އީގަލްސް ފަރިތަކުރުންތަކުގެ ތެރެއިން ނައްޓޭ.-- ފޮޓޯ: އީގަލްސް
31 މާޗް 2017 - 11:18
އެސްޓީއޯ މާލޭ ލީގުގައި ކްލަބް އީގަލްސް މިހާތަނަށް ކުޅުނު ތިން މެޗުގައި ވެސް ފެނިފައިނުވާ އަހުމަދު ނާޝިދު (ނައްޓޭ) އާއި އަހުމަދު ރިޒުވާން (ރިޒޭ) ލީގު އަލުން ފަށާއިރު ކުޅޭނެ ކަމަށް އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.
މާޒިޔާ ދޫކޮށް މި އަހަރު އީގަލްސްއާ ގުޅުނު ނައްޓޭ ކުޅުމާ ދުރަށް ދާން ޖެހުނީ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. ރިޒޭ ހުރީ އައިލީ ކަމެއްގައި ރަށުން ބޭރުގަ އެވެ.
ސާންތީ ބުނީ މި ދެ ކުޅުންތެރިން ގުޅުމަކީ ޓީމަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.
"މިދެ ކުޅުންތެރިންނަކީ އަޅުގަނޑުމެންގެ އެޓޭކްގެ މުހިއްމު ދެ ކުޅުންތެރިން. މި އަހަރު މިހާތަނަށް އީގަލްސް ކުޅުނު މެޗުތަކުގައި ނައްޓޭ އާއި ރިޒޭ ނެތްތަން ދެއްކި. އެކަމަކު ލީގު އަލުން ފަށާއިރު މި ދެ ކުޅުންތެރިން ކުޅޭނެ،" ސާންތީ ބުންޏެވެ.
ނައްޓޭ އަކީ ފާއިތުވި އަހަރުތަކުގައި މާޒިޔާ އާއި ގައުމީ ޓީމަށް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔެކެވެ. ސާންތީ ސީޒަން ފެށުމުގެ ކުރިން ބުނީ އީގަލްސް ވަރުގަދަ ކުރަން ހޯދީ ލޯކަލް ދެ ކުޅުންތެރިން ކަމަށާއި ނައްޓޭ އަކީ އޭގެ ތެރެއިން އެއް ކުޅުންތެރިއެއް ކަމަށެވެ.
އީގަލްސް ފަރިތަކުރުންތަކުގެ ތެރެއިން ރިޒޭ (ކ.2) އެ ޓީމުގެ ބައެއް ކުޅުންތެރިންނާއި އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ކ.3)އާ އެކު.-- ފޮޓޯ: އީގަލްސް
އީގަލްސް އަށް ޔޫތު ޗެމްޕިއަންޝިޕް 2014 ވަނަ އަހަރު ކާމިޔާބު ކޮށްދިން ޓީމުން ވިދާލި ރިޒޭ އަކީ މިދިޔަ ދެ އަހަރު އީގަލްސް ސީނިއާ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ޗެމްޕިއަންކަން އީގަލްސް އަށް ހޯދައިދިން ލަނޑު ކާމިޔާބުކުރީ ރިޒޭ އެވެ.
ކުޅުމާ ދުރުގައި ހުރުމުގެ ސަބަބުން އޭޝިއަން ކަޕްގައި ފަލަސްތީނާ ދެކޮޅަށް ދާދި ފަހުން ރާއްޖެ ކުޅުނު މެޗަށް ގައުމީ ކޯޗު ޑަރެން ސްޓެވާޓް ނެގި ސްކޮޑުން ނައްޓޭ އާއި ރިޒޭ އަށް ޖާގަ ނުލިބެ އެވެ.
މާލޭ ލީގުގައި އީގަލްސް ކުޅުނު ފުރަތަމަ މެޗުން ވަނީ މާޒިޔާ އަތުން 1-0 އިން ބަލިވެފަ އެވެ. އެހެން ނަމަވެސް ދެ ވަނަ މެޗުން ވަނީ 2-0 އިން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށްފަ އެވެ. ތިން ވަނަ މެޗުން ވިކްޓަރީއާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ.
މާލޭގައި ފެތުރެމުންދާ ރޯގާއާ ގުޅިގެން މެދުކަނޑާލި މާލޭ ލީގުގެ ކުޅުން ފަށަން އެފްއޭއެމުން ނިންމާފައިވަނީ އަންނަ މަހު ހަތް ވަނަ ދުވަހު އެވެ. އީގަލްސް ދެން ކުޅޭ މެޗުގައި އަންނަ މަހު 12 ވަނަ ދުވަހު ކުޅޭނީ ކްލަބް ވެލެންސިއާއާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy