ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް 5-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި އޮޑި ސްޕޯޓްސްއިން، އެއްވަނައިގައި އޮތް މާޒިޔާއާ ފަރަގު ކުޑަކޮށްފި އެވެ.

ކުރިން ފަސް ޕޮއިންޓްގެ ފަރަގެއް މާޒިޔާ އާއި އޮޑީގެ ދެމެދުގައި އޮތެވެ. އެކަމަކު އިއްޔެ މާޒިޔާއިން ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި އެއްވަރުވުމުން އެ ޓީމަށް ލިޑް ފުޅާ ނުކުރެވުނެވެ.

އޭގެ ފައިދާ އެންމެ ބޮޑަށް ނެގެން އޮތީ އޮޑި އަށެވެ. މިއަދު ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް ކުރި ހޯދައި އޮޑިން ވަނީ ތިން ޕޮއިންޓަށް ފަރަގުކުޑަކޮފަ އެވެ. އެއްވަނައިގައި މާޒިޔާ އޮތީ 11 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ. އޮޑިން މިއަދު ކުޅުނު މެޗު ކާމިޔާބުކޮށް އެ ޓީމު ވަނީ 11 މެޗުން 28 ޕޮއިންޓް ހޯދާފަ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އޮޑިން ލީޑް ނެގީ ޔޫވީގެ ޑިފެންޑަރު މުހައްމަދު ސަމްހާން އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

އޮޑީގެ މުޒްދާން ހަސަން، މެޗުގެ 27 ވަނަ މިނެޓްގައި އޭރިއާގެ ރޮނގުމަތިން ފޮނުވާލި ބޯޅަ ޔޫވީގެ ކީޕަރު މިސްރުގެ އަލީ އާދިލް މުސްޠޮފާ އަލީ ދިފާއު ކުރުމުން ރީބައުންސްވި ބޯޅަ ސަމްހާގެ ގައިގައި ޖެހިފައި ގޮސް ވަނީ ބައިކޮޅަށެވެ.

ފުރަތަމަ ލަނޑު، މުޒްދާނުގެ ނަމުގައި ލިސްޓް ނުކުރެވުނަސް އެ ލަނޑުގައި އޭނާގެ ހިއްސާ ބޮޑެވެ.

އޮޑީގެ ފަސް ލަނޑުގެ ތެރެއިން، ދެ ލަނޑު ޖެހީ ލިތުއޭނިއާގެ ފޯވާޑް ކާރޯލިސް ލައުކްޒަމީސް އެވެ.

މުޒްދާން ވަނީ މެޗުގެ ލަނޑު ލިސްޓުން ޖާގަ ހޯދައިފަ އެވެ. އޮޑީގެ ހަތަރުވަނަ ލަނޑު އޭނާ ޖެހީ 57 ވަނަ މިނެޓްގަ އެވެ.

އެ ޓީމުގެ ފަސްވަނަ ލަނޑު ޖެހީ ޑިފެންޑަރު އަހްމަދު އައިހަމް އެވެ. ޔޫވީގެ ހަމައެކަނި ލަނޑު ޖެހީ މިސްރުގެ މުސްތަފާ މަހުމޫދު އަލީ އަލްޝާޒްލީ އެވެ.