ޓްރެފިކް ފުލުހުންތަކެއް ހަރަކާތްތެރިވަނީ: ޓްރެފިކް ޖޫރިމަނާ ނުދައްކާ ނަމަ، އުޅަނދު ބޫޓްކޮށް، ޓޯކުރަން ފުލުހުންނަށް ބާރު ދެން ވަނީ ހިމަނާފައި - ފޮޓޯ: މިހާރު
27 ނޮވެމްބަރ 2025 - 11:26
ޓްރެފިކްގެ ގާނޫނުތަކާ ހިލާފަށް އަމަލުކުރުމުގެ ސަބަބުން ކުރާ ޖޫރިމަނާގެ އަދަދު 5،000ރ. އަށް ވުރެ މަތިވެއްޖެ ނަމަ، އެ އުޅަނދެއް ބޫޓްކޮށް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދޭން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
މިހާރު އޮތް އެއްގަމު ދަތުރުފަތުރުގެ ގާނޫނު އެއްކޮށް ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ އެއްގަމު ދަތުރުފަތުރުގެ ބިލުގައި އެއްގަމު ދަތުރުފަތުރާއި އުޅަނދުތަކާ ބެހޭ ހުރިހާ އުސޫލުތަކެއް ހިމަނާފައިވެ އެވެ. މިއީ މިހާ ތަފްސީލްކޮށް މި ކަންކަން ބަޔާންކޮށް ހަދާ ފުރަތަމަ ގާނޫނެވެ.
މި ބިލުގައި ބުނެފައިވާ ގޮތުގައި އަލަށް ހަދާ ގާނޫނާއި އޭގެ ދަށުން ހަދާ ގަވައިދާ ހިލާފުވުމުގެ ސަބަބުން ކުރާ ޖޫރިމަނާގެ އަދަދު 5،000ރ. އަށް ވުރެ ބޮޑުވެއްޖެ ނަމަ ޖޫރިމަނާގެ ފައިސާ ދައްކާ ހަލާސްކުރަންދެން، އެ ޖޫރިމަނާއާ ގުޅޭ އުޅަނދު ފުލުހުން ބޫޓް ކުރަން ވާނެ ކަމަށެވެ.
އުޅަނދެއް ބޫޓްކުރުމަކީ ޕާކްކޮށްފައިވާ އުޅަނދެއްގެ ފުރޮޅުގައި ނުވަތަ ޓަޔަރުގައި ނުވަތަ އުޅަނދުގެ އެހެން ބަޔެއްގައި އުޅަނދު ދުއްވުން މަނާކުރުމަށްޓަކައި ޓްރެކްކުރެވޭ ގޮތަށް ވަކި ކޯޑެއް ޖަހައިގެން ނައްޓާލެވޭ ގޮތަށް ފަރުމާކޮށްފައިވާ އިލެކްޓްރޯމެކޭނިކަލް އާލާތެއް ހަރުކުރުމެވެ.
އުޅަނދެއް ބޫޓްކުރާތާ 72 ގަޑިއިރު ތެރޭގައި ޖޫރިމަނާ ނުދައްކައިފި ނަމަ، އެ އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހޭނެ ކަމަށް ބިލްގައިވެ އެވެ. އެ އުޅަނދު އޭގެ ވެރިފަރާތަށް އަނބުރާ ދޫކުރެވޭނީ ޖޫރިމަނާ ދައްކައި ނިންމުމުން ނުވަތަ އެ ދައްކާނެ ގޮތަކާ މެދު އެއްބަސްވުމުންނެވެ.
ޓްރެފިކް ޖޫރިމަނާ ނުދައްކައިގެން އުޅަނދު ޓޯކުރުމަކީ މިހާރު އަމަލުކުރަމުންދާ އުސޫލެއް ނޫނެވެ.
