ހއ. ފިއްލަދޫ އުސޫލާ ހިލާފަށް ޓޫރިޒަމް ބިން ދިނުމުން ފިއްލަދޫ ކައުންސިލަށް 69 މިލިއަނުގެ ގެއްލުމެއްވާނެ ކަމަށް އޮޑިޓުގައިވޭ-- ފޮޓޯ: ޒުވާން މަސްވެރިޔާ
21 ނޮވެމްބަރ 2025 - 11:44
ހއ. ފިއްލަދޫ ކައުންސިލުން އެ ރަށުގައި ޓޫރިޒަމް ވިޔަފާރި ފުޅާކުރުމަށް 50 އަހަރަށް 66 ބިން ދޫކޮށްފައިވާ ގޮތުން 69.9 މިލިއަން ރުފިޔާގެ ގެއްލުންވާނެ ކަމަށް އޮޑިޓާ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.
ފިއްލަދޫ ކައުންސިލުން 2024 ވަނަ އަހަރުގެ ބަޖެޓު ހޭދަކުރީ އެ އަހަރަށް ކައުންސިލު ބަޖެޓު ފާސްކުރި ގޮތާ އެއްގޮތަށްތޯ ބެލުމަށް ހަދާފައިވާ އޮޑިޓުގައި ބުނީ ކައުންސިލުގެ އިދާރާ އިން ޓޫރިޒަމަށް ބިން ދޫކުރުމަށް ތައްޔާރުކޮށްފައިވާ އުސޫލާ ހިލާފަށް ޕްރޮޕޯސަލްތައް އިވެލިއޭޓްކުރުމާއި ޕްރޮޕޯސަލްތަކާއި ހިލާފަށް އެއްބަސްވުންތައް ތައްޔާރުކޮށްފައިވުމުގެ ސަބަބުން އެ އެއްބަސްވުންތަކުގެ މުއްދަތުގައި 69.9 މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށެވެ.
އެ ރިޕޯޓުގައި ބުނީ ކުއްޔަށް ދޫކުރުމަށް ހުށަހަޅާފައިވާ ބިންތަކުގެ ތެރެއިން ބައެއް ބިންތަކަށް ކުލި ހުށަހެޅުމުގައި އަހަރުން އަހަރަށް ކުލި އިތުރުވާ ގޮތަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް މާކްސް ދިނުމުގައި ކުއްޔަށް ނެގުމަށް ހުށަހަޅާފައިވާ މުއްދަތަށް ލިބޭނެ ޖުމްލަ އާމްދަނީއަށް ރިއާޔަތްނުކުރާ ކަމަށެެވެ. އޭގެ ބަދަލުގައި ފުރަތަމަ އަހަރަށް ހުށަހަޅާފައިވާ އަގަަށް ބަލައިގެން އިވެލުއޭޓްކުރުމުގެ ސަބަބުން ބިން ލިބެންވާ ފަރާތް ނޫން އެހެން ފަރާތްތަކަށް ގިނައިން ޕޮއިންޓު ލިބި، ބިން ހަވާލުކޮށްފައިވާ ކަމަށް ބުންޏެވެ.
އެގޮތަށް ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ ސަބަބުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން އަށް ބިމަކުން ކުއްޔަށް ދީފައިވާ މުއްދަތަށް ކޮންމެ 10 އަހަރަކުން އެއް ފަހަރު މަހުކުލި 25 ޕަސެންޓް އިތުރުކޮށް ހިސާބުކުރުމުން ވެސް ކައުންސިލު އިދާރާއަށް އާމްދަނީގެ ގޮތުގައި ޖުމްލަ 55 މިލިއަން ރުފިޔާގެ ގެއްލުން ވެދާނެ ކަމަށް އެ ރިޕޯޓުގައި ވެ އެވެ.
