އެންސްޕާގެ ބައެއް ހިދުމަތްތައް ވަންގަވް އަށް ބަދަލުކުރުމުގެ ރަސްމިއްޔާތުގައި އެންސްޕާގެ ސީއީއޯ ހީނާ އަދި މައިންޑްކޯގެ މެނޭޖިން ޑިރެކްޓަރު ސައީދާ އުމަރު (ވ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
15 ނޮވެމްބަރ 2025 - 19:33
އެންސްޕާގެ ބައެއް ހިދުމަތްތަކާއެކު، ސަރުކާރުގެ ޑިޖިޓަލް ޕްލެޓްފޯމް، "ވަންގަވް" އަށް ބަދަލުވެއްޖެ އެވެ.
ވަންގަވް ބަލަހައްޓާ، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) ގައި ބޭއްވި ރަސްމިއްޔާތުގައި، ވެލްފެއާ އެޖެންސީގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ މި ވަގުތު ވަންގަވް އިން އެންސްޕާގެ ފަސް ހިދުމަތެއް ލިބޭނެ ކަމަށެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި އިތުރު ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، ފަސޭހައިން ހިދުމަތްތައް ލިބޭނެ ގޮތަށް ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
- ފަގީރު ހާލަތުގައި ދިރިއުޅޭ، އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދޭ މާލީ އެހީ
- ފަގީރު ހާލަތުގައި ދިރިއުޅޭ، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ މީހުންނަށް ދޭ މާލީ އެހީ
- ފަގީރު ހާލަތުގައި ދިރިއުޅޭ މީހުން، ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީ
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީ
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ދޭ އެހީ
އެންސްޕާގެ ބައެއް ހިދުމަތްތައް ވަންގަވް އަށް ބަދަލުކުރުމަށްފަހު، އެންސްޕާގެ ސީއީއޯ ހީނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ހީނާ ވިދާޅުވީ އެ ފަސް ހިދުމަތަށް ވަންގަވް އަދި މިހާރު ވެސް އެދޭ ގޮތަށް ސީދާ އެންސްޕާއަށް ފޯމު ހުށަހެޅޭނެ ކަމަށެވެ. ނަމަވެސް، މީހުން ހޭލުންތެރިކުރުމުގެ ހަރަކާތްތަކަށް ފަހު އެ ފަސް ހިދުމަތް ވަންގަވް އަށް އެއްކޮށް ބަދަލުކުރަން ނިންމާފައިވަނީ އަންނަ ޖެނުއަރީން ފެށިގެންނެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ހިދުމަތްތައް ވަންގަވް ޕްލެޓްފޯމަށް ބަދަލުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޯލްޑިވްސް 2.0 ގެ ދަށުން ދެފުށް ފެންނަ ގޮތެއްގައި ހިދުމަތްތައް ދެވޭނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި އިތުރު ހިދުމަތްތައް ބަދަލުވުމުގެ ނަތީޖާއެއްގެ ގޮތުން ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރެވި، ހަރުދަނާގޮތެއްގައި ހިދުމަތްތައް ދެވޭނެ ކަމަށެވެ.
އެ އިދާރާއިން ހިދުމަތް ދެނީ ވަރަށް ނާޒުކު ހާލަތުގައި ތިބި ބަޔަކަށް ކަމަށާއި އަދި އެ މީހުންނަށް ހިދުމަތް ދިނުމަށް އެންސްޕާގެ މުވައްޒަފުން ރެއާއި ދުވާލު ވަރަށް ބުރަކޮށް މަސައްކަތްކުރާ ކަން އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް، މިހާތަނަށް ހިދުމަތްތައް ދެމުން ދިޔައީ މެނުއަލްކޮށް ކަމަށް ވާތީ އެކަމުގައި ބޮޑު ގޮންޖެހުމެއް ދިމާވާކަން އޭނާ ހާމަކުރެއްވި އެވެ.
އެންސްޕާގެ ބައެއް ހިދުމަތްތައް ވަންގަވް އަށް ބަދަލުކުރުމަށްފަހު، މައިންޑްކޯގެ މެނޭޖިން ޑިރެކްޓަރު ސައީދާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މަގާމާ ހަވާލުވެވަޑައިގެންނެވިއިރު އެ މުވައްޒަފުން މަސައްކަތް ކުރަމުން ދިޔަގޮތުން ކަންބޮޑުވުން އޮތް ކަމަށް ހީނާ ވިދާޅުވި އެވެ.
އެހެންވެ، އެ މަސައްކަތަށް ލުއެއް ހޯދައިދޭން ކޮށްދޭ އެއް ކަމަކީ ހިދުމަތްތައް ޑިޖިޓަލްކުރުން ކަމަށާއި އޭރުން ދެފުށް ފެންނަ ގޮތެއްގައި، ފަސޭހައިން ހިދުމަތް ދެވޭނެ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.
