ރައީސް މުއިއްޒު، ދަމާސްގެ ވެރިޔާ ސޯލިހަށް ދިވެހި ދައުލަތުގެ އިއްޒަތުގެ ޝަރަފު މިއަދު އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް
11 ނޮވެމްބަރ 2025 - 09:20
ދިވެހި ދައުލަތުގެ އިއްޒަތް ދަމާސްގެ ވެރިޔާ މުހައްމަދު ސޯލިހު (ޑިމްސް ސޯލިހް) އަށް މިއަދު އަރުވައިފި އެވެ.
އައްޑޫ ހުޅުދު އަށް އުފަން ސޯލިހަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އެރުވީ މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށް ގެންދާ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ޑިމްސް ސޯލިހަކީ މީގެ 43 އަހަރު ކުރިން 1983 ގައި ވިޔަފާރީގެ ތެރެއަށް ވަދެވައިގެން އަދިވެސް އެ ގޮތުގައި ދެމިހުންނެވި ބޭފުޅެވެ.
"ޑިމްސް" ގެ ނަމުގައި އާންމު ވިޔަފާރި ފައްޓަވައި، ހާޑްވެއާ އާއި ރިސޯޓުތަކަށް ބޭނުންވާ ތަކެއްޗާއި ޑިއުޓީ ފްރީ ޝޮޕާއި ބޮންޑެޑް ވެއާހައުސް އަދި ފަރުނީޗަރ ވިޔަފާރި ހިންގެވި އެވެ. އޭގެ އިތުރުން ޔަންމާ އިންޖީނާއި ސްޕެއަޕާޓްސް އެތެރެކޮށް ވިއްކަވައި، އިންސްޓޯލްމެންޓަށް ދެއްވަމުން ގެންދެވި އެވެ.
ސޯލިހު ވަނީ އައްޑޫ ގަމުގައި އިނގިރޭސިން ތިބި ދުވަސްވަރު އެ ގައުމުގެ ރޯޔަލް އެއާފޯސްގައި 16 ވަރަކަށް އަހަރު ހިދުމަތް ކުރައްވައިފަ އެވެ. އޭގެ ފަހުން 1978 ގައި މާލެ ވަޑައިގެން ކާގޯ ކްލިއާ ކުރުމާއި ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތް ފައްޓަވައި ވިޔަފާރީގެ ތެރެއަށް ރަސްމީކޮށް ވަދެވަޑައިގަތެވެ.
ދިވެހި ދައުލަތުގެ އިއްޒަތުގެ ޝަރަފު ދަމާސްގެ ވެރިޔާ ސޯލިހަށް މިއަދު އެރުވުމަށް ފަހު، އޭނާ އާއި އާއިލާގެ ބައެއް ބޭފުޅުން ރައީސް މުއިއްޒާ އެކު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ވިޔަފާރީގައި މަޝްހޫރު ޑިމްސް ކުންފުނި 1983 ގައި ސޯލިހު އުފެއްދެވީ އޭނާގެ ގާތް އެކުވެރިޔާ އިބްރާހިމް މުހައްމަދު ދީދީ (ސިމްޑީ ޑީޑީ) އާ ދެ ބޭފުޅުން ގުޅިވަޑައިގެންނެވެ. އެއީ އޭރު ރާއްޖޭގައި ރީޓެއިލް/ހޯލްސޭލް ވިޔަފާރި އަދި ޓޫރިޒަމް ދާއިރާގައި އެންމެ މަޝްހޫރު އެއް ނަމެވެ.
ނަމަވެސް 17 އަހަރު ވަންދެން ޑިމްސް ކުންފުނި ހިންގުމަށް ފަހު، ސޯލިހާއި ޑީޑީ ވަކި ދެ ވިޔަފާރި ފެއްޓެވި އެވެ. ސޯލިހުގެ ކުންފުނީގެ ނަމަކަށް ހަމަޖެއްސީ ދަމާސް އެވެ.
ސޯލިހު ވަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި ވަރަށް އިސް ދައުރެއް އަދާކުރައްވައިފަ އެވެ. ހާއްސަކޮށް ޗައިނާގައި ރާއްޖެ އިޝްތިހާރު ކުރުމުގައި އެންމެ އިސްކޮށް އުުޅުއްވި އެއް ވިޔަފާރިވެރިއަކީ ސޯލިހެވެ. އަދި ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސްކަން ކުރެއްވި އެވެ.
ދިވެހި ދައުލަތުގެ އިއްޒަތުގެ ޝަރަފާ ހަވާލުވެވަޑައިގަތުމަށް ދަމާސްގެ ވެރިޔާ ސޯލިހު ރަސްމީ އިއްޒަތުގައި ސްޓޭޖަށް ވަޑައިގަންނަވަނީ---ފޮޓޯ: ރައީސް އޮފީސް
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރަކީ ސޯލިހެވެ. އަދި އައްޑޫ ހެރަތެރަ ވުޖޫދަށް ގެނައުމުގައި އެންމެ އިސްކޮށް އުޅުއްވި އެއްބޭފުޅަކީ ވެސް ސޯލިހެވެ.
- ހަތަރު ރިސޯޓް.
