ތަޖިކިސްތާން ރާއްްޖެ ބައްދަލުކުރި މެޗުގައި ހަމްޒާ މުހައްމަދު (ހަމްޕު) ބޯޅަ ފޮނުވާލަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
18 ނޮވެމްބަރ 2025 - 11:32
އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސާ ދެކޮޅަށް މިއަދު ކުޅޭ މެޗަކީ ރާއްޖޭގެ ކުރިމަގަށްޓަކައި ކުޅޭ މެޗެއް ކަމަށާއި ސަޕޯޓަރުންގެ އެހީ ބޭނުންވާކަމަށް ޓީމުގެ ވައިސް ކެޕްޓަން ހަމްޒާ މުހައްމަދު (ހަމްޕް) ބުނެފި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕްގައި ޕޮއިންޓެއް ވެސް ނުލިބި އޮތް ހަމައެކަނި ޓީމަކީ ދިވެހި ޓީމެވެ. އެ ގުރޫޕްގައި ރާއްޖެ އާއި ފިލިޕީންސްގެ އިތުރުން ދެން ހިމެނެނީ ތަޖިކިސްތާނާއި ޓިމޯ ލެސްޓޭ އެވެ. ރާއްޖެއާ ދެކޮޅަށް އޮސްޓްރޭލިއާގައި ކުޅެ ޓިމޯ ލެސްޓޭން ވެސް ތިން ޕޮއިންޓް ހޯދި އެވެ.
ހަމްޕް ބުނީ ގައުމީ ޓީމުގެ ކޮންމެ މެޗަކީ ވެސް މުހިންމު އަދި ކުރިމަގުގެ މެޗެއް ކަމަށެވެ.
"(މިއަދު) ގެ މެޗަކީ ވެސް މުހިންމު މެޗެއް. ދެން ފިއުޗާ އަށް ބަލާކަމުގައި ވަންޏާ ކޮންމެ މެޗަކީ ވެސް މުހިންމު މެޗެއް،" އޭނާ ބުންޏެވެ.
ހަމްޕް، ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޭނާ ބުނީ މެޗުން ރަނގަޅު ނަތީޖާއެއް ހޯދަން ކުޅުންތެރިން ބުރަކޮށް މަސައްކަތް ކުރާނެ ކަމަށެވެ. އެ މަސައްކަތުގައި ސަޕޯޓަރުންގެ އެއްބާރުލުން މުހިންމުކަމަށް ޓީމުގެ ވިންގާ ބުންޏެވެ.
"އަޅުގަނޑުމެން މިބަލަނީ ގިނަ އަދަދެއްގެ ސަޕޯޓަރުން (ދަނޑަށް) ވަންނާނެކަމަށް. އެއީ ޓީމަށް ލިބޭ މޯޓިވޭޝަނެއް،" އޭނާ ބުންޏެވެ.
ރާއްޖޭން އަމިއްލަ ދަނޑުގައި ފިލިޕީންސާ ދެކޮޅަށް އެންމެ ފަހު މެޗެއް ކުޅުނީ ނޮވެމްބަރު 2019 ގަ އެވެ. ވޯލްޑް ކަޕް 2022 ގެ ކޮލިފައިންގައި ކުޅުނު އެ މެޗުން ފިލިޕީންސް މޮޅުވީ 2-1 ންނެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން 3:30 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދީދާތް
18 November 2025
ހަންޕުބޭ ބުންޏަކަސް ބުނާހާކަމެއް ނުކުރެވޭނެ.
އިނާދި
18 November 2025
ޤައުމު ދެކެ ލޯބިވޭ. އެކަމަކު މިހާރު ރާއްޖޭގެ ފުޓްބޯޅަ ބަލާހިތެއް ނުވޭ. އެއްވެސް ކުރިއެރުމެއް ނުލިބޭތީ. ހައްތަހާ ދަނީ ދަށަށް. މޮޅު ނުވެވޭ ތަނުގަ އެއްވަރު ވެސް ކޮށް ނުލެވޭ.