ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ލިބުނު ބޭފުޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުގެ އައްޑަނަ އަރުވަނީ.-- ފޮޓޯ: ރައީސް އޮފީސް
11 ނޮވެމްބަރ 2025 - 11:03
ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 97 ބޭފުޅަކަށް އަދި މަތީ ދަރަޖަ 33 ބޭފުޅަކަށް މިއަދު އަރުވައިފި އެވެ.
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމާއި މަތީ ދަރަޖަ ހޯދި ބޭފުޅުންނަށް އިނާމު އެރުވީ ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި 57 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް އޮފީހުން ބުނީ ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު މިއަދު ލިބުނު 97 ބޭފުޅުންނަކީ 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަށް ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅުން ކަމަށެވެ. އަދި 40 އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތަށް ހިދުމަތް ކުރެއްވި 94 ބޭފުޅަކަށް މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި އިނާމު އަރުވާފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
President Dr @MMuizzu presents National Award for Public Service to 97 distinguished recipients, in honour of their unwavering dedication and exemplary service to the State, spanning 35 to 39 years. pic.twitter.com/v44Sjg4Dzh
— The President's Office (@presidencymv) November 11, 2025
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމުގެ ގޮތުގައި ރައީސް ދެއްވީ ޝަރަފުގެ ބެޖަކާއި ޝަރަފުގެ އައްޑަނައަކާއި ހަނދާނީ ލިޔުމެކެވެ.
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަކީ ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ފާހަގަކުރެވޭ ބޭފުޅުންނަށް ދޭ އިނާމެކެވެ. އެއީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާ އެކު ކުރައްވައިފައިވާ ހިދުމަތްތަކަށާއި އެ ބޭފުޅަކު ވަޒީފާ އަދާކުރި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ހިދުމަތުގެ އަގު ވަޒަންކުރަން ދޭ އިނާމެކެވެ.
މިއީ ދައުލަތުގެ ކޮންމެ މަގާމެއްގައި ހުންނަވައިގެން ވަޒީފާ އަދާކުރެއްވި ނަމަވެސް، އިނާމު ދިނުމަށް ކަނޑައަޅައިފައިވާ ޝަރުތު ހަމަވާ ނަމަ ދޭ އިނާމެކެވެ.
ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ދޭން ފެށީ 2021 ވަނަ އަހަރު އެވެ.
މަތީ ދަރަޖަ އަރުވަނީ ރާއްޖެއަށް ރީތި ނަން ހޯދައިދީގެންނާއި މަސައްކަތްތެރިކަމާއި އިލްމީ ގޮތުން އެކި ކާމިޔާބުތައް ހޯދާފައިވާ ބޭފުޅުންނަށެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން pic.twitter.com/E7Xxw2KFec
— The President's Office (@presidencymv) November 11, 2025
ރައީސް އޮފީހުން ބުނީ މަތީ ދަރަޖައިގެ އިނާމަށް 90 ބޭފުޅަކު މި ފަހަރު ފޯމު ހުށަހެޅި ކަމަށާއި އޭގެ ތެރެއިން އެ އިނާމު ދިނުމަށް ޝަރުތު ހަމަވީ 33 ބޭފުޅަކަށް ކަމަށެވެ.
އެއީ، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 10 ގެ ސަނަދެއް ހާސިލްކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލްކުރެއްވި 8 ބޭފުޅަކަށާއި ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ނުވަތަ ލެވަލް 8 ގެ ނުވަތަ ލެވަލް 9 ގެ ސަނަދެއް ހާސިލް ކުރުމުގައި އެންމެ މަތީ ވަނަ ހޯދައިގެން 23 ބޭފުޅަކެވެ. އަދި ބައިނަލްއަގުވާމީ މުބާރާތްތަކުން ނުވަތަ ބައިނަލްއަގުވާމީ އެ ނޫން ވެސް މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދައިގެން އިނާމު ހާސިލްކުރެއްވި ދެ ބޭފުޅެކެވެ.
މަތީ ދަރަޖައިގެ އިނާމުގެ ގޮތުގައި ރައީސް ދެއްވީ ޝަރަފުގެ ބެޖަކާއި ހަނދާނީ ލިޔުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފާންތިލަ
11 November 2025
މެޑަލާ މަތީ ދަރަޖަދީގެން ރައްޔިތުންގެ ހިތްތައް ފަތަހަކުރާންއުޅުމަކީ 21 ގަރުނުގައި ވަރަށް ތާކުންތާކުންނުޖެހޭކަމެއް.