އިޖުތިމާއީ ދާއިރާއިން ރެހެންދި އެވޯޑު ހާސިލްކުރެއްވި ޑރ. ރުހުޝާނާއަށް، ފަސްޓްލޭޑީ ސާޖިދާ އެވޯޑު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީ
16 ނޮވެމްބަރ 2025 - 06:18
ގައުމެއް ބިނާކުރުމުގެ އަސްލަކީ އަންހެނުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.
ތަފާތު އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ރެހެންދި އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ އުންމަތެއް ނުވަތަ ގައުމެއް ދިރިގެން އައުމުގެ އަސްލަކީ ވެސް އަންހެނުން ކަމަށެވެ.
އެކަމަނާ ވިދާޅުވީ އިސްލާމް ދީނުގައި އަންހެނުން ބާރުވެރިކުރުމުގައި އެ މީހުންނަށް ދީފައިވާ މަތިވެރި މަގާމު ހަނދާން ކުރަންޖެހޭ ކަމަށެވެ. އަންހެނަކަށް ވިއަސް ވިޔަފާރީގައި އަދި މުދާ ބެހުމުގައި ވިއަސް ތަފާތެއް ނެތް ކަމަށާއި އެންމެ ހެޔޮ ގެއަކީ، އެ ގެއެއްގައި އަންހެނުންނަށް އިހުތިތާމް ކުރާ ގެ ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ.
ދަރިފުޅުގެ ފުރަތަމަ ޓީޗަރު، އެހީތެރިޔާ، ހިޔާވަހި އަދި މަދަރުސާއަކީ ވެސް އެކަމަނާ ވިދާޅުވި ގޮތުގައި އަންހެނުން ނުވަތަ މަންމަ އެވެ.
ރޭގެ ޖަލްސާގައި ފަސްޓް ލޭޑީ ސާޖިދާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ދުޝްމަނުންގެ ތެރެއިން ގައުމު ސަލާމަތްކުރަން ސިފައިންނާއި ފުލުހުންގެ ލަޝްކަރެއް ތައްޔާރު ކުރުމަށް ހޭލާ އުޅެނީ މަންމަ ކަމަށާއި އަދި ޑޮކްޓަރުންނާއި ނަރުހުން އުޅޭއިރު އެކަމަށް އެ މީހުން އެންމެ ފުރަތަމަ ތައްޔާރު ކޮށްދެނީ މަންމަކަން ސާޖިދާ ފާހަގަކުރެއްވި އެވެ.
ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި، އަންހެނުން އެކި ރޮނގުތައް ކުރިއަށް ދަނީ ގޭތެރޭގައި އެ ހުރިހާ ޒިންމާތަކެއް އަދާކުރަމުންނެވެ.
ރެހެންދި އެވޯޑް 2024 އަދި 2025 ހާސިލްކުރެއްވި ފަރާތްތައް.
— Ministry of Social and Family Development (@MSFDmv) November 15, 2025
Rehendhi Award 2024 adhi 2025 haasilkurehvi faraaiythah pic.twitter.com/pwgj7YrAEh
ކުރީގައި އަންހެނުން ކޮށް އުޅުނު ކަންތައް ބަދަލުވެފައި ވާ ކަމަށާއި މިހާރު އެހެން ހުނަރުތައް ތަރައްގީކޮށް، އެ ބަދަލުތަކަށް ހޭނެންޖެހޭ ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ. ޓެކްނޮލޮޖީ އަށް ހޭލުންތެރިވެ އަދި ވިޔަފާރީގެ އާ ގޮތްތައް އީޖާދު ކުރަންޖެހޭ ކަމަށާއި ވިޔަފާރީގެ ގޮތުން ހުރި ގިނަ ފުރުސަތުތަކަށް ތައްޔާރުވާން ޖެހޭ ކަމަށް އެ ކަމަނާ ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ވިދާޅުވީ އަންހެނުންގެ ކިބައިގައި އެ ހުނަރު ހުންނާނެ އެވެ. އަންހެނުންނަކީ ވިސްނުންތެރި، ދުރު ފެންނަ އަދި ހުޝިޔާރު ބައެއްކަން މީގެ ކުރިން ސާބިތުވެފައިވާކަން ފާހަގަކުރެއްވި އެވެ.
"ގައުމެއް ބިނާކުރުމުގައި ހިނގާ ހުރިހާ ކަމެއްގައި، އެ ގައުމެއް ބައްޓަންކުރުމުގެ ފުރަތަމަ މޭސްތިރިއަކީ މަންމަ،" އަންހެނުންގެ މަސައްކަތްތަކަށް ތައުރީފު ކުރައްވަމުން ސާޖިދާ ވިދާޅުވި އެވެ.
ތަފާތު އެކި ރޮނގުން 15 އަންހެނަކަށް ރޭ ވަނީ ރެހެންދި އެވޯޑު ދީފަ އެވެ.
ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ ރޭގެ ރަސްމިއްޔާތުން ވެސް ސާބިތުވީ އަންހެނުންގެ ގާބިލްކަމާއި ހީވާގިކަމާއި މުރާލިކަން އަދި ނަތީޖާ ހާސިލުކުރުމުގައި ވާ ގުރުބާނީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަށީދު
17 November 2025
އަންހެނުން ބިނާކުރުމުގެ އަސްލަކީ ފިރިހެނުން. ދެނޯ؟
މަފާޒް ސަލީމް
16 November 2025
މިވެރިކަމުގައި އަންހެން ވެރިންނަށް ދޭ އަހައްމިއްޔަތުކަން ނިކަން ފާހަގަ ކުރަން
ރާވެރިބެ
16 November 2025
އެހެންވީމަ ހަމަ ބިނާކުރައްވަންވީ ނުންތޯ؟ ވޭޕް މަނާކުރެއްވި ގޮތަށް މަގުމަތީގަ އާއި ކެފޭ ރެސްޓޯރަންޓް ފަދަ އާންމު ސަރަހައްދުތަކުގަ ސިގިރެޓް ބުއިން މަނާ ކުރައްވަންވީ ނޫންތޯ؟ އާންމު ތަންރަނުގަ ސިގިރެޓް ބުއިން މަނާކޮށްފަ ޑްރަގްގެ ވިޔަފާރި ކުރާ މީހުންނަށް މިގައުމުގަ ނޫޅެވޭ ވަރު ކޮށްފިއްޔާ ރާވެރިބެގެ ވޯޓު ފަހަރެއްގަ ލިބިދާނެ.
ޕުޓިން
16 November 2025
ތަފާތު ނުކުރޭ މެޑަމް. މޭން ލީޑްސް.
ލޮލްޒާ
16 November 2025
އެހެންވެ ދެއްތޯ ކެބިނެޓުގެ އެންމެ 15% އަންހެނުން ހިއްސާވަނީ؟ 20 ވުޒާރާއެއް އުފައްދާފައި، 20 މިނިސްޓަރުންގެ ތެރެއިން އެންމެ 3 މިނިސްޓަރުން މިއީ އަންހެނުން. އަދި ކޮބާ ރައީސް އޮފީހުގެ މިނިސްޓަރުންނާ ގައުމުގެ ހެއްދެވި ނުހެއްދެވި ޑެޕިއުޓީ މިނިސްޓަރުންނާ ސްޓޭޓު މިނިސްޓަރުން. ކޮންމެވެސް ވަރެއްގެ ސެލްފް އެވެއަރނެސް ހުންނަންވާނެ. ކިހާ ބޮޑު ޖޯކެއް މިއީ.
ހައްޕު
16 November 2025
2033 އަށް އުއްމީދެއް ކުރެވޭއިރު އަންހެން ކަނބަލުންގެ އަދަދު ހުރިހާގޮތަކުން ގިނަވެގެން ކަމެއް ވާންއޮތީ!
ޖިބްރީލް އަމީން
16 November 2025
މައިންނަށް އިސްލާމް ދީނުގައި ދީފައިވާ ދަރަޖައިގެ ގޮތުން ވެސް އެކަން ސާބިތުވޭ. މެޑަމް ދެއްކި ވާހަކަޔަށް ފުރިހަމައަށް ތާއީދު
ޢަރުތަ
16 November 2025
ރެހެންދި އެވޯޑު ދިނުން މިއޮންނަނީ ކޮންމެ ދެއަހަރަކުން އެއްއަހަރު، ދެއަހަރުގެ އެވޯޑު އެއްކޮށްލާފަދޯ.
1828
16 November 2025
ގައުމެއް ބިނާކުރުމުގެ އަސްލަކީ އިންސާނުން. ކީއްވެގެންތަ އަބަދު އަންހެނުންގެ ވާހަކަ މިދައްކަނީ؟ ކައުންސިލް ވެއްޖެޔަ އެބަޖެހޭ އަންހެނުންނަށް ވަކި ވަރަކަށް ކޮނޑި ރިޒާވްކުރަން. އެކަމަކު މަޖިލިސް ވެއްޖެއްޔަ ނުޖެހޭ. މިއީ ކޮންހަމައެއް؟ ފިރިހެނުންނަށްވެސް ކޮނޑި ރިޒާވްކުރެވެންވާނު؟
ޢެޑްމުންޑޯ
16 November 2025
ޢެވޯޑް ލިބުނު ހުރިހާ ކަނބަލުންނަށް މަރުހަބާ