މީގެ އިތުރުން ވެސް އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ ހާލަތްތައް ބިލުގައި ބަޔާންކުރެ އެވެ. އެއީ:
● ގަަވައިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދު
● އުޅަނދެއް ޓޯކުރެވިދާނެ ކަމަށް ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާން ކުރާ އެހެން ހާލަތްތައް
ފުލުހުން ހިފަހައްޓާ އުޅަނދަކާ އޭގެ ވެރިފަރާތުން ހަވާލު ނުވެ އެއް މަސް ވެއްޖެ ނަމަ، އެ އުޅަނދުގެ މައުލޫމާތު ގެޒެޓްކޮށް ފުލުހުން އެކަން އާންމުކުރަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ. އަދި އޭގެ ފަހުން 60 ދުވަހުގެ މުހުލަތެއް ވެރިފަރާތަށް ދޭން ޖެހެ އެވެ.
އެ މުއްދަތުގައި އުޅަނދު ވެރިފަރާތުން ހަވާލު ނުވެއްޖެ ނަމަ، އުޅަނދު ނައްތާލުން ނުވަތަ ނީލަން ކިޔުމުގެ އިހްތިޔާރު ފުލުހުންނަށް ލިބެ އެވެ.
ބިލުގައިވާ ގޮތުން ގާނޫނުގެ ދަށުން ނަގާ ފީތަކާއި ޖޫރިމަނާތަކާއި ޓްރެފިކް ފުލުހުންގެ ބެލުމުގެ ދަށަށް ނަގާ އުޅަނދު ނީލަން ކިޔައިގެން ލިބޭ ފައިސާ އަދި އެ ނޫން ވެސް އާމްދަނީ ޖަމާކުރަން ޖެހޭނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ދަށުން ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށެވެ.
އަލަށް އެކުލަވާ އެއްގަމު އުޅަނދުގެ ގާނޫނުގެ ބިލުގައިވާ ގޮތުން ގަވައިދާ ހިލާފަށް ޕާކް ކުރާ ކޮންމެ ފަހަރަކު، އުޅަނދުގެ ވެރިފަރާތް 250ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ޑީމެރިޓް ޕޮއިންޓް އުޅަނދުގައި ހަރުކުރާނެ އެވެ.
ކަފިހުރަހެއް މަތީ ޕާކްކޮށްފައިވާ ނަމަ، އެ ކުރާ ކޮންމެ ފަހަރަކު 1،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްފައިވާ ތަނެއްގައި ޕާކްކޮށްފި ނަމަ 750ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
ގާނޫނުގެ ދަށުން ލައިސަންސް ޑީމެރިޓް ސިސްޓަމެއް ގާއިމް ކުރަން ވެސް ބިލުގައި ހިމަނާފައިވެ އެވެ. މިއީ ގާނޫނާއި ގަވައިދާ ހިލާފަށް އަމަލު ކުރުމުން ލައިސެންސްއިން ޕޮއިންޓް ޑީމެރިޓް ކުރަން ޖެހޭ ސިސްޓަމެކެވެ. ލައިސެންސްގައި، ގަަވައިދުގައި ބުނާ އަދަދުގެ ޑީމެރިޓް ރެކޯޑްކޮށްފި ނަމަ، ފިޔަވަޅުތައް އަޅަން ޖެހޭ ގޮތަށް ބިލުގައި ހިމަނާފައިވެ އެވެ. އެއީ ޑްރައިވާ އެޑިއުކޭޝަން ޕްރޮގްރާމް ފުރިހަމަކޮށް އެ ޕްރޮގްރާމް ފާސްވަންދެން އެ ފަރާތެއްގެ ލައިސެންސް ހިފެހެއްޓުމާއި ވަކި މުއްދަތަކަށް ލައިންސެންސް ބާތިލްކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެމްސް
28 November 2025
ސަރުކާރުން ޢާއްމުފަރާތްތަކަށް ދޭން ހުންނަ ފައިސާ ނުދައްކާ ދާދިއުމަށް ސަރުކާރުގެ އޮފީސްތައްވެސް ތަޅު އަޅުވަން ފަށަންވީއެވެ!
