ހޮކޭ: މިއަދު އޭނާ ވަނީ ތިން ފަހަރަށް ފިޓް ޖެހިފަ --- ފައިލް ފޮޓޯ: އޮޑި
29 ނޮވެމްބަރ 2025 - 20:50
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފިޓް ޖެހިގެން ދަނޑުމައްޗަށް ވެއްޓުނު ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) އަށް އޭޑީކޭގެ އިމަޖެންސީގައި ފަރުވާ ދޭން ފަށައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ޓީސީ ސްޕޯޓްސްއާ ދެކޮޅަށް އޮޑި ސްޕޯޓްސްއިން މިއަދު ކުޅުނު މެޗުގެ 66 ވަނަ މިނެޓްގައި އޮޑީގެ ކެޕްޓަން ހޮކޭ، ސެންޓަ ސާކަލްތެރެއިން ބޯޅައިގައި ބޮލުން ޖަހަން ހޮކޭ މައްޗަށް ފުންމައިގެންފައި އެރި ގޮތަށް ދަނޑުމައްޗަށް ވެއްޓުނެވެ.
އޭނާ އަށް ފަރުވާ ދޭން އެހީ ތެރިން ދަނޑަށް އަރައި ދަނޑުމަތީގައި ވެސް ފަރުވާ ދިނެވެ. އެއަށް ފަހު އަށިގަނޑުގައި އޭނާ ދަނޑުން ބާލައި ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ.
ހޮކޭ އަށް ކުރިމަތިވި ހާލަތާ ބެހޭގޮތުން އެ ކްލަބްގެ އޮފިޝަލް އަލީ ޝިފާޒު ބުނީ އޭގެ ފަހުން ވެސް ދެ ފަހަރަށް ހޮކޭ ފިޓްޖެހުނު ކަމަށެވެ.
"ފުރަތަމަ ފިޓް އެ ޖެހުނީ ދަނޑުމަތީގައި. ދެވަނަ ފަހަރަށް ފިޓް ޖެހުނީ ހޮސްޕިޓަލަށް ގެނައި މަގުމަތީގައި. އަނެއްކާ ހޮސްޕިޓަލަށް ގެނައި ފަހުން ޖެހުނު. ޖުމުލަ ތިން ފަހަރަށް ފިޓް ޖެހިފަ ވަނީ،" އޮޑީގެ އޮފިޝަލް އަލީ ޝިފާޒު ބުންޏެވެ.
"އީއާރް [އިމަޖެންސީ ޔުނިޓް] ގައި ފަރުވާ ދެމުން ދަނީ. މިހާރު ކޮންމެވެސް ވަރަކަށް ސްޓެބަލަ."
ކުރިން ނޭވާހިއްލުމުގެ އުނދަގޫ ވެސް ތަހައްމަލު ކުރާ ހޮކޭ ފުރަތަމަ ޑިވިޝަނުގައި ކުޅެން އެނބުރި އައީ ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. ނޭވާހިއްލުމުގެ މައްސަލަ ކުރިމަތިވެ މީގެ ކުރިން ވެސް މެޗުގެ ތެރެއިން އޭނާ ވެއްޓި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހިފައި ވެއެވެ.
ސިއްހީ އެ އުދަގޫތަކާ އެކު ފުޓްބޯޅަ ކުޅެން ހުއްޓާލަން ނިންމިކަން ވެސް ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު އިއުލާން ކުރި އެވެ. ފަހުން އެ ނިންމުން ބަދަލުކޮށް އޭނާ ވަނީ އެންމެ ފަހުގެ ދެވަނަ ޑިވިޝަން މުބާރާތުން ފެށިގެން އަލުން ކުޅެން ފަށައިފަ އެވެ. ދެވަނަ ޑިވިޝަން މުބާރާތް އޮޑިން ކާމިޔާބު ކުރީ ހޮކޭގެ ކެޕްޓަންކަމުގެ ދަށުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނޫސްވެރިޔާ
30 November 2025
"އެހީތެރިން" މިއީ ދެބަހުން ލިޔާ ބަހެއްތަ؟
ދެރަ
29 November 2025
މީގެ ކުރިން ވެސް އެއްފަހަރެއްގަ ގައުމީ ޓީމް ކުޅުން މެޗެއްގަ ހޮކޭއަށް މި މައްސަލަ ދިމާވި. މެޗް ތެރެއިން ވަގުތުން އޭ.ޑީ.ކޭ އަށް ގެންދިޔައީ. ސަކީބް ޑޮކް ބޮޑު ކަންނެއްޔެއްހެން ދަނޑުގެ އިރުމަތި ދަރާތުން ނަގަން ޖެހުން ދުވަސް އެއީ. އުމްމީދު ކުރަން ކުޅުން ކުރިއަށް ގެންދާނަމަ މެޑިކަލީ ހުރި ކަންކަމަށް ސަމާލުވެގެން ނޫނީ ދަނޑަށް ނާރާނެކަމަށް. ޢަވަސް ޝިފާއެއް މިންވަރުކުރައްވާށި..
ނަސޭހަތް
29 November 2025
ފުޓުބޯޅައަށް ވުރެން ތިމާގެ ސިއްހަތަށް އިސްކަން ދިނުން މުހިންމު ކަމަށް ފެނޭ. އަވަސް ޝިފާ އެއް ދެއްވާށި