ހާލަންޑް ލީގުގައި 100 ގޯލު ހަމަކުރީ 111 މެޗުން.-- ފޮޓޯ: އޭއެފްޕީ
03 ޑިސެމްބަރ 2025 - 11:51
އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ އަވަހަށް 100 ގޯލު ހަމަކުރި ކުޅުންތެރިއަކަށް މެންޗެސްޓާ ސިޓީއަށް ކުޅޭ ފޯވާޑް އާލިން ހާލަންޑް ވެއްޖެ އެވެ.
މެންޗެސްޓާ ސިޓީ ރޭ ރަށުން ބޭރުގައި 5-4 އިން ފުލަމް ބަލިކުރި މެޗަކީ 2022 ވަނަ އަހަރު ސިޓީއަށް ބަދަލުވެ، ހާލަންޑް ޕްރިމިއާ ލީގުގައި ކުޅުނު 111 ވަނަ މެޗެވެ. މި މެޗުގެ ފުރަތަމަ ލަނޑު ވެސް ޖެހީ އޭނާ އެވެ.
މީގެ ކުރިން ޕްރިމިއާ ލީގުގައި އެންމެ އަވަހަށް މި އަދަދު ހަމަކުރީ ކުރިން ނިއުކާސަލް ޔުނައިޓެޑަށް ކުޅުނު ޕްރިމިއާ ލީގުގެ ލެޖެންޑަރީ ފޯވާޑް އެލަން ޝެއަރާ އެވެ. ނަމަވެސް އޭނާ އެ ރެކޯޑް ހެދީ ނިއުކާސަލް އަށް ބަދަލުވުމުގެ ކުރިން ބްލެކްބާން ރޯވާސްއާ އެކު، 124 މެޗުންނެވެ. އޭނާ ވަނީ ބްލެކްބާންއާ އެކު ޕްރިމިއާ ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.
ޝެއަރާ އަށް ފަހު އެންމެ އަވަހަށް ލީގުގައި 100 ގޯލު ހަމަކުރި ކުޅުންތެރިންގެ ތެރޭގައި، ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ކެޕްޓަން ހެރީ ކޭން (141 މެޗުން) އާއި މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއެރޯ (147 މެޗުން) އަދި އާސެނަލްގެ ތިއެރީ އޮންރީ (160 މެޗުން) ގެ އިތުރުން 162 މެޗުން މި އަދަދު ހަމަކުރި ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު ހިމެނެ އެވެ.
ހާލަންޑް ފުލަމްއާ ދެކޮލަށް ސިޓީގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
ހާލަންޑާއި ޓިއްޖާނީ ރެއިންޑާސް އަދި ފިލް ފޮޑެންގެ ގޯލުތަކުން ސިޓީ ފުރަތަމަ ހާފު ބައިކޮޅަށް ގޯލެއް ނުވަދެ ނިންމަން ދަނިކޮށް ފުލަމްގެ ފުރަތަމަ ލަނޑު ޖަހައިދިނީ އެމައިލް ސްމިތު-ރޯ އެވެ.
ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ ފޮޑެން ވަނީ އިތުރު ލަނޑެއް ސިޓީއަށް ޖަހައިދީފަ އެވެ. އަދި އިރުކޮޅެއް ތެރޭ ފުލަމް ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލަކުން ސިޓީ ވަނީ ފަސް ލަނޑު ކާމިޔާބު ކޮށްފަ އެވެ.
ސިޓީގެ ފަސްވަނަ ގޯލު ކާމިޔާބު ކުރިތާ ތިން މިނިޓު ތެރޭ، 57 ވަނަ މިނިޓުގައި އެލެކްސް އިވޯބީ ވަނީ ފުލަމްގެ ދެވަނަ ލަނޑު ޖަހައިދީފަ އެވެ. އެ ޓީމުގެ ތިންވަނަ ލަނޑާއި ހަތަރުވަނަ ލަނޑު، 72 އަދި 78 ވަނަ މިނިޓުގައި ޖަހައިދިނީ ސެމިއުލް ޗުކްވުއެޒޭ އެވެ. ނަމަވެސް ސިޓީއަށް ވުރެ ހުރިހާ ގޮތަކުން ވެސް މޮޅަށް ކުޅުނު ފުލަމް އަށް މެޗުން ޕޮއިންޓެއް ހޯދޭ ގޮތެއް ނުވި އެވެ.
މި ނަތީޖާއާ އެކު، ސިޓީ އޮތީ 14 މެޗުން 28 ޕޮއިންޓް ހޯދައިގެން ތާވަލްގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން 30 ޕޮއިންޓް ހަމަކޮށްފައިވާ އާސެނަލް އެވެ. އަދި ތިންވަނައިގައި އޮތް ޗެލްސީ އާއި ހަތަރުވަނައިގައި އޮތް އެސްޓަން ވިލާ އަށް ވެސް ވަނީ 24 ޕޮއިންޓް ލިބިފަ އެވެ.
ލީގުގައި ރޭ އެވަޓަން ވަނީ ޖެކް ގްރީލިޝްގެ ގޯލަކުން 1-0 އިން ބޯންމަތު ބަލިކޮށްފަ އެވެ. ނިއުކާސަލް ޔުނައިޓެޑާއި ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy