ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ: އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ހުކުމް އަންނަ މަހު ކުރާނެ. -- ފޮޓޯ: އޭއެފްޕީ
26 އޮކްޓޯބަރ 2025 - 06:10
ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ މައްޗަށް އުފުލާފައިވާ، އިންސާނިއްޔަތާ ދެކޮޅު އަމަލުތައް ހިންގުމުގެ ކުށުގެ ދައުވާތަކުގެ ހުކުމް އަންނަ މަހުގެ 13 ވަނަ ދުވަހު އިއްވާނެ ކަމަށް އެޓާނީ ޖެނެރަލް އެމްޑީ އަސަދުއްޒަމާން ވިދާޅުވެއްޖެ އެވެ.
ދަރިވަރުން ނުކުމެ ކުރި މުޒާހަރާތަކުން، އުމުރުން 78 އަހަރުގެ ހަސީނާގެ ވެރިކަން މިދިޔަ އަހަރު ވައްޓާލުމާ އެކު ފިއްލަވައިގެން ވަޑައިގަތީ އިންޑިއާއަށެވެ. ޝަރީއަތަށް ހާޒިރުވުމުގެ އަމުރުތަކަށް ވެސް ތަބާވެވަޑައިނުގެން ހުންނެވުމުން ކޯޓުން ވަނީ ޣައިރު ހާޒިރުގައި ހިންގި ޝަރީއަތްތައް ބުރާސްފަތި ދުވަހު ނިންމާލައިފަ އެވެ.
"އިންސާފު ގަބޫލުކުރައްވާ ނަމަ ހަސީނާ [ޝަރީއަތަށް] ވަޑައިގަންނަވާނެ،" ފަސް މަސް ދުވަހަށް ދެމިގެން ދިޔަ ޝަރީއަތް ނިމި ހުލާސާ ބަޔާނުގައި އެޓާނީ ޖެނެރަލް އަސަދުއްޒަމާން ވިދާޅުވި އެވެ.
"އެއީ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅެއް. އެކަމަކު ބޮޑު ގައުމެއް [ވާނެ ގޮތެއް ވާން] ދޫކޮށް ފިއްލެވީ. އެ އަމަލުން ވެސް ބާރު ލިބެނީ މި ކުރާ ތުހުމަތުތަކަށް."
ޖޫން 1 ގައި ހަސީނާގެ ޝަރީއަތްތައް އޭނާގެ ޣައިރު ހާޒިރުގައި ފަށައިގެން ކުރިއަށް ދިޔައިރު، ސަރުކާރާ ދެކޮޅު މުޒާހަރާތަކުގަ އާއި ސަރުކާރާ ދެކޮޅު މީހުން މެރުމުގައި ސީދާ ހަސީނާގެ ފަރާތުން އަމުރުތައް އައި ކަމުގެ ތުހުމަތު ސާބިތުކުރުމަށް އެތައް ބަޔަކު ހެކިބަސް ދީފައިވެ އެވެ.
އދ. އިން އަންދާޒާކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ޖުލައި އާއި އޯގަސްޓް މަހާ ދެމެދު ބަންގްލާދޭޝްގައި 1،400 މީހަކު މަރާލާފައިވެ އެވެ.
ޕްރޮސިކިއުޓަރުން ފަސް ދައުވާއެއް ހަސީނާއާ ދެކޮޅަށް އުފުލާފައި ވާއިރު އޭގެތެރޭގައި، މީހުން މެރުން ނުހުއްޓުވުން ހިމެނެ އެވެ. މިއީ ބަންގްލާދޭޝްގެ ގާނޫނުގައި އިންސާނިއްތާ ހިލާފް ޖަރީމާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކުށެކެވެ. އަދި މި ކުށް ސާބިތުވެއްޖެ ނަމަ ހަސީނާއަށް މަރުގެ އަދަބު ކަނޑައެޅުމަށް ދައުލަތުން ވަނީ އެދިފަ އެވެ.
އިސް ޕްރޮސެކިއުޓާ ތާޖުލް އިސްލާމް ތުހުމަތުކުރައްވާފައިވާ ގޮތުގައި ސަރުކާރާ ދެކޮޅު މުޒާހަރާތަކާ ދެކޮޅަށް ހުރިހާ ޖަރީމާތަކެއް ހިންގުމުގެ މެދުގައި ހުރީ ހަސީނާ ކަމަށެވެ.
ހަސީނާއާ އެކު، ކުރީގެ އިންޓީރިއާ މިނިސްޓަރު އަސަދުޒުމާން ޚާން ކަމާލް އާއި ފުލުހުންގެ ކުރީގެ ވެރިޔާ ޗައުދަރީ އަބްދުﷲ އަލް މާމޫނަށް ވެސް މި ދައުވާތައް ކުރެ އެވެ. އޭގެ ތެރެއިން އަސަދުޒުމާން ޚާން ކަމާލް ވަނީ ވެރިކަން ވެއްޓުމާ އެކު ފިލައިގެން ގޮސްފަ އެވެ. އަދި ޗައުދަރީ އަބްދުﷲ އަލް މާމޫން ހައްުޔަރުކޮށްފައި ވާއިރު އޭނާ ވަނީ ދައުވާތަކަށް އިއުތިރާފު ވެފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
27 October 2025
ދުނިޔޭގެ އެކިގައުމުތަކުގައި ދިގުމުއްދަތަކަށް ވެރިކަންކުރިވެރީންގެތެރޭން ވެރިކަމުންދުރުވުމަށްފަހު އަޅުގަނޑުމެންގެ ކުރީގެ ރައީސް މައުމޫނުއަބުދުލްގައްޔޫމުނޫނީ ހަޔާތުގެބާކީދުވަސްތަކުގައި މައްސަލަތަކުން ސަލާމަތްވި ވެރިއެއް ދުނިޔޭގެއެއްވެސް ހިސާބަކުން ފެންނާކަށްނެތް، މިއީހަގީގަތުގައި ދިވެހިންގެމެދުގައިވާ ރަނގަޅު ސިފަތަކެއްގެސަބަބުންދިމާވާގޮތެއް
ނުރަބޯ
26 October 2025
ޙަސީނާގެ ކޮޅު ގަދަވީމާ ޚާލިދާ އަށް ލަގާ ދިންގޮތަށް، ޚާލިދާގެ ކޮޅު ގަދަވީމާ އޮންނާނީ ޙަސީނާ އަށް ލަގާދިނުން ނޫންތޯ……؟