އޮޑިޓުގައި ބުނީ ކޮންމެ 10 އަހަރަކުން އެއް ފަހަރު މަހުކުލި 25 ޕަސެންޓް އިތުރުކުރުމަކީ އިހްތިޔާރީ ކަމެއް ކަމަށްވާތީ އެ ކުލީގެ ކުރިއެރުން ނުހިމަނައި ހިސާބުކުރުމުން އެ އަދަދު 100 މިލިއަން ރުފިޔާއަށް އިތުރުވެގެން ދިއުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށެވެ.
އޭގެ އިތުރުން، ބިން ކުއްޔަށް ނެގުމުގައި ހުށަހަޅާފައިވާ ޕްރޮޕޯސަލާ ހިލާފަށް ސީއެސްއާރު އަދި ކުލީގެ މާއްދާތައް ބައެއް އެއްބަސްވުންތަކުގައި ހިމަނާފައިވާ ކަމަށް އެ އޮޑިޓުގައިވެ އެވެ. އޭގެ މިސާލެއްގެ ގޮތުގައި ބުނީ ޕްލޮޓް ނަމްބަރު BP-01 ބިމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި އަހަރުން އަހަރަށް ކުލި އިތުރުވާ ގޮތަށް ހިމަނާފައިވިޔަސް، އެ އިދާރާ އިން އެއްބަސްވުން ތައްޔާރުކޮށްފައި ވަނީ އެ ފަރާތުން ފުރަތަމަ އަހަރަށް ހުށަހެޅި އަގު ކަމަށްވާ، 2ރ. އަކީ 50 އަހަރަށް މަހު ކުއްޔަށް ދައްކަންޖެހޭ ރޭޓްކަމަށް ބަލައިގެން ކަމަށެވެ.
އެގޮތަށް އަމަލުކުރުމުން، 50 އަހަރަށް އިދާރާއަށް، 9.2 މިލިއަން ރުފިޔާގެ ކުލީގެ ފައިސާގެ ގޮތުގައި ގެއްލުންވެގެންދާނެ ކަމަށް ވެސް އޮޑިޓުގައި ބުންޏެވެ.
އޮޑިޓުގައިވާ ގޮތުން ޕްލޮޓް ނަމްބަރު BP-38 ބިމަށް ހުށަހެޅި ޕްރޮޕޯސަލްގައި ސީއެސްއާރުގެ ގޮތުގައި އަހަރަކަށް 115،000ރ. ދޭނެ ކަމަށް ހުށަހެޅިޔަސް، އެ ބިން ކާމިޔާބުކުރި ފަރާތާ އެކު ވެފައިވާ އެއްބަސްވުމުގައި ސީއެސްއާރުގެ ގޮތުގައި ދޭންޖެހޭނެ ކަމަށް ހިމަނާފައި ވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި އަހަރަކު މަދުވެގެން 57،000ރ. ގެ މަގުން ޖުމްލަ 115،000ރ. އެވެ. އޭގެ ސަބަބުން އެއްބަސްވުމުގެ މުއްދަތުގައި ފަސް މިލިއަން ރުފިޔާގެ ގެއްލުމެއް ވެދާނެ ކަމަށް އޮޑިޓުގައި ވެ އެވެ.
ހއ. ފިއްލަދޫ ކައުންސިލުން ޓުރިޒަމް ބިން ދޫކުރުމުގައި އެންމެ ފައިދާވާ ގޮތަށް އަމަލުނުކުރުމުން ލިބޭ ގެއްލުމުގެ ތަފްސީލު ކަމަށް އޮޑިޓުގައި ހިމަނާ ކަންކަން.
އޮޑިޓުގައި ބުނީ ކައުންސިލު އިދާރާގެ މުވައްޒަފުން އަދި މުވައްޒަފުންނާ ގުޅުންހުރި ފަރާތްތަކަށް ބިންތަކަށް ކުރިމަތިލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލާފައި ނުވާ ކަމަށެވެ. އަދި ލޯކަލް ކައުންސިލުތަކުގެ އާންމު އިޖުރާއީ ގަވާއިދާ ހިލާފަށް މެމްބަރުންގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭ ގޮތުން ބާއްވާފައިވާ ބައްދަލުވުންތަކުގައި ވެސް އެ މީހުން ބައިވެރިވެފައިވާ ކަމަށެވެ.