- މާލޭގައި ތިން ސިޓީ ހޮޓަލެއް.
- މެޑިކާ ހޮސްޕިޓަލް.
ސޯލިހު ވަނީ ހިލޭ ސާބަހަށް ވެސް އިޖުތިމާއީ ގޮތުން މުޖުތަމައު އަށް ހިދުމަތްތަކެއް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ އުފަން ރަށް ހުޅުދޫގެ އިތުރުން އެހެން ރަށްރަށުގައި ވެސް މިސްކިތްތައް ބިނާކުރުމެވެ.
ސޯލިހު، ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމަށް މެދުނުކެނޑި ކޮށްދެއްވަމުން ގެންދަވާ ހިދުމަތުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ 2022 ގައި ޝަރަފުވެރިކަމުގެ އިނާމު ވެސް އޭނާ އަށް އަރުވައިފަ އެވެ. އަދި ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް" ވެސް ސޯލިހަށް ވަނީ އަރުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަދު
11 November 2025
ވިޔަފާރި ވެރިންނަށް މި އިއްޒަތް ދިނުން ރަނގަޅުބާ!. އަމއިއްލަ ފައިސާ އިތުރުކުރަން، ކުރާ މަސަކަތް އެއީ ގައިމީ އިއްޒަތް އަރުވާފަދަ ކަންކަންބާ.
ސާލިހު އަލިދީދީ
11 November 2025
ލިބުނު ޝަރަފައް މަރުހަބާ ޙަބަރު ފުރިހަމަ ކުރަން ކިތައް މިސްކިއް ބިނާކުރިތޯ؟ ކިތަކެއް ދިވެހިދަރިންނަށް މަތީ ތައުލީމުގެ ފުރުސަތު ތަނަވަސްކޮށްދިންތޯ؟ ކިތަކެއް ފަގީރު އާއިލާތަކުގެ ޙަރަދު ބެލެހެއްޓިތޯ؟ ބޮޱެތި ބަލިތަކަށް ފަރުވާހޯދާ ދަރާތްތަކަށް އެހީ ފޯރުކޮށްދިންތޯ ؟ މުދަލުޒަކާތް ބަރާބަރައް ދައްކާތޯ؟
ޓާޓީ
11 November 2025
ކޮންގްރެޓްސް
މޮޑަން
11 November 2025
ޝަރަފް ދިނުމުގަ ބަލަންޖެހޭ ނޫންތޯ އެމީހެއްގެ ރަށަށް ކޮއްދެވުނު ކަމެއްވޭތޯވެސް. ރަށުގަ ވިޔަފާރިކޮށް ސިޓީހޮޓާ ނޭޅެންވީ ކީއްވެތޯވެސް. ދެން މިސްކިތެއް ނާޅާ ވާހަކައެއް ނޫން.
ޙިކްމާ
11 November 2025
މިހާރުވެސް ހުޅުދޫގައި 1 މިސްކިތް ބިނާއެބަ ކުރޭ.(އަމިއްލަ ގޯތީގައި) އެ ބިން ހަދިޔާކުރީ މިސްކިތް ހަދަން.
މަވެސް އެބަހުރިން
11 November 2025
ކޮބައިތޯ އަޅުގަނޑަށް ދެއްވާ ޝަރަފްގެ އިނާމް. ހާދަ ދުވަހެއް ވެއްޖޭ މިހެން ޙިދުމަތުގަ އުޅޭތާ! ހައްގުވާ ވަރަށް މަސައްކަތް ކޮށްފިން.
ސާންތި
11 November 2025
މަރުޙަބާ ޞާލިޙް.
ކުރި
11 November 2025
ބޮޑެތި ވިޔަފާރިވެރިން ގައުމަށާއި ނިކަމެތި ފަގީރުނަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް ބަލާގެން ދައުލަތުގެ އިއްޒަތް ދިނުމަކީ ވަރަށް މުހިންމު ކަމެއް އަމިއްލަ ވިޔަފާރި ކުރިއެރުވުމަކީ އަދި އެހެން ކަމެއް.
ބުޅާގޯނި
11 November 2025
އަހަރެން ހީކުރީ ދިގުމުއްދަތަކަށް ސަރުކާރަށް ހިދުމަތް ކުރައްވާ މީހުންނަށް ކަމައް ދައުލަތުގެ އިއްޒަތް ދެނީ އާންމުންގެ ތެރޭގައި ވެސް އެބަހުރި ދައުލަތުގެ އިއްޒަތް ދޭންޖެހޭ މީހުން 3 ރުފިޔާއަށް ދަތުރެއް ކުރި މީހުންވެސް އަދިވެސް ކާރުތަކުގައި ހިދުމަތު ގައި އެބަ އުޅޭ މީއެއްވެސް އިންސާފެއްނޫން ހިދުމަތުގެ އަގު ކީއްވެގެން ތޯ ސަރުކާރުން ވަޒަން ނުކުރަނީ މިކަމުގައި 65 އަހަރު އުޅެފައިވާ މީހުން އެބަތިބި ހަމަ މުއްސަނދިންނަށް މޮޅުގޮތް ދެރަ މީހުންނަށް ދެރަގޮތް