ސައުދީ އަރަބިއްޔާއިން ފަލަސްތީނަށް ދިން 90 މިލިޔަން ޑޮލަރުގެ އެހީގެ ލިއުން އުރުދުންގައި ހުންނަވާ ސައުދީ ސަފީރު އަމީރު މަންސޫރު ހާލިދު ފަލަސްތީނުވެ އެކްޓިން ޕްލޭނިން މިިނިސްޓަރާ ހަވާލުކޮށްދެއްވަނީ. ފޮޓޯ:ސައުދީ ގެޒެޓް
03 ޑިސެމްބަރ 2025 - 09:15
ސައުދީ އަރަބިއްޔާއިން ފަލަސްތީނަށް 90 މިލިއަން ޑޮލަރުގެ ފައިސާގެ އެހީއެއް ދީފި އެވެ.
ސައުދީ ޝާހީއާއިލާއާ ގާތް ގުޅުމެއް އޮންނަ ސައުދީ ގެެޒެޓް ނޫހުން ބުނީ ސައުދީ ސަރުކާރުން ފަލަސްތީނަށް ދިން 90 މިލިއަން ޑޮލަރުގެ އެހީ، އުރުދުންގެ ވެރިރަށް އައްމާންގައި ހުންނަ ސައުދީ އެމްބަސީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހަވާލުކޮށްފައިވާ ކަމަށެވެ.
އެ އެހީ ފަލަސްތީނުގެ އެކްޓިން މިނިސްޓަ އޮފް ފިނޭންސް އިސްތަފާން ސަލާމާއާ ހަވާލުކޮށްދެއްވީ އުރުދުންގައި ހުންނަވާ ސައުދީ ސަފީރު އަމީރު މަންސޫރު ބިން ހާލިދެވެ. އެ ނޫހުން ބުނި ގޮތުގައި މިއީ ފަލަސްތީނަށް މިއަހަރު ދޭން ސައުދީން ވައުދުވި އެހީގެ ތެރެއިން ބައެކެވެ.
އެހީ ހަވާލުކޮށްދެެއްވުމަށް ފަހު އަމީން މަންސޫރު ވިދާޅުވީ އެ އެހީ ދިނުމުން ދައްކައިދެނީ ފަލަސްތީނު ސަރުކާރުން އަދާކުރަން ޖެހޭ މާލީ ޒިންމާތައް އަދާކުރަން އެހީތެރިވާން ސައުދީގެ ވެރިން ތައްޔާރަށް ތިއްބެވި މިންވަރު ކަމަށެވެ. ފަލަސްތީނު މީހުންނަށް ކުރިމަތިވެފައިވާ އިންސާނީ އަދި އިގުތިސާދީ ގެއްލުންތަކުން އަރައިގަތުމަށް. މިއީ މުހިއްމު އެހީއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަލަސްތީނު މީހުންނަށް ސަައުދީން ކުރާ ތާއީދާއި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރަން ކުރާ މަސައްކަތަށް ސައުދީން ކުރާ ތާއީދު މަންސޫރު ތަކުރާރުކުރެއްވި އެވެ. ފަރަންސޭސިވިލާތާއި ސައުދީން އިސްނަގައިގެން، ފަލަސްތީނަށް ދެ ދައުލަތުގެ ހައްލު ހޯދައިދޭން މި ފަހުން ކުރި މަސައްކަތުން ގިނަ ގައުމުތަކަކުން ފަލަސްތީނު ބަލައިގެންފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވަމުން ފަލަސްތީނުގެ އެކްޓިން ޕްލޭނިން މިނިސްޓަރު ސަލާމާ ފާހަގަކުރެއްވީ ފަލަސްތީނަށް ކުރިމަތިވެފައިވާ މާލީ މައްސަލަތަކަށް ހައްލު ހޯދުމުގައި ސައުދީިން ދިން އެހީ އަކީ ބޮޑު އެހީތެރިކަމަކަށް ވާނެ ކަމަށެވެ.
އިޒްރޭލުން ހިންގި ޖެނޮސައިޑްގައި ފަލަސްތީނުގެ ޣައްޒާއިން 70،000 އަށް ވުރެ ގިނަ މީހުން މަރާލައި އެތަން ވަނީ ބިމާހަމަކޮށްލާފަ އެވެ. ފަލަސްތީނު ސަރުކާރު ގާއިމްވެފައިވާ ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގާ ޖަރީމާތައް ވަރުގަދަކޮށް، 300 އަށް ވުރެ ގިނަ މީހުން މަރާލައި އެތައް ގެއެއް ތަޅައިލުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިބްރާހީމު
03 December 2025
ޝުކުރިއްޔާ ސައުދީ