މިގޮތުން، އެ ރިޕޯޓުގައި ބުނީ ދެ މުވައްޒަފަކާއި މެމްބަރަކަށް ބިން ލިބުނު ކަމަށެވެ. އަދި 131،660 އަކަފޫޓުގެ އެ ބިމުން އެ މީހުންނަށް ލިބިފައި ވަނީ ބީޗް ފްރަންޓުން ހަތް ބިމާއި މޫދާ ކައިރިން ތިން ބިމަކާއި ފުއްޓަރު ފަރާތުން ބިމެއް ކަމަށެވެ. އަދި 81،614 އަކަފޫޓުގެ ބިމުން، ތިން މުވައްޒަފަކާއި ދެ މެމްބަރަކާ ގުޅުން ހުރި ފަރާތްތަކަށް ވެސް ބިން ލިބުނު ކަމަށާއި އެއީ ބީޗް ފްރަންޓުން ފަސް ބިމާއި މޫދާ ކައިރި ހިސާބަކުން ހަތަރު ބިން ކަމަށެވެ.
އިތުރު މައްސަލަތައް:
- ވިޔަފާރި އުސޫލުން ބަނދަރު ސަރަަހައްދުން ބިން ދޫކުރުމަށް ކޮށްފައިވާ އިއުލާނާ ގުޅިގެން 14 ޖޫން 2023 ގައި ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް އޮޑިޓަށް ފޯރުކޮށްދީފައި ނުވުން.
- ކައުންސިލު އިދާރާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 199،856ރ. ލިބިފައިނުވުމާއި ގަވާއިދުގައި ބަޔާންކުރާ ގޮތަށް ފައިސާ ހޯދުމަށް މަސައްކަތް ނުކުރުން.
- ކައުންސިލު އިދާރާގައި ބޭނުންކުރާ އެއްވެސް އެކައުންޓެއްގެ ބޭންކް ރިކޮންސިލިއޭޝަން ތައްޔާރުކޮށްފައިނުވުން.
- ބިންތަކުގައި މަސައްކަތްކުރިއަށްދާ ގޮތް މޮނިޓާކުރާނެ ހަރުދަނާ ނިޒާމެއް އެކުލެވިފައި ނެތުން.
- ބިންތައް ދޫކުރުމުގެ ކުރިން އެ ތަނަށް ބޭނުންވާ އަަސާސީ ހިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސާފައި ނެތުމުން އެ ބިންތަކުގެ ވޭނުންކުރަން ފެށިފައިނުވުން.
- ބިން ލިބުނު ބައެއް ފަރާތްތަކުން ބިން އެހެން ފަރާތްތަކަށް ވިއްކާފައިވުން.
- އުސޫލުގައި ކުލި މާފުކުރެވޭ މުއްދަތުކަމުގައި ބަޔާންކުރި ތިން މަސް ދުވަހުގެ މުއްދަތު 24 މަސް ދުވަހަށް އިތުރުކުރުމަށް ކައުންސިލުން ނިންމުމުން، 30.6 މިލިއަން ރުފިޔާ ކައުންސިލަށް ނުލިބުން.
- ސްޕެސިފިކޭޝާނާ ހިލާފަށް ސަޕްލައި ކޮށްދީފައިވާ ވެހިކަލެއް އިދާރާއަށް ބަަލައިގެންފައިވުމާއި ވެހިކަލް ރަޖިސްޓްރީ ކައުންސިލުގެ އިދާރާގެ ނަމަށް ބަދަލުކުރުމުގެ ކުރިން އެއްބަސްވުމުގެ އަގުގެ ބޮޑު ބައެއް ދިނުން.
