އެމްއެޗް370 އިން ދަތުކުރި މީހުންގެ އާއިލާތަކުން އެ މީހުންގެ ހަނދާނުގައި ބޭއްވި އިވެންޓެއްގައި މީހަކު ޝުއޫރު ފާޅުކޮށް ބިލްބޯޑެއްގައި ލިޔަނީ: ގެއްލިފައިވާ އެމްއެޗް370 ހޯދުމުގެ މަސައްކަތް މި މަހު އަލުން ފަށަން ވަނީ ނިންމާފައި. -- ފޮޓޯ: އޭއެފްޕީ
03 ޑިސެމްބަރ 2025 - 13:30
މީގެ 11 އަހަރު ކުރިން ގެއްލިފައިވާ، މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ހޯދުމުގެ މަސައްކަތް މި މަހު ފަހުކޮޅު އަލުން ފަށާނެ ކަމަށް އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ބޯއިން 777 ގެ އެ ބޯޓު 239 މީހުންނާ އެކު މާޗް 8، 2014 ގައި ކުއާލަ ލަމްޕޫރުން ބެއިޖިންއަށް ދަތުރުކުރަމުން ދަނިކޮށް ރާޑަރުތަކަށް ގެއްލި އަދި މިހާތަނަށް ވެސް ބޯޓު ފެނިފައި ނުވާތީ މިއީ ވައިގެ ދަތުރުފަތުރުގައި އެންމެ ބޮޑު އެއް އަޖައިބަށް ވަނީ ވެފަ އެވެ.
އެ ބޯޓުގައި ދަތުރުކުރި މީހުންގެ ތިން ބައިކުޅަ ދެ ބަޔަށް ވުރެ ވެސް ގިނައީ ޗައިނާ މީހުންނެވެ. ދެން ތިބީ މެލޭޝިއާ، އިންޑޮނީޝިއާ، އޮސްޓްރޭލިއާ، އިންޑިއާ، އެމެރިކާ، ޑަޗް އަދި ފްރާންސް މީހުންނެވެ.
މި ބޯޓު ފެނޭތޯ، އޭވިއޭޝަން ތާރީހުގައި ވެސް މިހާތަނަށް ކުރި އެންމެ ބޮޑު މަސައްކަތް ވަނީ ކޮށްފަ އެވެ.
މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ފްލައިޓް އެމްއެޗް370 ފެނޭތޯ ފުން ކަނޑުތަކުގެ އަޑި ބެލުމުގެ މަސައްކަތް މި މަހުގެ 30 ވަނަ ދުވަހު އަލުން ފަށަން ނިންމާފައިވާ ކަމަށެވެ.
މި ބޯޓު އޮވެދާނެ ކަމަށް އެންމެ ބޮޑަށް ގަބޫލުކުރެވޭ ސަރަހައްދު، މެރިޓައިމް އެކްސްޕްލޮރޭޝަން ކުންފުންޏެއް ކަމަށްވާ އޯޝަން އިންފިނިޓީ އިން ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ބޯޓު ހޯދުމުގެ މަސައްކަތް މިދިޔަ ފެބްރުއަރީ މަހު އެ ކުންފުނިން ފެށި ނަމަވެސް އޭޕްރީލް މަހު ވަނީ މަސައްކަތް މެދުކަނޑާލައިފަ އެވެ. ސަބަބެއް ކަމަށް ބުނީ އެއީ އެފަދަ މަސައްކަތެއް ކުރަން އެކަށީގެންވާ ވަގުތަކަށް ނުވުމެވެ. އެ ކުންފުނިން 2018 ވަނަ އަހަރު ވެސް ބޯޓު ހޯދުމުގެ މަސައްކަތްކުރި އެވެ.
އެމްއެޗް370 ހޯދުމުގެ އާ މަސައްކަތްތަކެއް ފަށަން އެއްބަސްވެފައިވާކަން މެލޭޝިއާ ސަރުކާރުން ހާމަކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ. އޭރު ބުނީ އެ ކުންފުންޏާ މަސައްކަތް ހަވާލުކުރަނީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އަދި 70 މިލިއަން ޑޮލަރުގެ ފީއަކަށް ކަމަށެވެ. އެކަމަކު ކުރިން ވެސް އެ ކުންފުނިން މަސައްކަތްކުރި ގޮތަށް، މިފަހަރު ވެސް ކުރަނީ ބޯޓު ނުފެނިއްޖެ ނަމަ ފައިސާ ދޭން ނުޖެހޭ ގޮތަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަކުރުު
03 December 2025
މިވެސް ދެންހަމަ ބަޔަކަށް ލާރިގަނޑެއްދޭން ކުރާކަމެއް. ތިޔައެއްޗެއް ފެންނާނީކީއެއްވެސްނޫން. ކަނޑުކޮހުން ކިޔަނީ މިކަހަލަ ކަންތައްކުރާ މީހުންނަށް.
އެމީހ
03 December 2025
އަދި އެއްފަހަރު މި ޚަބަރުގެ ފަހު ޕެރެގްރާފް ކިޔާލުން ރަނގަޅުކަމަށް ފެނޭ
Ahmed shah Ali
04 December 2025
ކިޔާލަބަލަ ނިމޭކޮޅު
ހަނާ ޑ
03 December 2025
ދެންވެސް ކުޑަހުވަދޫ މީހުން ބުނި ވާހަކަ ގަބޫލު ކޮށްގެން އެ ދިމާ ބަލާބަ.
އިހްސާސް
03 December 2025
ކުޑަހުވަދޫގަ ނެތްތަ ޑައިވަރުންކޮޅެއް ބަލާލާނެ. 70 މިލިއަން ޑޮލަރު ވިއްޔަ..
ހަނދު1
04 December 2025
ކުޑަހުވަދޫ މީހުން ނުބުނޭ އެ ވެއްޓުން ދިމާލެއް. ޢެވެރިންނަށް އެ ބޯޓު ކުޑަހުވަދޫ މަތިން ދަނިކޮށް ފެނުނު ވާހަކަ ބުަނަނީ. ޢަދި އެ ދިޔަ މިސްރާބު