މައިންޑްކޯގެ މެނޭޖިން ޑިރެކްޓަރު ސައީދާ އުމަރު ވިދާޅުވީ އެ ޕްލެޓްފޯމުން މި ވަގުތު ހިދުމަތްދޭ ބޮޑުބަޔަކީ ވިޔަފާރިއާ ގުޅުން ހުރި ކަންކަން ކަމަށެވެ. އެކަމަކު، އެންސްޕާ ފަދަ އާއްމުންނާ ސީދާ ގުޅުން ހުރި ކަމެއް ޕްލެޓްފޯމްގައި ހިމެނުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސައީދާ ވިދާޅުވީ ޑިޖިޓަލައިޒޭޝަންގެ ނަތީޖާއަކީ ރައްޔިތުންނަށް ފޮނި މީރުކަން ލިބިގެންދާނެ ކަމެއް ކަމަށެވެ. ނަމަވެސް، މިހާރު އެންމެ ބޮޑަށް ދިމާވާ އެއް މައްސަލައަކީ، އޭނާ ވިދާޅުވި ގޮތުގައި، ޕްލެޓްފޯމަށް ހިދުމަތްތަށް ބަދަލުކުރުމަށްފަހު ފަސޭހައިން ހިދުމަތްތައް ފޯރުކޮށްދިނުމުގެ ވިސްނުން ގެނައުމަށް ދަތިވުމެވެ.
އިދާރާތަކުގެ މަސައްކަތު ވައްޓަފާޅި ބަދަލުކުރުމަކީ ފާހަގަވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ އިދާރާތައް ޑިޖިޓަލް ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާރު އަމާޒަކީ 2027 ގެ ނިޔަލަށް ސަރުކާރުގެ ހުރިހާ ތަނެއް ޑިޖިޓަލައިޒްކުރުން ކަމަށް ސައީދާ ވިދާޅުވި އެވެ.
ވަންގަވް އަށް މި އަހަރު އިތުރު ހަ އިދާރާއެއްގެ ހިދުމަތްތައް ބަދަލުވާނެ އެވެ. އޭރުން ޖުމްލަ 50 އިދާރާއަކަށް ވަންގަވް އިން ހިދުމަތް ދެވޭނެ އެވެ. އަދި އެ ތަނުން 360 އެއްހާ ހިދުމަތްތައް ލިބޭ ކަމަށާއި އަދި އެއަށްވުރެ ފަސޭހައިން ހިދުމަތް ލިބޭނެ ގޮތްތައް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލާފްމް
16 November 2025
އެންސްޕާގެ ކަންކަން ރަނގަޅު ކުރަން ޖެހޭ! ވަރަށް ސްލޯ އަދި އިންސާފު ވެރިކަމެއް ނެތް!
ޕުނާނީ
16 November 2025
ވަންވަގު ތެރެއިން ނުގޮސް މަޖިލިސް މެމްބަރަށް ގުޅައިގެން ގިނަމީހުން ކަންކަން ކުރަނީ.
ކިއްލި
16 November 2025
ބައެއްމީހުނަށް ހީވެދާނެ މަށޭދޯއޭ އެކިޔަނީ. އެކަމަކު ހަގީގަތަކީ ތިމާ ބޭނުންވާ ކަންކަން އަނެކާވެސް ބޭނުން ވެދާނެކަން ތިމާ ދަންނަން ޖެހޭނެކަން. ތިމާ ފްރައިޑް ރައިސް ކާހިތްވެގެން ކާއިރު، ހަމަ އެފަދަ އެހެންމީހަކު ވެސް އެކާހިތުން ހުރެދާނެކަން. ތިމާކާނެވަރަކަށް ކައިފާ ހުސްނުވެގެން ބަހައްޓާ އެތިކޮޅުވެސް އަނެކާއަށް ދޭން ޖެހިލުންވާ ހިސާބަށް ކަންކަން މިވަނީ ގޮސްފަ. މިހެން ބުނީމަވެސް ގެވެށި އަނިޔާއަށްވެ ރޮއެރޮއެ ހުއްޓާނުލެވޭ ވަރަށްވެސް ރޮވިދާނެ......
ތެފައާސާ.
16 November 2025
ޓީވީ ސްޓޭޝަނެއް ހަދަން ބޭނުންވާ މީހުން އެންސްޕާގެ އެހީއަށް އެދެން ޖެހެނީ ވަންގަވް މެދުވެރިކޮށްތޯ ނުވަތަ އީމެއިލް ކޮށްގެންތޯ؟ އާސްކިންގ ފޯރ އަ ފްރެންޑް.
