ސަތޭކަ މިލިއަން ރުފިޔާގެ ލޯނު ސްކީމުން 83 އަންހެނަކަށް ވަނީ ލޯނު ދޫކޮށްފައި. އޭގެ ތެރެއިން 45 ޕަސެންޓް މީހުން ވިޔަފާރި ފަށައި އޭގެ މަންފާ ހޯދަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި.
މިދިޔަ އަހަރާއި މި އަހަރުގެ ރެހެންދި އެވޯޑް ހާސިލުރި މީހުންނާ އެކު، ފަސްޓް ލޭޑީ ސާޖިދާ އާއި ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓަރު އައިޝަތު ޝިހާމް ރޭ ފޮޓޯއެއް ނަންގަވަނީ.
16 ނޮވެމްބަރ 2025 - 08:59
އަންހެނުން ބާރުވެރިކުރުވުމަށް ކުރާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުުން އަންނަ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިރޭ ވިދާޅުވެއްޖެ އެވެ.
ރެހެންދި އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ގައުމު ބިނާކުރުމާއި ގޮތް ނިންމާ ފެންވަރުގައި އަންހެނުންގެ އަދަދު އިތުރު ކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމަށެވެ.
އެއާ އެއްގޮތަށް އައްޔަންކުރާ މަގާމުތަކުގައި އަންހެނުންގެ އަދަދު އިތުރުވެފައިވާކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ކުންފުނިތަކުގެ ބޯޑަށް އައްޔަންކުރާ އަންހެނުންގެ އަދަދު މިހާރު 27 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ. އޭގެ އިތުރުން އެންސްޕާ، އެމްއޭސީއެލް، އާސަންދަ، ސީއެމްޑީއޭ ފަދަ ކުންފުނިތަކުގެ އިސް ސަފުގައި ވެސް ތިބީ އަންހެނުން ކަމަށް އައިޝަތު ޝިހާމް ވިދާޅުވި އެވެ.
"ކުރިން އަންހެނުން މަދުކަމަށް ފާހަގަކުރާ ގިނަ ދާއިރާތަކެއްގައި މިއަދު ގިނަ އަންހެނުން ދަނީ އިސްސަފުގައި ބައިވެރިވަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ސާޖިދާ، ރެހެންދި އެވޯޑު ހާސިލުކުރި މީހަކާ މިރޭ އެ އެވޯޑް ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
އޭނާ ވިދާޅުވި ގޮތުގައި، ޗާޓާޑް އެކައުންޓެންޓުންގެ ގޮތުގައި ރާއްޖޭގައި ރަޖިސްޓަރީ ވެފައި ތިބި 58 އަންހެނުންގެ ތެރެއިން 36 ޕަސެންޓު އަންހެނުން ތިބީ އެ ދާއިރާގެ އިސްމަގާމުތަކުގަ އެވެ. އަދި ފުލުހުންގެ ތެރޭގައި އަންހެނުންގެ ބައިވެރިވުން 2019 ވަނަ އަހަރު 12 ޕަސެންޓުގައި ހުއްޓަސް މިހާރު އެ އަދަދު 21 ޕަސެންޓަށް އިތުރުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ސިވިލް ސާވިސް އަށް ބަލާއިރު 2022 ވަނަ އަހަރު އެގްޒެކެޓިވް ލެވެލްގައި އަންހެނުން ތިބީ 21 ޕަސެންޓުގައި ކަމަށް ވިއަސް މިހާރު އެ އަދަދު 45 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް އައިޝަތު ޝިހާމް ވިދާޅުވި އެވެ.
އިގުތިސޯދީ ގޮތުން އަންހެނުން ބާރުވެރި ކުރުވުމާއި އިސްސަފުގައި ހަރަކާތްތެރިވާ އަންހެނުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަނޑިޔާރުންނާއި ގާޒިންގެ ގޮތުގައި އަންހެނުންގެ އަދަދު 16 ޕަސެންޓަށް އިތުރުކޮށް އަދި މިދިޔަ އަހަރު އެކި ދާއިރާތަކުން ދަސްވެނިވި މީހުންގެ ތެރެއިން މާސްޓާސް ނިންމި 66 ޕަސެންޓަކީ އަންހެނުން ކަމަށާއި ޕީއެޗްޑީ ހާސިލްކުރި 70 ޕަސެންޓަކީ އަންހެނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ އަހަރާއި މި އަހަރުގެ ރެހެންދި އެވޯޑު ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ފަސްޓް ލޭޑީ ސާޖިދާ (ކ) އަދި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ބައިވެރިވެވަޑައިގަންނަވަނީ.
"މިކަމުން ދައްކުވައިދެނީ މި ގައުމު ބިނާކުރުމުގައި އަންހެނުން ވެސް އިސް ދައުރެއް އަދާކުރަމުންދާކަން،" އޭނާ ވިދާޅުވި އެވެ.
އިގުތިސޯދީ ގޮތުން އަންހެނުން ބަރުވެރިކުރުވުމަށް ފަށާފައިވާ މަސައްކަތުގެ ނަތީޖާ ފެންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު، އަންހެނުންނަށް ދިމާވާ ގޮންޖެހުންތައް ބެއްލެވިއިރު، އެންމެ ބޮޑު މައްސަލައަކަށް ފާހަގަކުރެވުނީ ވިޔަފާރިކުރުމަށް ލޯނު ނެގުމުގައި ހުރި ހުރަސްތަކެވެ.
