އއ. މާޅޮހުގައި އެ ރަށު އަބްދުއްރަހުމާން މަރާލި މައްސަލައިގެ ތަހުގީގަށް ދިޔަ ފުލުހުންގެ ޓީމެއް: އޮޕަރޭޝަނަލް މަސައްކަތުގައި ދިމާވީ ދަތިތައް ދެނެގަނެ ހައްލު ހޯދުމާ ބެހޭ ކޮންފަރެންސެއް ބާއްވަން ވަނީ ނިންމާފައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
26 ނޮވެމްބަރ 2025 - 23:05
ފުލުހުންގެ މަސައްކަތް ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަތުމަށް ފުލުހުންގެ އިސް ބޭފުޅުންގެ ކޮންފަރެންސެއް ބާއްވަން ނިންމައިފި އެވެ.
އަންނަ މަހުގެ 2 އަދި 3 ގައި މި ކޮންފަރެންސް ބާއްވަން ނިންމާފައި މި ވަނީ ފުލުހުންގެ މަސައްކަތާ މެދު ސުވާލު އުފެދޭ އަދި އިތުބާރު ގެއްލޭ ފަދަ ކަންތައްތަކެއް ފެންމަތިވެފައިވާ ވަގުތެއްގަ އެވެ.
ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯ އާއި އެހެނިހެން ބައެއް ކަންކަމާ ގުޅޭ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަަލައި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނާއި ފުލުހުންގެ އިތުރު ހަ އޮފިސަރަކާ މެދު ފިޔަވަޅު އަޅަން ހުށަހެޅުމަށް ވެސް ކޮމިޓީން ފާސްކޮށްފައި ވަނިކޮށް ކޮންފަރެންސްގެ ޕްރީ އެންގޭޖްމަންޓް ސެޝަނެއް މާދަމާ ހެނދުނު ފަށަން ވަނީ ނިންމައިފަ އެވެ.
އެނގިފައިވާ ގޮތުގައި "ލޯކަލް ޕޮލިސިން ކޮންފަރެންސް 2025" ނަމުގައި ބާއްވާ ކޮންފަރެންސަށް ތައްޔާރުވުމަށް ފުލުހުންގެ ކޮމާންޑް، ޑައިރެކްޓްރޭޓް އަދި ރީޖަންތަކުގެ ވެރިން ބައިވެރި ކޮށްގެން މާދަމާ ޕްރީ އެންގޭޖްމަންޓް ސެޝަނެއް ބާއްވާއިރު ޕޮލިސް ކޮމިޝަނަރު ނަވީން ވީ ރަސްމީ ދަތުރެއްގައި ރާއްޖޭން ބޭރުގަ އެވެ.
1- ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން
2- ސުޕްރިންޓެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމް (އިންޓެލް ހެޑް)
3- އެސިސެންޓް ކޮމިޝަނަރު އަހުމަދު އަބްދުއްރަހުމާން
4- އެސިސްޓެންޓް ކޮމިޝަނަރު މޫސާ އަލީ
5- އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ބަޝީރު
6- އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ދާއޫދު
7- އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރަޝީދު
އަންނަ މަހު ބާއްވާ ކޮންފަރެންސްގެ ބޭނުމެއް ކަމަށް ބުނެފައިވަނީ ފުލުހުންގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އެ މަސައްކަތް ކުރާނެ ގޮތުގެ ޕްލޭނެއް ހެދުމެވެ.
މާދަމާ ޕްރީ އެންގޭޖްމަންޓް ސެޝަން ބާއްވަނީ އޮޕަރޭޝަނަލް މަސައްކަތް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ތައްޔާރުކުރާ ކަރުދާސް އެކުލަވާލުމާ ބެހޭ ގޮތުން ބްރީފިން ދިނުމަށެވެ.
މާދަމާގެ ބައްދަލުވުމުގައި ރީޖަންތަކުގެ ކޮމާންޑަރުން ވެސް އޮންލައިންކޮށް ބައިވެރިވާން ވަނީ އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޭކާރު ބޭކާރު
27 November 2025
ތިޔައީ ކުނިވެ ފުޅައަޅާ އޮލަވެފަ އޮތް ތަނެއް. ތިތަން ސާފުކޮށް ނިމޭއިރު ތިބޭނީ ހައެއްކަ މީހުން. ކުރިއަށް އޮތް ދިހަ އަހަރުވެސް ރައްޔިތުންނަށް ހެޔޮލަފާ ހިދުމަތެއް ލިބޭނެކަމުގެ އުއްމީދެއް ނުކޮށް އަމިއްލައަށް ސަލާމަތްކަން ހޯދައިގެން އުޅުނިއްޔާ ރަނގަޅުވާނީ.
ޢަބްދުލްﷲ
27 November 2025
އެންމެން ބޭރުކޮށްފަ ސުމަކުން އަލުން ފަށާ.