ޢަލީ
16 November 2025
އީފާސް އެއީ ކީއްކުރާ އެއްޗެއް،؟؟ ސަރުކާރުގެ ޚިދުމަތްތަކާއި އަމިއްލަ ފަރާތްތަކުން ދޭ ޚިދުމަތްތައްް ޑިޖިޓަލް ކުރުމުގެ ފެށުމަކީ އީފާސް.މިހާރު އީފާހެކޭ މައްޔިތެކޭ އެއްގޮތް.ވަންގަވްގެ ޙާލު އަދި ކިހާވަރަކުން ދާނެބާ؟
މެޑިކަލްޑްރޯން
16 November 2025
ކުރިން އެސްޓީއޯއަށް ގޮސް ބޭސް ސިޓީދީގެން ރާއްޖެއިން ބޭރުން ބޭސް ގެނެވޭ. މިހާރު އެކަން ހުއްޓާލާފާ ރައްޔިތުމީހާއަށް ޖެއްސުންކުރަންވެގެން އާސަންދަ ޕޯޓަލަށް އަމިއްލައަށް ރިކުއެސްޓް ފޮނުވަން ޖެހެނީ. އޮކްޓޯބަރ 30 ގަ ލީ އެތި ނޮވެމްބަރ 16 ވީއިރު އަދިވެސް ހުރީ ޕެންޑިންގައި. ހިތަދޫގައި އެޑްމިޓްކޮށްފަ އޮތް މަންމަގެ ބޭސް ހޯދަން ދުވަންޖެހެނީ އަހަރެމެން. އެއްފަހަރު ފޭދުން ހޯދަން ޖެހިއްޖެ. އަނެއްކާ މިރޭ މާލޭގައި ދުވެގެން ހޯދާފައި ފޮނުވަންޖެހިއްޖެ
މުސީބާތެއް
16 November 2025
ރަނގަޅު ވާހަކައެއް. ކުރިން ރާއްޖެއިން ނުލިބޭ ބޭސްތައް އެސްޓީއޯއިން ގެންސްދޭ. މިހާރު އާސަންދަ ޕޯޓަލްއަށް 500 ޑޮކިއުމެންޓް ލައިގެން މަޑުކޮށްގެން ތިބެންޖެހެނީ އެޕްރޫވަލް ވަޑައިގަންނަވަންދެން. ދެން އަނެއްކާ ވެންޑަރ އެއް އަމިއްލަޔަށް ހޯދައިގެން އަމިއްލަޔަށް އެބޭސް ގެންނަން މިޖެހެނީ. މިއޮތީ ވާ ރާއްޖެއެއް
ދޭން ނުދޭން
16 November 2025
ވ. ރަނގަޅު ވާހަކައެއް. މިހާރު ކޮންމެ 3މަހަކުން އަހަރެންވެސް ބޭސްހޯދަން ޖެހުނީމަ ހިތަށްތަދުވޭ. އެކި ފަހަރުކިޔާނީ އެކިގޮތަށް ކަންކުރަން. އެއްފަހަރު އެސްޓީއޯއަށް ދިޔައިމަ ބުނީ، އެސްޕާއަށް ދާށޯ، އެންސްޕާއަށް ދިޔައިމަ ބުނީ އެސްޓީއޯއަށް ދާށޯ. އެފަހަރު ހަވާލުވީ އެސްޓީއޯއިން . މިފަހަރު ބުނީ ތިބުނާ އާސަންދަޕޯޓަލްއެކޯ. ކުރިން އެސްޓީއޯއަށްގޮސް ދެނިކޮށް އެނިމުނީ. އެހާ ފަސޭހަކޮށް އޮތްކަމެއް.
ގުބޯލ
16 November 2025
ޖަލްސާއަށް އަރާ މޮޅުވާހަކަދެއްކިޔެއްނުން! މީހުންގެ ސިމްޕަތީހޯދަން! ކަމެއްވެގެންނޭ މީނަޔަށް ބަޔަކު އެއްޗިހިކިޔަނީ، ކުރީސަރުކާރުން އާސަންދަ ހޯދައިގެން ބޭސް ފަރުވާކޮށްގެންހުރެމެ އެހެން މީހުނަށް އެނުދީ ދަތިއުދަގޫކުރަނީ.
ބދބދވ
15 November 2025
ވަންގައުއެކޭ އާސަަރީތަނެކޭ އެއްގޮތް.
ސoޯލިހު
15 November 2025
https://trade.gov.mv/en/one-gov-mv-is-now-live/
ޗދސދޗސދ
15 November 2025
ޒަކާތު ހައުސްއިން ތިކަން ކުރާތާ ވަރަށް ޒަމާން ވެއްޖެ.