ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލަން ކޯޓުތަކުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައިވާ ގޮތުން، މި ބިލް ފާސްވެ ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލަން ޖެހޭނެ އެވެ.
އެ ކޯޓު އުވާލުމުން، އެ ކޯޓުގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ މުވައްޒަފުންގެ ގޮތުގައި ހަމަޖައްސައި، އެ މުވައްޒަފުންގެ ވަޒީފާ ބަދަލުކުރުމުގެ ކަންކަން 30 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި އެ ކޯޓުގެ ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލުކުރުމުގެ ކަންކަން ވެސް އެ މުއްދަތުގެ ތެރޭގައި ނިންމަން ޖެހޭނެ އެވެ.
ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް އުފެއްދީ 2012 ވަނަ އަހަރުގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނިންމުމަކުންނެވެ. ހުޅުމާލެއަކީ އިދާރީ ގޮތުން މާލޭގެ އަވަށަކަށް ވެފައި، މާލޭގައި ސުޕީރިއާ ކޯޓުތައް ހުއްޓާ ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް އުފެއްދުމުން، އެ ކޯޓުގެ ސައްހަކަމާ މެދު އޭރު ބޮޑެތި ގާނޫނީ ބަހުސްތަކެއް އުފެދުނެވެ.
ހާއްސަކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގެ ޝަރީއަތް ހުޅުމާލޭ ކޯޓަށް ހުށަހެޅުމާ އެކު އެ ކޯޓުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެ މައްސަލައިގައި 2012 ވަނަ އަހަރު ސުޕްރީމް ކޯޓުން ހުކުމްކުރީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނީ ގޮތުން ސައްހަ ކޯޓެއް ކަމަށެވެ.
ނަމަވެސް، އޭގެފަހުން ވެސް މާލޭގެ ސުޕީރިއާ ކޯޓުތަކުގެ އިހުތިސާސާއި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އިހުތިސާސް ފުށުއަރާ މައްސަލަތައް ކުރިމަތިވަމުން ދިޔަ އެވެ. އެގޮތުން، ހުޅުމާލޭގައި ހިނގާ ބޮޑެތި ޖިނާއީ މައްސަލަތަކާއި މަދަނީ ބޮޑެތި މައްސަލަތައް ބެލުމުގެ އިހުތިސާސް މެޖިސްޓްރޭޓް ކޯޓަކަށް ލިބިގެން ނުވާތީ، އެފަދަ މައްސަލަތައް ހުށަހަޅަން ޖެހެނީ މާލޭގެ ކްރިމިނަލް ކޯޓަށެވެ.
ކްރިމިނަލް ކޯޓުގެ މިހާރު ހިނގަމުންދަނީ ވެސް ހުޅުމާލޭގަ އެވެ. އަދި ސުޕީރިއާ ހުރިހާ ކޯޓެއް ހިމެނޭ އިމާރާތެއް ވެސް ހުޅުމާލޭގައި ބިނާކުުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
މި ސަބަބުތަކާ ހުރެ، ހުޅުމާލޭ ކޯޓު އުވާލައި މާލޭގެ ކޯޓުތަކުގެ ޑިވިޒަންތައް ހުޅުމާލޭގައި ގާއިމުކުރުމުގެ ވާހަކަ ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ މަޝްވަރާތަކުގައި ތަކުރާރުކޮށް ދައްކާފައިވެ އެވެ.