މާޒިޔާ އަށް ފުރަތަމަ ލަނޑުޖަހައި ދިން އައިހަމް އުފާފާޅު ކުރަނީ: އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް އޭނާ ވަނީ ލަނޑުޖަހާފަ --- ފޮޓޯ: ނިޝާން އަލީ | މިހާރު
28 ނޮވެމްބަރ 2025 - 18:48
ނިއު ރޭޑިއަންޓްގެ މައްޗަށް ފަހަތުން އަރައި 2-1 ން މޮޅުވެ، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ފުރިހަމަ ރެކޯޑަކާ އެކު މާޒިޔާއިން ނިންމާލައިފި އެވެ.
ފުރަތަމަ ބުރުގައި ކުޅުނު ނުވަ މެޗުން ވެސް މޮޅުވެ، މާޒިޔާ އެއްވަނައިގައި ދެމެހެއްޓީ 27 ޕޮއިންޓާ އެކު އެވެ. ލީގުގައި ހުރިހާ މެޗަކުން މޮޅުވި ހަމައެކަނި ޓީމަކީ ވެސް މާޒިޔާ އެވެ.
ރާއްޖޭގެ ޓޮޕް ޑިވިޝަނުގައި މާޒިޔާ އާއި ނިއު މެޗަށް ނުކުތީ ހަތް އަހަރުގެ މެދުކަނޑުމަކަށް ފަހު އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ 10 މިނެޓްތެރޭ ނިއު އިން ލީޑް ނެގި އެވެ. އެ ޓީމުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ)، އޭރިއާގެ ބޭރުން އޭރިއާގެ އަރިމަތީގައި ހުރެފައި އޭރިއާ ތެރެއަށް ނަގައިދިން ބޯޅައިން ލަނޑު ޖެހީ ނިއުގެ ބްރެޒިލްގެ ފޯވާޑް ގިލާމީ ސިލްވާ އެވެ.
އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާއިން ނަތީޖާ ހަމަހަމަ ކުރި އެވެ.
ނިއުއިން ސީނިއާ ކެރިއާ ފެށި ހަމްޒާ މުހައްމަދު، މާޒިޔާގެ ޖޯޒީގައި ރަސްމީ ސީޒަނުގައި ފުރަތަމަ ފަހަރަށް ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ ލަނޑެއް ޖަހައި އިތުރު ލަނޑެއް ޖަހަން އެހީވެދީފަ އެވެ.
މާޒިޔާ އަށް ނަތީޖާ ހަމަހަމަކޮށް ދިން ލަނޑު އަހްމަދު އައިހަމް (ފަތޯ) ޖެހީ ހަމްޒާ ނަގައިދިން ބޯޅައިން ތަނަވަސް ވި ފުރުސަތުގަ އެވެ.
މާޒިޔާ މެޗުން މޮޅުކޮށްދިން ލަނޑު މެޗުގެ 73 ވަނަ މިނެޓްގައި ހަމްޒާ ޖެހީ ސީދާ އޭރިއާގެ ތެރެއަށް އައިހަމް ނަގައިދިން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. އައިހަމް އެ ބޯޅަ ހިފައިގެން އޭރިއާގެ އަރިމަތިން އަރައި ގޯލް ކުރިމައްޗަށް ބޯޅަ ނަގައިދިން އިރު ވެސް އޭނާ ހުއްޓުވަން ނިއުގެ ޑިފެންޑަރުންނަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ނިއުގެ ކުރީގެ ވާދަވެރި ވިކްޓަރީން ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފުޓްބޯލް ފޭންް
29 November 2025
ކޮންމެ ކަމެއް އެއީ ސަރުކާރުން ކުރަން ޖެހޭ ކަމެއް ގޮތައް ބާއްވައިގެން ތިބުމަކީ ވަރަށް ބޮޑު ގޯހެއް. މިސާލަކަށް މެޗުތަކުގެ ވީޑިއޯ ކަވަރޭޖް ވަކި ބަޔަކަށް ނޫނީ ނުނެގޭ ގޮތައް އޮތް އޮތުން. މިދިޔަ ހަފްތާގެ ވެސް ރާއްޖޭގެ އެންމެ ބޮޑު ލީގުގެ މެޗުތައް ކުޅުނުއިރު ދައުލަތުގެ ސްޕޯޓްސް ޗެނަލް "ޔެސްޓީވީ" އިން ދެއްކީ އަމިއްލަ ފަރާތަކުން އިންތިޒާމުކުރި ފުޓުސަލް މުބާރާތެއް. ދައުލަތުގެ މީޑިއާ ނޫން ބަޔަކަށް ލީގުގެ ވީޑިއޯ ރައިޓްސް ދޭން އެބަޖެހޭ!
