ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށާއި ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ސައްހަ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް 2024 ވަނަ އަހަރު ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ.

އަހަރަކަށް ވުރެ ގިނަ ދުވަސްފަހުން ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ މަޖިލިސް މެމްބަރުން ޕާޓީ ބަދަލުކުރުމަކީ ރާއްޖޭގެ ރައްޔިތުން ބަލައިގަންނަ ކަމެއް ނޫންކަން އަމިއްލަ ޖަމިއްޔާތަކުން ހެދި ދިރާސާތަކުން ވެސް ދައްކާ ކަމަށެވެ. އަދި މަޖިލިސް މެމްބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމަކީ އެހެން ގައުމުތަކުގައި ވެސް ކުރާ ކަމެއް ކަމަށާއި އަދި އެފަދަ ބަދަލުތައް އެ ގައުމުތަކުގެ ކޯޓުތަކުން ދަމަހައްޓާފައިވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ. 

ދައުލަތުގެ ވަކީލާ މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަނީ
ދައުލަތުގެ ވަކީލާ މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަނީ

މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ޕާޓީ ބަދަލުކުރާ މެމްބަރުން ގޮނޑި ގެއްލޭ ގޮތަށް ހެދި ގާނޫނުގެ މައްސަލަ ސުޕްރީމް ކޯޓަށް އޭރު ހުށަހެޅުމުން އެ ގާނޫނު ސައްހަ ކަމަށް އޭރު ސުޕްރީމް ކޯޓުން ނިންމާފައިވާކަން ދައުލަތުން ފާހަގަކުރި އެވެ.

ޕާޓީ ބަދަލުކުރުން ހުއްޓުވުމަކީ ގާނޫނު އަސާސީގެ މައިގަނޑު އަސާސްތަކުގެ ޑޮކްޓްރިންއާ ހިލާފް ކަމެއް ކަމަށް އަލީ ހުސައިންގެ ފަރާތުން ބުނާ ބުނުމަށް ރައްދުދީ ދައުލަތުން ބުނި ގޮތުގައި ގާނޫނު އަސާސީގެ މައިގަނޑު އަސާސްތަކުގެ ޑޮކްޓަރިންއަކީ ގިނަ ގައުމުތަކުގައި ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އަދި އެހެންވެ، ގިނަ ގައުމުތަކުގެ ގާނޫނު އަސާސީއަށް ގެންނަ ބަދަލުތަކުގެ މައްސަލަ ކޯޓުތަކުން ނުބަލާ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ ގާނޫނު އަސާސީ މާނަކުރުމުގައި އެންމެ ފުރަތަމަ ބަލަން ޖެހޭނީ ގާނޫނު އަސާސީގައި ލިޔެފައި އޮތް އެއްޗަކަށް ކަމަށެވެ. އަދި ގާނޫނު އަސާސީއަށް ގެންނަ އިސްލާހުތަކުގެ މައްސަލަ ކޯޓުތަކަށް ބެލޭނެ އެއްވެސް ބާރެއް ގާނޫނު އަސާސީން ދީފައި ނުވާއިރު، އެ ނޫން ގޮތަކަށް އެކަން މާނަ ކުރެވޭނީ ކިހިނެއްތޯ ދައުލަތުން ސުވާލު އުފެއްދި އެވެ. 

މެމްބަރުންގެ ގޮނޑި ގެއްލޭނީ ގާނޫނުގައިވާ ގޮތުގެ މަތިން އެ މެމްބަރަކު ޕާޓީން ވަކިކުރުމުން ކަމަށް ދައުލަތުން ބުންޏެވެ. އަދި އެގޮތަށް މެމްބަރަކު ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލުނު ކަމާ މެދު ޚިލާފެއް އުފެދޭ ނަމަ އެ މައްސަލައެއް ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށާއި އެހެންވެ، އެއީ މެމްބަރުންގެ މައްޗަށް ނުފޫޒު ފޯރުވޭ ގޮތަށް އޮތް އިސްލާހެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ. 

އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން ހުށަހެޅި އިއުތިރާޒް މިއަދު ވެސް ދައުލަތުން ތަކުރާރުކުރި އެވެ. އެގޮތުން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބާރު މަޖިލީހަށް ލިބިގެންވާއިރު، ގާނޫނު އަސާސީއަށް ގެންނަ އިސްލާހެއް ގާނޫނު އަސާސީއާ ހިލާފްވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަނޭޅޭނެ ކަމަށް ދައުލަތުން ބުންޏެވެ. 

ދައުލަތުން އެދުނީ އެ މައްސަލަ ނުބެލޭނެ ކަމަށް ނިންމައިދިނުން ނުވަތަ އެ މައްސަލަ ބެލޭނެ ކަމަށް ނިންމާ ހާލަތުގައި ވެސް، އެ އިސްލާހު ސައްހަ ކަމަށް ނިންމައި ދިނުމަށެވެ. 