އޮޑިޓުގައި ގިނަ މައްސަލަތަކެއް ފާހަގަވެފައިވާތީ ކައުންސިލުގެ އިދާރާ އިން ހިންގައި ބަލަހައްޓާ އެކައުންޓްތަކުގެ ކަންތައްތައް ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކުރުމަށް ވަނީ އަންގައިފަ އެވެ. އަދި ކޮންމެ މަހެއް ނިމުމުން، ކައުންސިލުގެ އެކައުންޓުގައި ހުންނަ ފައިސާގެ އަދަދަކީ ރަނގަޅު އަދަދެއްތޯ ބަލައި ކަށަވަރުކުރުމާ އެކު އޭގެ ރިކޮންސިލިއޭޝަން ސްޓޭޓްމަންޓެއް ތައްޔާރުކޮށް، ތައްޔާރުކުރި ފަރާތާއި މާލީ ޒިންމާދާރުވެރިޔާ ސޮއިކޮށް ފައިލްކުރަމުން ގެންދިއުމަށް އަންގާފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޮނިކް
23 November 2025
މިއޮއްހާދުވަހު ބިންތައް ބާއްވައިގެން ތިބެގެން ބައިރުފިޔާއެއްވެސްނުލިބުން ގެއްލުމަކަށް ނުވޭތޯ. ބަޔަކަށް އެއްޗެއްދިނީމަތޯ ރަނުނުންރަނަށް ހަމައަގުނުލިބިގެން ތެޅިގަންނަނީ. ރަށްރަށުގެ ހޭޅިތައް ތިހެންބާއްވައިގެން މިއޮށްހާދުވަހު ތިބެގެން ލިބުނީ ކޯޗެއްތޯ އޮޑިޓްއިފީހުން ކީއްވެތޯބަލާނުލަނީ. އަބަދުވެސް ހުރަހަކަށް ވެގެން ކަމެއްކުރިޔަނުދޭންއުޅޭފާޑަށް ތިތަނުގެ
އަސަރީ
22 November 2025
އޮޑިޓް އޮފީހުން ހަމައެކަނި މޮޅު ވާހަކަ ދައްކަނީ ކައުންސިލުން އެކަންކުރީމައެވެ. ޓޫރިޒަމްއަށް ކުރީން ދޫކުރީ 25 އަހަރާށެވެ. 25 އަހަރު މުއްދަތް ހަމަވުމުން އެއްވެސް ރަށެށް ބިޑަށް ލީތޯއެވެ. އެރަށްތަށް 2 ވަނަފަހަރަށް ބިޑަށްލީނަމަ 100 މިއަށް ޑޮލަރާއި 200 މިލއަށް ޑޮލަރު ދައުލަތަށް ލިބޭނެއެވެ. މިހާރު 99 އަހަރަށް ތިދެނީ 2 އަހަރު ތެރޭގައި 5 މިލިއަށް ޑޮލަރާށެވެ. މިކަމުގެ ސަބަބުން ދައުލަތަށް ގެއްލުން ނުވޭތޯ ؟
އުވާލާ
22 November 2025
ތިޔަ ކައުންސިލްތަކަކުން ދައުލަތަށާ ރައްޔިތުންނަށް ވީފައިދާއެއްނެތް. ދައުރޔ ނިމެންވާއިރަށް ޖީބަށް ބިންތައް އަޅާލަނީ.