އެދުރު1
29 November 2025
ފުރަތަމަ ޑިވިޝަނަށް ވަލު ދޮރާށިން ވަދެގެން ބަޔަކު އެބައުޅެއޭ ކިޔާތަ؟
ދަރިވަރު1
29 November 2025
މާޒިޔާ އިސްވެ އޮވެ ދިވެހިރާއްޖޭގެ އެންމެ ކާމިޔާބު ދެކުލަބުގެ ދުވަސްދުއްވާލައި ބައްސާމުގެ ކަރަޕްޝަނުގެ ޖަރީމާ އަށް އެހީތެރިވެދީ ރާއްޖޭގެ ފުޓުބޯޅަ ބޮޑު އަނދަވަޅަކަށް ވައްޓާލިއޭ ކިޔާތަ؟
ރެފްރީއެއް
29 November 2025
މި މިޗުގަ ރެފްރީ ސިނާން ފެނުނީ މާޒިޔާ ކުޅުންތެރިންނާއި އޮފިޝަލުންދެކެ ބިރުން ހުރެ ނިންމުންތައް ނިއްމިތަން. އެކެއް ސުމަކުން ނިއުރޭޑިއަންޓް ކުރީގައި އޮށްވައި މާޒިޔާ ޕެނަލްޓީ އޭރިއާ ތެރެއިން ނިއުގެ ކުޅުންތެރިޔާ ހުސްކޮށް ވަދެ ގޯލަށް ބޯޅަ ޖަހަޖަހާ އޮށްވައި އޭނަ ގައިގަ ހިފާ ދަމާ ވައްޓާލީމަ ޕެނަލްޓީއެއް ނުދިން. ދެވަނަ ހާފުގެ އިތުރުވަގުތުގަ ވެސް ސީދާ ޕެނަލްޓީ އެއް ނުދީ ދޫކޮށްލި. މާޒިއާ ކުޅުންތެރިން ފައުލްކުރީމަ ކާޑު ދައްކާކަށް ސިނާނު އަކަށް ނުކެރުނު
އޮފްސައިޑް
29 November 2025
ޝެމް އޮން އެފްއޭއެމް. ސްކޯބޯޑެއްނެތި މެޗުކުރިއަށް ގެންދަން ލަދެއްވެސް ނުގަނޭ. ގައިމު ބްރެސިލްބޯޑެއްގައި ޖަހަގެންނަމަވެސް ސްކޯރ އެގެންޖެހޭނެ ދޯ. ބައްސާމު ދިއައިމަވެސް ރަގަޅެއް ނުވިއެއްނުން.
ޓޮމްް
29 November 2025
އެ ފެނުނީ ބައްސާމު ދިވެހި ފުޓުބޯޅަ އެހެން ލެވެލް އަކަށް ގެންގޮސްދީފަވާ މަންޒަރު
ގޫކޭލި
29 November 2025
ކޮބާއިތާ ނިއުއަށް ގެނައި މޮޅުކޯޗު ސުޒޭނު ބިން ގާޑިއޯލާ. ވަރަށް މޮޅުކޯޗެކޭކިއާ އަޑުއިވޭ
މޯޑާ
29 November 2025
ކޮބާތަ ބޭރުން ގެނައި މޮޅެތި ރެފްރީން. މާޒިޔާވެސް ނިއުވެސް ދެންތިބި ކުލަބުތަކަށް ވެސް ރެފްރީން ވާންޖެހޭނި ހަމަހަމަ ވަކި ކޮޅަކަށް ބުރަބޮނޑް ވީމަ ކަޑަ އޭ
ރަށްއިތުމީހާ
28 November 2025
ދިވެހި ފުޓްބޯޅަ ނުވާނެ ދުވަހަކު ވެސް ރަގަޅެއް ސަބަބުތައް ބައިވަރު. މިއަދުވެެސް ދަނޑަށް ވަތް އިރު ސުކޯބޯޑް އެއް ނެތް އެކަމާ އެއްބަޔަކު ހަޅޭލަވަނި.. ކޮންބަޔަކު ކަމެއް މޮޅުވެފަ އޮތީ ކިތައްމިނެޓް ކަމެއް ކުޅެވުނީ އަކީ ނޭގެ. ބުނަށް މިއުޅެނި ރާއްޖެގަ އޮތް އެއްމެ ބޮނޑް ދެކުލަބު ކުޅޭ ފުރެމިޔާ ލީގު މެޗަށް އެފްއޭމް ނެތޭ ތަށްޔާރު ވެފައެއް.
އާރީ
28 November 2025
ރެފްރީގެ ފެންވަރު ވަރަށް ދަށް މެޗެއް. ތިކަހަލަ ރެފްރީން ލައިގެން ދިވެހި ފުޓްބޯޅަ ދުވަހަކުވެސް ރަގަޅު ނުވާނެ. ނިއުއަށް ލިބެންޖެހޭ ދެ ފެނަލުޓީ ވެސް ނުދިން.