އެހެންވެ، އެކަމަށް ހައްލެއްގެ ގޮތުގައި 100 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް ހަމަޖައްސައި މިހާތަނަށް 83 މީހަކަށް ލޯނު ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރެއިން، 45 ޕަސެންޓް މީހުން ވިޔަފާރި ފަށައި އޭގެ މަންފާ ހޯދަމުން އަންނަކަން ފާހަގަކުރެއްވި އެވެ.
އެ ލޯނު ސްކީމްގެ 25 ޕަސެންޓް ހާއްސަ ކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށެވެ
އޭނާ ވިދާޅުވި ގޮތުގައި، އެ ކާމިޔާބީތަކާ އެކު ވެސް އަންހެނުންގެ ހައްގުތައް ކަށަވަރު ކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހެ އެވެ.
އިޖުތިމާއީ ދާއިރާއިން ރެހެންދި އެވޯޑު ހާސިލްކުރެއްވި ޑރ. ރުހުޝާނާއަށް، ފަސްޓް ލޭޑީ ސާޖިދާ އެވޯޑު ހަވާލު ކޮށްދެއްވަނީ.-- ފޮޓޯ: ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީ
މިނިސްޓަރު ވިދާޅުވީ އަންހެނުން ކުރިއަށް ދިއުމަށް އޮތް ގޮންޖެހުމަކީ އެ މީހުންނަށް އެކި ގޮތްގޮތުން ކުރާ އަނިޔާ ކަމަށެވެ. އެކަން ހުއްޓުވަން ގާނޫނުތަކަށް އިސްލާހުތައް ގެންނަ ކަމަށާއި އޭގެ ތެރެއިން އުފެދޭ އާ މައްސަލަތަަކަށް ރިއާޔަތްކޮށް، އަންހެނުންގެ ހައްގުތައް ކަށަވަރު ކުރަން އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ވިދާޅުވި އެވެ.
ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުމުގެ ގާނޫނު އިސްލާހުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި ޖެންޑާ އީކުއަލިޓީގެ ގާނޫނު މުރާޖައާ ކުރަން އަންނަ އަހަަރަށް ތާވަލް ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޗާލޭ
18 November 2025
އާނ... ދިވެހި ރައްޔިތުން މިދަނީ މަދުވަމުން. ޖީލު މިދަނީ ހުސްވަމުން. ދިވެހި ފިރިހެނުން މިހާރު ބަލަނީ އިންނާނެ ބޭރު އަންހެނުން ލިބޭތޯ، ބާރުވެރި ނުވާ ރަށަކުން. އެހެންޏާފަހެ، ދިވެހި ކަނބަލުން ބާރުވެރިވެގަނެގެންގޮސް އެކުގައި އުޅެން ދަތިވާވަރުވީ ނޫންކަންވެސް ނޭނގެ. ފެންނަނީ އެ މަންޒަރުބާ
ފިރިހެނުން...
16 November 2025
އަންހެނުން ބާރުވެރި ކުރިކުރީނުން ފިރިހެނުން ބާކީވެއްޖެ!... ފިރިހެނުން ފިރިހެނަކަށްވުމަކީ ފިރިހެނުންގެ ކުށެއްތޯ؟ ފިރިހެނުންނަށް ކުރާ ފުރައްސާރަ ހުއްޓާލުމަށް ގޮވާލަން....
މިޒަމާންއޭ
16 November 2025
އަންހެނުން ބާރުވެރި ކުރުމުގެ ނަމުގައި މުޒާހަރާތަކުގެ ކުރީސަފަށް އެކަނބަލުން ނެރެ ހަޅޭއްލަވައި ވައްތަރުޖައްސައި މީހުންނަށް ފުރައްސާރަކުރުމާއި ހުތުރު ބަސްތައް ގޮވުންފަދަ ކަންކަން ކުރުވުމަކީ އެކަނބަލުންގެ ޢިއްޒަތާއި ކަރާމާތް ނަގާލުން. އެއީ އެފަދަ ދަށުދަރަޖައަކަށް ވެއްޓެން ޖެހޭނެ ބައެއްނޫން.
އަންބއ
16 November 2025
ދިވެހި މުޖްތަމައުގެ ޅަދަރީންނަށްވެސް އެބަފެނޭ އަންހެއުން ބާރުވެރި ކުރުމުގެ ހިތި ނަތީޖާ
ބަދަން
16 November 2025
އަންހެނަކަށް ވީތީ ލޯނުލިބެންޏާ އެއީ މައްސަލައެއް. އެންމެންވެސް ކުރަނީ ހަމަ މަސައްކަތް. އެންމެން ގައިންވެސް އޮހޮރެނީ ދާ.
ހއވސ
16 November 2025
ކޮބާ ނަތީއްޖާ؟ ވަރި ގިނަވުންތަ؟ އަންހެނުންނަށް ވަޒީފާތަކަށް ފޮނުވައިފަ ފިރިހެނުން ގޭގައިތިބުންތަ؟ ދަރިން މެއިޑުންނަށް ހިބަކޮށްދިނުންތަ؟ ފެންނަނީ މިފަދަ މަންޒަރުތައް
ހީނޫ
16 November 2025
އެކަމަކު ހީނޫ ބުނަނީ އަންހެނަކަށްވީތީ ނިކަމެތިކުރާވާހަކާ. ރެހެންދި ދެންތީކީއްކުރާކަމެއް!
އަބްޑޫޅް +
16 November 2025
1980އިގެ އަހަރުތަކުގަ، "ދޭތެރެ ދުރު" ކުރުމުގެ ނަތީޖާވެސް ފެނުނު ގޮތަށްތަ؟