ސޯޅަ
22 November 2025
މައިސަރުކާރުން އުސޫލުންކުރާ އެއްކަމެއްވެސް އެބައޮތްތަ؟
ހުސެންފުޅު
22 November 2025
ރ. ވާދޫގެ ބިންދޫކުރި މައްސަލަ އޮޑިޓު އޮފީހުން ބަލާނީ ކޮންއިރަކުންތޯ؟
އަފްރާސިޔާބު
21 November 2025
އިވެކުއޭޓްކުރީ ހޯކޮށް. ފުރަތަމަ އަހަރު ބޮޑު ކުލި ހުށަހެޅި ފަރާތަށް ދޭންވާނީ. އެޗް.ޑީ.ސީންވެސް ހެދީ އެހެން. އަހަރުން އަހަރަށް ބޮޑުވާ ގޮތަށް ފޯމިއުލާ އެއް ގެ ދަށުން ހެދީމާ ކަމަކު ނުދާނެ.
ހާސަރު
21 November 2025
ސަރުކާރުން ސަބްމެރިން ކޭބަލެއްގެ މަސައްކަތުގެ %99 ނިންމާފަ އޮއްވާ އެކަމާއަޅާނުލާތިބެ ގޫގުލްއާއެކު ހެދި އެއްބަސް ވުމުން ލިބޭނެ ގެއްލުން ވެސް އޮޑިޓްކޮށްލާތި. ފިސާރި ބޮޑުގެއްލުން ފެންނާނެ.
ހިމް
21 November 2025
ރަށުގެ މުސްތަގުބަލު 50 އަހަރަށް ވިއްކާލާއިރު ފައިނޭންޝަލް ލިޓްރެސީ ވެސް ނުދަންނަ ބަޔަކު މިތިބެނީ ކައުންސިލުތަކުގައި. ކައުންސިލުތަށް ސައިޒު ކުޑަކޮށް، ތައުލީމީ ވަކި ފެންވަރެއްގެ ބަޔަކު ލާން ޝަރުތުކުރަންޖެހޭ މިކަހަލަ ޒިންމާދާރު މަގާމުތަކަށް.
ހާސަރު
21 November 2025
އޭސީސީން އެތައްފަހަރަކު މިކަމާއުޅެ އެއްވެސް މައްސަލައެއް ނުފެނުނީމަ ދެން އޮޑިޓް ރިޕޯޓެއް މިނެރުނީ ކައުންސިލް އިންތިހާބަށް ޕާރޓީ ކުދިންރުއްސަން.
ކަމަރު
21 November 2025
މިނިވަން މުއައްސަސާތަކުގަވެސް ހުސް ސިޔަސީ މީހުން
ޢަރުތަ
21 November 2025
ރަނގަޅު ވާހަކައެއް، ހަމަ ތިފަދައިން ޤާނޫނު ހަދަން މަޖިލިހަށްވަދެ ތިބޭމީހުންނަކީ ވެސް ޢިލްމީ ޤާބިލު މީހުނަށް ވާންޖެހޭ. "ހާކާލި ބުރުވާލި" ޤާނޫނު ހަދަން ވަދެ ތިބީމަ ދެން ވަރަށް އައްޗި.
ފަޅާ އެރުން
22 November 2025
މިކަން ފަޅާ އެރީމަ ހާދަ އަސަރެއް އެބަ ކުރެޔޭ ބަޔެއްމީހުނަށް
ކަމާލް
21 November 2025
ބިން ނުދޫކޮށް ފަޅުކޮށް އޮތް އިރުގެ ގެއްލުން އުޅެނީ ކިހިނެއްބާ؟
ޢަހުމަ
21 November 2025
ހުޅުމާލެއިން ހިލޭ ގޯތިތައް ބަހާލުން އޯކޭ. ބިލިއަން ގެއްލުން. ރަށެއްގައި ހެދީމަ ކަޑަ
ބސކރތ
22 November 2025
ގޯސް އަބަދުވެސް ގޯސްވާނެ. ތި ވިސްނުން ދޫކޮށްގެން މެނުވީ، މިގައުމު އިސްލާހެއް ނުވާނެ. އާދީބު ކުރި ވައްކަމަށް މާފު ލިބުނީމާ އޭގެ މާނައެއް ނޫން، ވައްކަން ހުއްދަވީއޭ