މިޔާއޯ
27 November 2025
ތިޔައީ މީދަލުގެ ކޮމިޓީއިން ހުރިހާ ބުޅާތަކެއްގެ ކަރުގައި ގިގުނި އެޅުވުމަށް ފާސްކުރި ކަހަލަ ކަމެކެވެ. ފާސްކޮށްފައި ބަލާލި އިރު އެކަމާ ހާވާލުވާނެ ވާލެއް ނުވިއެވެ. ކިތަންމެ ޤާނޫނެއް ބަރިބަރިއަށް ހެދި ކަމުގައިވިޔަސް އެ ގާނޫނުތައް ހިންގޭފަދަ ޤާބިލު މުވައްސަސާއެއް ނެތެއް ނޫން ހެއްޔެވެ؟
ކާރކް
27 November 2025
ބާރަށް ދުއްވާ އެތައް ސަތޭކާ މީހުން ޕޮލިސް އާ ސިފައިންވެސް ހިމެނޭގޮތަށް ދުއްވަމުންދާއިރު އޭގެ ތެރެއިން މަދު ބަޔަކަށް ޓިކެޓް ދެމުންދާއިރު އެ ދޭ ޓިކެޓަށް ފައިސާ ދައްކަން ބުނާ ސަވާރީޕޭ އަށް ވަދެވޭނެގޮތެއްވެސް އަދި ޕޭ ކުރެވޭގޮތެއްވެސް ނޯވޭ. މިއޮތީ ވާ ގަމްރީމެންގެ ޤައުމެއް
ބޮޑުބެގެ ބެއްޔާ
27 November 2025
މަބުނީ، ހާދަ ފޮނެކޭ ދޯ މި އަރުވަނީ.
އައުޓް
27 November 2025
ފުލުސްމީހާއަށް ސަތޭކަ ވައްޓާލީމަ؟!
ޝަޖޫ
27 November 2025
ތަފާސް ހިސާބުތަކަށް ބަލާލާއިރު ތަޅުއަޅުވަންޖެހޭ މާ މުހިންމު ބައިތައް، ތަންތަން އެބަހުރި ކަމަށް ފެނޭ!
މިސްކާލް
27 November 2025
ބޮޑު އަދަދުން ޓެކްސް ނުދައްކާ ފަރާތްތަކުގެ ވިޔަފާރިވެސް ބަންދު ކުރެވެންޖެހޭނެ، ކުލި ނުދައްކާ ރިސޯޓްތައްވެސް ދައުލަތަށް ނެގެންޖެހޭނެ، އެއިރުންދޯ ހަމަހަމަ ވާނީ، އަބަދުވެސް ތިބަލަނީ ނިކަމެތިން ފެލައިގެން ލާރިނެގޭނެ ގޮތެއް،
ޙަސަން ނ
27 November 2025
ނުގަވާދުން މަގުހުރަސް ކުރާމީހުންވެސް ޖޫރިމަނާކޮއް ޓޯކުރަން ޖެހޭ
މ.ރ.
27 November 2025
ގާނޫނު ހަދާލަ ހަދާލަ ތިބެނީ. ތަންފީޒު ނުކުރަންޏާ ގާނޫނު ކިތަންމެ ވަރަކަށް ހެދިޔަސް، މީހުންގެ އަމަލުތައް އިސްލާހެއް ނުވާނެ. އާދައިގެ ހާލަތްތަކުގައި ގިނަ މީހުންނަކީ އަހްލާގީ ގޮތުން ރަނގަޅަށް އުޅޭނެ ބައެއްކަން ދައްކުވައިދޭ. ނަމަވެސް، ހާލަތާ ގުޅިގެން، ގިނަ އަދަދެއްގެ ބަޔަކު އަހްލާގީ ނޫން ގޮތަކަށް އަމަލުކުރަން މަގުފުރެދޭ. މާލޭގައި މިއޮތީ އާދައިގެ ހާލަތެއްނޫންކަން ހަމަ ބުއްދި ހުރިމީހެއްވިއްޔާ ގަބޫލުކުރާނެ. ލިބެން ހުރި ވަސީލަތްތަކަށްވުރެ މީހުން މާގިނަ.
ބާބާ
27 November 2025
ތިވެސްދާނީ ތޮޅިއަށް. ހޮޓާ ކެފޭތަކުގައިހުރޭ ލޯކުރިމަތީ ސިގިރެޓް މަނާ،އިންޒާރު، ރިޕޯޓްކުރަން ހަދާނެގޮތްވެސް ލިޔެފައި އިދޭ އެކަމަކު އެއޮތީ އަޅާލާނެ މީހަކުނެތި ދޫކޮށްފައި. މޮނީޓަރިން ސުމެއް.