އަލީ ހުސައިންގެ ވަކީލް އައިޝަތު ޝީނާ މުހައްމަދު ވިދާޅުވީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް އޮތް އިސްލާހުގެ ސަބަބުން އަސާސީ ހައްގުތަކަށް އަސަރުކުރާ ކަމަށެވެ. އަދި ހުރިހާ ބާރެއް ފެށިގެން އަންނާނީ ރައްޔިތުންގެ ކިބައިން ކަމަށް ގާނޫނު އަސާސީގައި ބުނާއިރު، އެއަށް އަސަރުކުރާ ކޮންމެ ކަމަކީ ގާނޫނު އަސާސީގެ މައިގަނޑު އަސާސްތަކާ ހިލާފް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ޝީނާ ވިދާޅުވި ގޮތުގައި ޕާޓީ ބަދަލުކުރުން ހުއްޓުވުމަކީ ގެއްލުމާއި ފައިދާ އޮތް ކަމަކަށް ވެދާނެ ކަމަކަށް ވިޔަސް، އެއީ ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ސައްހަ ކަމަށް ބެލެވޭނެ ކަމެއް ނޫނެވެ. އަދި އެ މައްސަލާގައި ސުވާލު އުފައްދާފައިވަނީ ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު އޮތްގޮތުގެ މައްޗަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވަކީލާ ޝީނާ މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަނީ
ވަކީލާ ޝީނާ މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަނީ

ގާނޫނު އަސާސީގެ މައިގަނޑު އަސާސްތަކުގެ ޑޮކްޓްރިން ގިނަ ގައުމުތަކުގެ ކޯޓުތަކުން ބަލައިނުގަންނަ ކަމަށް ދައުލަތުން ބުނާ ބުނުމަށް ރައްދު ދެއްވައި، ޝީނާ ވިދާޅުވީ އެކަމާ ގުޅިގެން ދައުލަތުން ފާހަގަކުރި ބޭރުގެ ކޯޓުތަކުގެ ބައެއް ނިންމުންތަކަކީ ގާނޫނު އަސާސީއަށް ގެނައި އިސްލާހަކާ ގުޅޭގޮތުން ނިންމާފައި ހުރި ނިންމުންތަކެއް ނޫން ކަމަށެވެ. 

މީގެ އިތުރުން ރާއްޖޭގައި ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ވެސް ލިބެނީ ވަކި އުސޫލުތަކެއްގެ ތެރެއިން ކަމަށް ޝީނާ ވިދާޅުވި އެވެ. އަދި އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގައި އޮތީ މަޖިލީހަށް ވެސް ގާނޫނު އަސާސީއާ ހިލާފް ނުވެވޭނެ ގޮތަށް ކަމަށާއި އެހެންވެ، މަޖިލީހަށް ހައްދެއް ނެތް މިންވަރުގެ ބާރުތަކެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެ އިސްލާހުގެ ދަށުން ގޮނޑި ގެއްލޭނީ ގާނޫނުތަކާ އެއްގޮތަށް މެމްބަރަކު ޕާޓީން ވަކިކުރުމުން ކަމަށް ދައުލަތުން ބުނި ބުނުމާ ގުޅިގެން ޝީނާ ވިދާޅުވީ ސިޔާސީ ޕާޓީތަކުން އިންސާފުގެ ހަމަތަކާ ހިލާފަށް ކަންކަން ކޮށްފައި އެބަހުރި ކަމަށެވެ. އަދި މެމްބަރުން ވަކިކުރާނީ ޕާޓީގެ އެތެރޭގެ އުސޫލުތަކާ އެއްގޮތަށް ކަމަށް ވާއިރު، މެމްބަރުންގެ ގޮނޑި ގެއްލޭނީ ރަނގަޅަށް ކަމަށް ބަލައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެ މައްސަލާގެ ތެރެއަށް ތަދައްޚުލްވި އެމްޑީޕީގެ ފަރާތުން ވެސް ވަކާލާތުކުރީ އެ އިސްލާހު ބާތިލް ކުރުމަށެވެ. އެގޮތުން އެ އިސްލާހަކީ ގާނޫނު އަސާސީގައި ބަޔާންކުރާ ތިން ބާރު ވަކިވުމުގެ ނިޒާމަށް އަސަރުކޮށް، މެމްބަރުންގެ މައްޗަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބޭ ކަމެއް ކަމަށް އެމްޑީޕީން ބުންޏެވެ.  

އެ މައްސަލާގެ މިއަދުގެ އަޑުއެހުން މިހާރު ވަނީ މެދުކަނޑާލައިފަ އެވެ. އަދި މެންދުރުފަހު ދެން އޮތް ބައި ކުރިއަށް ގެންދާނެ ކަމަށް ބެންޗުން ވަނީ އިއުލާން ކުރައްވައިފަ އެވެ. 

އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ. އަދި ބެންޗުގެ ރިޔާސަތަކީ އުއްތަމަ ފަނޑިޔާރެވެ. 

އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ކުރިން ކުރިއަށް ގެންގޮސްފައި ވަނިކޮށް އެ މައްސަލަ އޭރު ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑް ކުރުމުން އެ މައްސަލާގެ އަޑުއެހުންތައް މިހާތަނަށް އޮތީ ހުއްޓިފަ އެވެ. އޭގެ ތެރެއިން ފަނޑިޔާރު ސުއޫދު ފަހުން އިސްތިއުފާ ދެއްވިއިރު، ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް މަގާމުން ވަނީ ވަކިކޮށްފަ އެވެ.