ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ހިމާޔަތްކުރުމަށް "ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލު" ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިއަދު ފުރަތަމަ ކިޔުން މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ބިލުގައިވާ ގޮތުން އެ ބިލްގެ މަގުސަދަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި މީހުންގެ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގާ ދެމެދު އިންސާފުވެރި ހަމަހަމަކަމެއް ގާއިމުކުރުމެވެ. އަދި މީހެއްގެ އަބުރަށް އުނިކަމެއް އަންނަ ހާލަތުގައި، ޝަރީއަތުގެ މަރުހަލާގެ ކުރިންނާއި ޝަރީއަތުގެ ތެރެއިން ހައްގު ހޯދައިދިނުމުގެ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ. 

ބިލުގައިވާ ގޮތުން ގާނޫނު ހިނގާނީ ފަރުދުންނާއި، ގާނޫނީ ޝަހްސުތަކާއި، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ މީޑިއާތަކާއި، އޮންލައިން ނޫސްތަކާއި ސޯޝަލް މީޑިއާ ހިމެނޭގޮތަށް ހުރިހާ ޑިޖިޓަލް ޕްލެޓްފޯމްތަކަށެވެ. އަދި ރާއްޖޭން ބޭރުގައި ކުރާ އަމަލަކުން ރާއްޖޭގައި މީހެއްގެ އަބުރަށް ގެއްލުން ލިބުނަސް މި ގާނޫނު ހިނގާނެ އެވެ.  

ބިލުގައިވާ ގޮތުން އަބުރާބެހުމަކީ ޖިނާއީ ކުށެއްގެ ބަދަލުގައި މަދަނީ ކުށެކެވެ. މީހެއްގެ ނަމާއި އަބުރަށް ގެއްލުންދޭ އަމަލެއް ކުރުމުން، މަދަނީ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު އަނިޔާ ލިބުނު ފަރާތަށް ލިބިދެ އެވެ. 

އަބުރާބެހުން ކަމުގައި ބެލެވޭނީ ބުނި ބަހަކީ ނުވަތަ ޝާއިއުކުރި މައުލޫމާތަކީ ދޮގެއް ކަމަށް ވުމާއި، އެކަމުގެ ސަބަބުން އަނެކާގެ ގަދަރާއި އަބުރަށް އުނިކަން އައުމެވެ. މިގޮތުން ވާހަކަ ދެއްކުމާއި، ލިޔެ ޝާއިއުކުރުމާއި، ކާޓޫން/ތަސްވީރު ކުރެހުމާއި، ބްރޯޑްކާސްޓްކުރުމާއި އިންޓަނެޓް މެދުވެރިކޮށް ފަތުރާ ވާހަކަތައް ހިމެނެ އެވެ. 

ހާމަކުރި މައުލޫމާތަކީ ފުރިހަމައަށް ތެދު ހަގީގަތަކަށްވުން، ނުވަތަ ހަގީގަތުގެ މައްޗަށް ބިނާކޮށް ހެޔޮ ނިޔަތުގައި ފާޅުކޮށްފައިވާ ތެދުވެރި އަމިއްލަ ހިޔާލެއް ނުވަތަ ރައުޔަކަށްވާ ނަމަ އެއީ އަބުރާބެހުން ކަމަށް ނުބެލެވޭނެ ކަމަށް ބިލުގައިވެ އެވެ. 

ބިލުގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި މެންބަރަކު ދައްކަވާ ވާހަކައަކާ ގުޅިގެން، އަދި ކޯޓެއް ނުވަތަ ޓްރައިބިއުނަލެއްގެ ޝަރީއަތުގެ މަޖިލީހެއްގައި ދެކެވޭ ވާހަކަތަކަށް ފުރިހަމަ ގާނޫނީ އިމްތިޔާޒު ލިބޭ ކަމަށެވެ. 

އަދި އެފަދަ މަޖިލިސްތަކުގައި ހިނގި ކަންކަން އުނިއިތުރެއް ނުގެނެސް ތެދުވެރިކަމާއެކު ހަބަރުގެ ގޮތުގައި ގެނެސްދިނުމާއި، ގާނޫނީ ބާރު ލިބިގެން ނެރޭ ތަހުގީގު ރިޕޯޓުތައް ހާމަކުރުމަކީ އިމްތިޔާޒު ލިބިގެންވާ ކަންކަން ކަމަށް ވެސް ބިލުގައިވެ އެވެ. 

ބިލުގައިވާ ގޮތުން ކޯޓަށް ދައުވާ ހުށަހެޅުމުގެ ކުރިން، އަބުރާބެހުނު ކަމަށް ތުހުމަތުވާ ފަރާތަށް ލިޔުމުން ނޯޓިސް ފޮނުވަންޖެހެ އެވެ. އަދި އެ މައުލޫމާތު އަނބުރާ ގެނައުމާއި، އިސްލާހުކުރުމާއި، އާންމުކޮށް މައާފަށް އެދުމުގެ ފުރުސަތު އެ ފަރާތަށް ލިބިދެ އެވެ۔ މިފަދަ އެއްބަސްވުމެއް ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒްކޮށް ޝަރުއީ އެއްބަސްވުމަކަށް ހެދިދާނެ ކަމަށް ވެސް ހިމަނާފައިވެ އެވެ.

އަބުރާބެހުމުގެ މައްސަލަތަކުގައި ދައުވާ އުފުލަންވާނީ އެއް އަހަރު ދުވަހުގެ ތެރޭގަ އެވެ. އަދި ކޯޓަށް މައްސަލަ ހުށަހަޅާތާ ގިނަވެގެން ހަ މަސްދުވަހުގެ ތެރޭގައި ޝަރީއަތުން އެ މައްސަލައެއް ނިންމަންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ބިލުގައި ބުނީ އަބުރާބެހުމުގެ ސަބަބުން ލިބޭ މާއްދީ ގެއްލުމުގެ އިތުރުން މައުނަވީ ގެއްލުމުގެ ބަދަލު ކޯޓަށް ނަގައިދެވިދާނެ ކަމަށެވެ. މިގޮތުން މައުނަވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ބޮޑުވެގެން ވެސް ނަގައިދެވޭނީ ފަސް ލައްކަ ރުފިޔާ އެވެ. އަދަބު ކަނޑައެޅޭނީ 50،000 އާއި 500،000 ރުފިޔާއާ ދެމެދުގަ އެވެ.

އަބުރާބެހުނު ފަރާތުން މައާފަށް އެދިފައިވާނަމަ ނުވަތަ އިސްލާހުކޮށްފައިވާނަމަ، އަދަބު ނުވަތަ ބަދަލުގެ މިންވަރު ލުއިކޮށްދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެ އެވެ. 

ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހާ ގަވާއިދުތައް ހަދާނީ ބަންޑާރަނައިބުގެ އޮފީހުންނެވެ۔ އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެ ގަވާއިދުތައް ގެޒެޓްކުރަންވާނެ ކަމަށް ބިލުގައިވެ އެވެ.