27 ނޮވެމްބަރ 2025 - 08:54
ކޮންމެ ސަރުކާރަކުން ވެސް ފަސް އަހަރުގެ ފިސްކަލް ޒިންމާގެ ޗާޓަރެއް ހަދަން ލާޒިމްކޮށްފައިވާ މުއްދަތު ދެ އަހަރު ދުވަހަށް އިތުރުކުރަން ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
މި ސަރުކާރުން ހުށަހަޅައި، މިދިޔަ އަހަރު ފާސްކުރި ގާނޫނުގައިވާ ގޮތުން ކޮންމެ ރިޔާސީ ދައުރެއް ފެށޭތާ ހަ މަސް ތެރޭގައި ފަސް އަހަރުގެ ފިސްކަލް ޒިންމާގެ ޗާޓަރެއް ފިނޭންސް މިނިސްޓަރު އެކުލަވާލައި، ގެޒެޓުގައި އާންމުކުރަން ޖެހެ އެވެ.
އޭގެ ބޭނުމަކީ ކޮންމެ ފަސް އަހަރުގެ ދައުރެއްގެ ފިސްކަލް ޕޮލިސީ ދެމެހެއްޓެނިވި އަދި ދެފުށް ފެންނަ ޕޮލިސީއަކަށް ހެދުމެވެ.
ނަމަވެސް، ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ ޕީއެންސީ މެމްބަރު ޑރ. އަނާރާ ނައީމް އެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ، ގާނޫނުގެ ދަށުން އެކުލައިލަންޖެހޭ ފުރަތަމަ ޗާޓަރު ހަދަންޖެހޭ މުއްދަތު، ކުރިން އޮތް ހަ މަސް ދުވަހުގެ ބަދަލުގައި، 24 މަސް ދުވަހަށް އިތުރުކުރުމަށެވެ.
އަދި މި ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ހަދަންޖެހޭ ގަވާއިދުތައް ހަދަން ވެސް، ދެ އަހަރު ދުވަހުގެ މުއްދަތެއް ދޭން އަނާރާ ވަނީ ހުށަހަޅުއްވައިފަ އެވެ.
މީގެ އިތުރުން، އެ ގާނޫނުގައި ރިޔާސީ ދައުރެއް ހިނގަން ފަށާ މުއްދަތަކީ 18 މަސް ދުވަސްކަމަށް ކަނޑައަޅާފައިވާ މާއްދާ އުނިކުރަން ވެސް، ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ.
މި ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، އެ ބިލުގެ އިބްތިދާއީ ބަހުސް ވެސް މިއަދުގެ ޖަލްސާގައި ފެށުމަށް ވަނީ ތާވަލުކޮށްފަ އެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ބަދަލުގައި، ސަރުކާރުން ހުށަހަޅައި، ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނެއް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވުޖޫދުކުރީ، ސަރުކާރުން އިތުރަށް ފައިސާ ޗާޕު ކުރަން ޖެހިއްޖެ ނަމަ އަމަލުކުރާނެ އުސޫލުތައް ހަރުދަނާކުރުމަށް ކަމަށް ބުނެ އެވެ.
ފިސްކަލް ޒިންމާގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ކޭޝް ފްލޯ މެނޭޖު ކުރުމަށް، އެމްއެމްއޭ އިން ފައިސާ އެޑްވާންސްކޮށް ހޯދޭނީ ތިން އަހަރުގެ މުއްދަތަށް ސަރުކާރަށް ލިބޭ އާމްދަނީގެ 2.5 ޕަސެންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނިހުލަތް މުހައްމަދު
27 November 2025
ލަސްވެސްވެއްޖެ މި ބަދަލް އަންނަން. މިޔާއެކު ދެން ދައުލަތުގެ މާލީ ކަންކަން ހަރުދަނާވާނެ. ދަރަނި ނެގުން ހަރުދަނާ ވާނެ ކަމާމެދު އެއްވެސް ޝައްކެއްނެތް
މުހައްމަދު ހަނީފް
27 November 2025
މިއީ ދައުލަތުގެ ފައިސާއަށް ހިތުރުހުރި ގޮތަކަށް ބޭނުން ކުރުން ނިމުމަކަށް ގެންނަން އެޅޭނެ ހަރުދަނާ ފިޔަވަޅެއް ކަމަށް ފެނޭ
ވާނުވައިންނަށް
27 November 2025
މަޖިލީހުގެ މީހުންނަށް ހުރިހާ ޢިލްމެއް ލިބެނީތަ، މީގެން ބަހެއްގެ ލަފްޒީ މާނައާއި މަޢުނަވީ މާނަ އިނގޭނީ މަދު މީހަކަށް..
މިލިސްތާން
27 November 2025
ބަލަ ތިވަރުން ތިޔަ ގާނޫނެއް އުވާލާންވީ ނޫންތޯ، މިއޮށް ހުރިހާ ދުވަހުވެސް މި ރައްޖެ ހިންގީ ތިޔަ ޒިންމާގެ ޗާޓަރެއް އޮވެގެނެއްނޫން، އަދިވެސް އެ ނެތަސް މި ގައުމު ހިންގޭނެ، ދެން މަޖިލީހުގެ ވަގުތު ދުއްވާލަން ކޮންމެ 2 އަހަރަކުން ނުވަތަ ހަ މަހުން ތިކަމަކަށް ވަގުތު އިތުރުކުރަން ބިލް ފާސްކުރަން ކޮބާ ބޭނުމަކީ، ތިމާމެމްނނަށް ނުވާވަރުގެ ކަންތައްތަކާ ނޫޅޭނީ،
ކަތްދައްތަ
27 November 2025
ފިސްކަލްއަކީ ކޮން އެއްޗެއްކަންވެސް ނޭގޭ މީހުން ޓެކްނިކަލް ޕްރޮފެޝަނަލް ތަޖުރިބާކާރުންނަށް ވެގަނެގެން ބިލްތައް ހުށަހަޅާ އަވަސް އަރުވާލައިގެން ފާސްކުރާއިރު މިކަމަކީވެސް ގިޔާމަތް ދުވަހުން ޒިންމާ ނަގަންޖެހޭނެކަމެއްކަން ނޭގެނީބާ؟ ހަމަ ކޮންމެ ކަމަކީ ސުވާލު ވެވޭނެ ކަމެއް؟