައިގެންވާ ކަންކަމަށް ބެލުމަށްފަހު ކަމަށާއި އަދި އެކަންކަމަށް ބަލަންޖެހޭ ކަމަށް މަހްފޫޒް ވިދާޅުވި އެވެ.  

ބެންޗުގެ ގިނަ ސުވާލުތައް ދެ ފަރާތަށް

އެ އިސްލާހަކީ ގާނޫނު އަސާސީގެ މައިގަނޑު އޮނިގަނޑާ ހިލާފް ކަމެއް ކަމަށް ބުނާތީ، އެންމެންނަށް އެއްބަސްވެވޭ ގާނޫނު އަސާސީގެ އޮނިގަނޑެއް އޮންނާނެތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ވަކީލް މަހްފޫޒް ވިދާޅުވީ އެންމެންނަށް އެއްބަސްވެވޭ އޮނިގަނޑެއް ނޯންނާނެ ކަމަށާއި އެކި ގައުމުތަކުގައި ގާނޫނު އަސާސީގެ އޮނިގަނޑު ތަފާތު ކަމަށެވެ. ނަމަވެސް ޕާޓީ ބަދަލުކުރާ ނުވަތަ ޕާޓީން ވަކިކުރާ މެމްބަރުން ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ގާނޫނު އަސާސީގެ މައިގަނޑު އޮނިގަނޑާ ހިލާފްވާ ސަބަބު އެ މައްސަލާގައި ބަޔާން ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މަޖިލީހަށް މެމްބަރުން ހޮވަނީ ޕާޓީއަށް ބަލައިގެންތޯ ނުވަތަ މީހާއަށް ބަލައިގެންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ދައުލަތުން ބުނީ އާންމު އުސޫލުން ބަލަނީ މީހާއަށް ކަމަށް ވިޔަސް، އެ މީހަކު ނިސްބަތްވާ ޕާޓީއަށް ބަލައިގެން ވެސް ވޯޓް ދޭނެ ކަމަށެވެ.

ވަކީލް މަހްފޫޒް ވިދާޅުވީ ވޯޓު ދެނީ ޕާޓީއަށް ބަލައިގެންތޯ ނުވަތަ މީހާއަށް ބަލައިގެންތޯ އެއީ ދުވަހަކު ވެސް ނިމުމެއް ނާންނާނެ ބަހުސެއް ކަމަށެވެ. ނަމަވެސް  ޕާޓީތަކުން މީހާއަށް ތާއީދު ކުރިޔަސް ވޯޓު ދެނީ މީހާއަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާޓީއެއްގެ ޓިކެޓްގައި ޕާޓީގެ މެނިފެސްޓޯ ދައްކައިގެން މެމްބަރު ކަމަށް ހޮވުމަށްފަހު އެހެން ފިކުރަކަށް ބަދަލުވުމުން ރައްޔިތުންގެ ހައްގުތަކަށް އަސަރު ނުކުރޭތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

އަލީ ހުސައިންގެ ވަކީލުން ބުނީ މެމްބަރުން މަސައްކަތް ކުރަން ޖެހޭނީ އަމިއްލަ ވިސްނުމާއި އަމިއްލަ ފައިދާއަށް ވުރެ ގައުމާއި ރައްޔިތުންނަށް އިސްކަން ދީގެން ކަމަށެވެ. އަދި ޕާޓީގެ ސިޔާސަތު އިސް ކުރުމަކީ ރައްޔިތުންގެ ހައްގު ގެއްލޭނެ ކަމެއް ކަމަށް އެ ވަކީލުން ބުންޏެވެ. 

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ކުރިން ވެސް، ޕާޓީ ބަދަލުކުރާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަންގެ ގާނޫނެއް ވުޖޫދަށް ގެނެސްފައި އޮތްއިރު އެ ގާނޫނުގެ ސައްހަކަމާ މެދު ސުވާލު އުފެއްދުމެއް ނެތި ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން އެދެނީ ކީއްވެގެންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

އަލީ ހުސައިންގެ ވަކީލް އައިޝަތު ޝީނާ މުހައްމަދު ވިދާޅުވީ އެންޓި ޑިފެކްޝަންގެ ގާނޫނުގެ ދަށުން އޮޓަމެޓިކުން ގޮނޑި ނުގެއްލޭ ކަމަށާއި އަދި އެ ގާނޫނުގެ ދަށުން ޕާޓީ ބަދަލުކުރާ ނުވަތަ ވަކިކުރާ މެމްބަރުން ޖެހެނީ އަމިއްލައަށް އިސްތިއުފާ ދޭން ކަމަށް އޭނާ ވިދާޅުވި އެވެ.  

ވަކީލް ޝީނާ މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަނީ
ވަކީލް ޝީނާ މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަނީ

ނަމަވެސް ދައުލަތުން ބުނީ އެ ދެ ހާލަތުގައި ވެސް ނަތީޖާއަކީ ގޮނޑި ހުސްވުން ކަމަށެވެ. 

ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ ދަށުން ޕާޓީން ވަކިކުރާ ނުވަތަ ވަކިވާ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެނަމަ އެކަމާ މެދު ގޮތެއް ނިންމަން ސުޕްރީމް ކޯޓަށް ދެވޭނެތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. 

ޖަވާބުގައި ޝީނާ ވިދާޅުވީ އެ އިސްލާހު އޮތްގޮތުން ސުޕްރީމް ކޯޓަށް ދިއުމުގެ ފުރުސަތު މެމްބަރަށް ނުލިބޭނެ ކަމަށެވެ. ނަމަވެސް ދައުލަތުން ބުނީ އެ ހާލަތުގައި ގޮނޑި ގެއްލޭ މެމްބަރު ނޫނަސް އެހެން ފަރާތަކަށް ވެސް ސުޕްރީމް ކޯޓަށް ދެވިދާނެ ކަމަށެވެ. 

ގާނޫނު އަސާސީއަށް އެ އިސްލާހު ގެނައުމުގައި މަޖިލީހުން އަމަލުކުރި ގޮތާ ބެހޭގޮތުން ވެސް ބެންޗުން ސުވާލު ކުރެއްވި އެވެ.  އޭގެ ޖަވާބުގައި އަލީ ހުސައިން ވިދާޅުވީ މީގެކުރިން ނުވަ ވަރަކަށް ގަޑިއިރުގެ ތެރޭގައި ގާނޫނު އަސާސީއަށް އިސްލާހެއް ގެނެސްފައި ނެތް ކަމަށެވެ. އަދި އެންމެ ދުވަހެއްގެ ތެރޭގައި އެ އިސްލާހު ގެނެސްފައިވާތީ އެއީ ރަނގަޅަށް ކުރި ކަމެއް ކަމަށް ނުބުނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އޭގެ ޖަވާބުގައި ދައުލަތުން ބުނީ އަވަސް އަރުވާލައިގެން އިސްލާހެއް ގެނައުމަކީ އިޖްރައާތުތަކާ ހިލާފް ކަމަކަށް ނުވާނެ ކަމަށެވެ. އަދި އެ އިސްލާހު ފާސް ކުރުމުގައި ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދުގައި ބުނާ އިޖްރައާތު ފުރިހަމަކުރި ކަމަށް ދައުލަތުން ބުންޏެވެ. 

މިއަދުގެ އަޑުއެހުން ނިންމާލަމުން، އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ އެ މައްސަލާގައި ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ. 

އުއްތަމަ ފަނޑިޔާރުގެ އިތުރުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު މުހައްމަދު ސަލީމް ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.