raajje
27 November 2025
ކޮންފަރެންސަކުންހެޔޮބަދަލެއްގެނެވޭވަރަށްވުރެން ފުލުހުންހާލަތުދަށް، އެހެންއިދާރާތަކާއަމިއްލަކުންފުނިތަކަށްވެސް ތައުލީމީ މީހުނަށްއެކަނިފުރުސަތުދެމުންދާއިރު ފުލުހުންގެ ތެރެއަށް މީހުންނެގުމުގާ އޮންނައުސޫލާ ހިލާފަށްއެއްވެސްފެންވަރެއްނެތްމީހުންވައްދާ ކޮންފަރެންސްތައްބޭއްވުމާއެކު ފުރަތަމަކުރަންވީކަމަކީ ޔުނިޓުތަކުގެވެރިންނަށް ގާބިލުތައުލީމީ މީހުންލުން، އެޔަށްފަހު ސުކޫލުދައުރުފުރިހަމައަށް ނިންމާމީހުންއެކަނި ފުލުހުންގެތެރެއަށް ވަނުމުގެފުރުސަތު ދެމުންދިޔުން
އޮނަރަބްލް އަފީފު ދީދީ
27 November 2025
ހޯމްލޭންޑް ސިކިއުރިޓީ ވަޒީރު ވިދާޅުވަނީ "ޑްރަޤް ވިއްކާމީހުނަށް ދެން އެކަންނުކުރެވޭނެކަމަށާއި، އެމީހުން އެކަން ހުއްޓާނުލާނަމަ، ޖެހޭނީ ރާއްޖެދޫކޮށް ދާން" ކަމަށް. އެކަމަކު ވަޒީރު ވިދާޅުވިމަސައްކަތް ތަންފީޒު ކުރާންޖެހޭ ފުލުހުންގެ މުއައްސަސާގެ އެންމެމަތީ ވެރިޔާ ކޮމިޝަނަރ އޮފް ޕޮލިސް އާއި އޭނާގެދަށުން ތިއްބެވި އެތައްވެރިންނަށް މިތިބީ ލަދުވެތި އެތައް ކަންތައްތަކެއްގައި ބައިވެރިވެ މަޤާމުން ދުރުކުރާންޖެހޭ ޙާލަތުގައި. ވަޒީރު ފުރަތަމަ ހައްލުކުރާންވީ މިކަން.
ފަރުހާދި
27 November 2025
ކޮން ކަމެއް ރަނގަޅު ކުރެވޭނީ. އިރާއީ ބުކްޝޮޕް ކަންމަތީ އިން ޕާޓޭ ޖަގަހަ ނަގާދޭށޭ ފުލުހުން ކައިރިން އެދޭތާ ދެމަސް ދުވަސްވީ. ހަމަ ބަލަނީ. އަދިވެސް ބަލަނީ
އަަސަރަފަފ
27 November 2025
ކޮންފަރެންސް ބާއްވައިގެން މިރާއްޖޭގެ މުއަސަސާތަށް ރަނގަޅު ވާނެ ނަމަ މިހާރު މިތަން ރަނގަޅު ވެއްޖީސް. އެންމެ އަުގބޮޑެތި ކޮންފަރެންސް ހޯލްތަށް، ނަސަންދުރާ، ކުރޮސް ރޯޑް. އަނެއްކާ ދަތުރުކޮށްލަނީ ދުބައި، ސިންގަޕޫރް، އޮސްޓްރޭލިއަރ. ހަރާން ދަސްވާ އެއްވެސް ކަމެއް ނޯވޭ.
ދިރާސީ
27 November 2025
ބަދަލު ހިފުމުގެ ރޫހު އެތަނެއްގައި އަލާވެއްޖެއްޔާ އެއީ އެތަނެއްގެ ހަލާކު.. މިހާރު ފުލުހުންގެ ލީޑަރޝިޕާއި ގުޅިގެން މީޑިޔާއަށް ތިލަވާ ކަންކަމަކީ ފުލުހުންގެ ލީޑަރޝިޕުގައި އޮތް ޒަމާންވީ ކޯޅުންތަކެއް ފަޅައިގެން އެއްބަޔަކު އަނެއް ބަޔަކު ކެރިއަރ ދުއްވާލަން ބޯޅަ ޖަހަމުން ދިޔުމުގެ ސަބަބުން ފެންނަ ކަންކަން.. ފުލުހުންގެ މުއައްސަސާގައި އެތެރޭގެ ތަޙުޤީޤުތަކާއި ، މުއައްޒަފުން ކުރާ ކުށްތަކާއި ގުޅިގެން އަޅާ ހުރިހާ ފިޔަވަޅަކީ އާންމު ކުރެވެން ޖެހޭ ކަންކަމެއް ނޫން.
ހުރިހާ
27 November 2025
ފުލުހުންގެ މުއައްސަސާ މަދަނީ ކުރީ ތި ރޫހު ކަނޑުވާލުމަށް
ހަމްބެ
27 November 2025
ތިކަމުންވެސް ކޮންމެވެސް ބަޔަކު ކަޓެއް ނަގާފަ އޮންނާނީ ރަނގަޅަށް ވިއްޔާ.
ހުރިހާ
27 November 2025
ފަހު ކަޓު
ގފޗ×
27 November 2025
1. އަޚުލާގު. އެންމެފުރަތަމަކަންތައް. 2. ތިމަންމެނަކީ ރައްޔިތުންގެ މުސާރައިން ރައްޔިތުންނަށް ޚިދުމަތްކުރަން ނަގާފައިތިބި ބައެއްކަން ދަތުން.
ފުލުހުންގެއިދާރާ
26 November 2025
މި ކޮންފަރެންސް ރާވައި ހިންގައި ލީޑުކުރަނީ ހޯމް މިނިސްޓަރު އިހުސާނު. ފުލުހުންގެ އިދާރީ ހިންގުމުގެ ތެރެއަށް މިނިސްޓަރު ވަނުމުގެ އެއްވެސް ބާރެއް ފުލުހުންގެ ޤާނޫން އިން މިނިސްޓަރަށް ނުލިބޭ. ކޮމިޝަނަރ ގެ ޒިންމާތައް މިނިސްޓަރު ނަގައިގެން ތިއުޅެނީ ޤާނޫނާއި ޚިލާފަށް. ފުލުހުންގެ އިދާރާ އަކީ ހޯމް މިނިސްޓަރީ ގެ ދަށުން ހިނގާ ތަނެއް ވެސް ނޫން. މިނިސްޓަރު ގެ ދައުރު ޤާނޫން ގައި ލިޔެވިފައިވާނެ.