ރައްޔިންގެ މަޖިލީހަށް ހުށަހަޅަފައިވާ 2026 ވަނަ އަހަރުގެ ބަޖެޓުގެ ފޮތް -- ފޮޓޯ: މަޖިލީސް
04 ނޮވެމްބަރ 2025 - 13:15
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން ސަރުކާރުގެ ޕްރައިވެޓް އިންޝުއަރެންސަށް 99 މިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓުގައިވާ ގޮތުން، ޕްރައިވެޓް އިންޝުއަރެންސަށް ކުރާ ހޭދަ ވަނީ މި އަހަރަށް ވުރެ 44 މިލިއަން ރުފިޔާ އިތުރު ވެފަ އެވެ. ޕްރައިވެޓް އިންޝުއަރެންސަށް ސަރުކާރުން ހޭދަ ކުރަން މި އަހަރު ކަނޑައެޅީ 55 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ޕްރައިވެޓް އިންޝުއަރެންސަށް ވަނީ 46 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
ބަޖެޓުގެ އިންޝުއަރެންސް ކޯޑުގެ ދަށުން ހޭދަކުރަނީ، ފަނޑިޔާރުންނާއި މިނިސްޓަރުންނާއި ރައްޔިތުންނާއި މަޖިލިހުގެ މެންބަރުންގެ އިތުރުން ގާނޫނުތަކުން އިންޝުއަރެންސް ދޭން ކަނޑައަޅާފައިވާ ފަރާތްތަކާއި ދައުލަތުގެ އިމާރާތްތަކާއި އެސެޓުތަކުގެ އިންޝުއަރެންސް އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އިންޝުއަރެންސް ހަރަދު މި ފަހަރު ބޮޑުވީ ސަރުކާރުން މިދިޔަ އަހަރު ގަނެފައިވާ ހަ އަސްކަރީ ޑްރޯން އިންޝުއާ ކުރުމުންނެވެ. ސަރުކާރުން މިދިޔަ އަހަރު ވަނީ ހަ އަސްކަރީ ޑްރޯނެއް ގަނެފަ އެވެ. އެ ތަކެތި ގަތުމަށް ގާތްގަނޑަކަށް 550 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އިންޝުއަރެންސް ބަޖެޓުން މިނިސްޓަރުންގެ އިންޝުއަރެންސަށް ކުރާ ހޭދަ ވެސް އަންނަ އަހަރު ދެގުނަ ވެ އެވެ. އަންނަ އަހަރު މިނިސްޓަރުންގެ އިންޝުއަރެންސަށް 5.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މި އަހަރު އެ އަދަދު ހުރީ 2.5 މިލިއަން ރުފިޔާގަ އެވެ. އޭގެ އިތުރުން ދައުލަތަށް އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް ހާއްސަކޮށް އިންޝުއަރެންސަށް 1.6 މިލިއަން ބަޖެޓުގައި ހިމަނާފައިވެ އެވެ.
ޕްރައިވެޓް އިންޝުއަރެންސްގެ އިތުރުން، ހުރިހާ ރައްޔިތުންނަށް ދޭން ކަނޑައަޅަފައިވާ ސިއްހީ އިންޝުއަރެންސް، އާސަންދަ އަށް އަންނަ އަހަރުގެ ބަޖެޓުގައި ދެ ބިލިއަން ރުފިޔާ ކަނޑައަޅަފައިވެ އެވެ. އެއީ މިއަހަރެކޭ ދާދި އެއް ވަރެއްގެ އަދަދެކެވެ.
އަންނަ އަހަރަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެވެ. ބަޖެޓުގެ 62 ޕަސެންޓް ހޭދަކުރަނީ ރިކަރަންޓް ހަރަދަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖެނަރަލް ޓަގު ބުރޯ
04 November 2025
އިންޝުއަރެންސް ހަރަދު މި ފަހަރު ބޮޑުވީ އިންޑިޔާ އިން ހަދިޔާކުރި ޑޯނިޔާބޯޓު ތައް ހަުއްޓާ އަސްކަރީ ޑްރޯނުތަކެއް ގަތުމުން، ދަރަނީގެ މައްޗަށް ވެއްޓުނު ރިހޭފައެއް ، ޑުރޯނު ގަތުމަށް ގާތްގަނޑަކަށް 550 މިލިއަން ރުފިޔާ ކުރި ހަރަދުގެ އިތުރުން ކޮންމެ އަހަރަކު މިތަކެތި ބަލަހައްޓަން ހޭދަކުރުމަކީ ރައްޔިތުން ޖެއްސި ދަންތުރައެއެް
އިއްޒަތްތެރިން
04 November 2025
10000އިއްޒަތްތެރިންނަށް 55މިލިއަން، 4ލައްކަ ނިކަމެތިންނަށް 2ބިލިއަން. ސަޅި ދޯ. އިއްޒަތްތެރިން މާ ބަލި ކަށި ވާނެ ދޯ.
ޢއ2
04 November 2025
މި ގައުމުގެ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާ ލިބެން ޖެހޭ ކަމަށްވަނީ... ތިޔަ ޕްރައިވެޓް އިންސޫރަންސްއަކީ ރައްޔިތުންގެ މެދުގައި ގެންގުޅޭ ބޭއިންސާފު ތަފާތުކުރުމެއް... ބޭފުޅުންނަށް ޕްރައިވެޓް އިންޝޫރަންސް... ދެވަނަ ދަރަޖައިގެ ދިވެހިންނަށް އައިޖީއެމްއެޗް ގެ ދިގު ކިޔު... މިހެން ވެސް ބުނާ މީހާ ގޯސްވާނީ....
ހިކަނދި
04 November 2025
ތިޔަވެސް މިލިބެނީ ވަކި ބަޠަކަށް. ދައުލަތުގެ ބަޖެޓްގެ ބޮޑުބައި މިހޭދަކުރަނީ ދެ މުވައްސަސާއަކަށް.
މިއައު
04 November 2025
ތިޔަކާ ހެދި ބޭސްފަރުވާގެ ހަރަދު ބޮޑުވަނީ ބާކީތިބި މީހުންނަށް. ފުލުހުންނާ ސިފައިންނާ ހެދި ސަރުކާރު ހޮސްޕިޓަލު ފިޔަވާ ދެންތިބި ތަންތަނުން އަގު އެތަށް ގުނައަކަށް ޖައްސައިފި. ސަރުކާރު ހޮސްޕިޓަލުން ކިއުގަ ޖެހިގެން ދެން ހުންނަން މިޖެހެނީ. މިވެރިން މިތަން އަމާން ކުރާނެ ނަމަވެސް ރަނގަޅު. އެކަމު ފެންނަނީ ހުރިހާ ނުބައެއް ތެރޭ ވަދެ އޮންނަތަން.