އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަޔަންޔާހޫ މިއަދު ޖަރުމަނުގެ ޗާންސެލަރު ފްރެޑްރިކް މާޒްއާ އެކު ނޫސްވެރިންނާ ބައްދަލުކުރަނީ. -- ފޮޓޯ: އޭއެފްޕީ
07 ޑިސެމްބަރ 2025 - 19:25
ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓާލަން ވެފައިވާ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ގާތްގަނޑަކަށް ނިމުމަކަށް އައިސްފައި ވާއިރު އެ އެއްބަސްވުމުގެ ދެ ވަނަ ފިޔަވަހީގައި ބުނާ ކަންކަން ތަންފީޒުކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ބުނެފި އެވެ.
ޖަރުމަނުގެ ޗާންސެލަރު ފްރެޑްރިކް މާޒްއާ އެކު ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސެއްގައި ނަތަންޔާހޫ ބުނީ ޣައްޒާގައި ހަމާސްގެ ވެރިކަން ނިމުމަކަށް ގެންނާނެ ގޮތާ މެދު މަޝްވަރާކުރި ކަމަށާއި މިހާރު ވަނީ ފުރަތަމަ ފިޔަވަހި ނިމިފައި ކަމަށެވެ.
"ދެ ވަނަ ފިޔަވައްސަށް ވަރަށް އަވަހަށް ދެވޭނެ ކަމަށް މި އުންމީދުކުރަނީ. އެއީ މިއަށްވުރެ އުނދަގޫ ފިޔަވައްސަކަށް ވާނެ،"
ނަތަންޔާހޫ ބުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި އެއްބަސްވުން ތަންފީޒުކުރަމުން ދާއިރު މި މަހުގެ ފަހުކޮޅު އަނެއްކާވެސް ޓްރަމްޕާ ބައްދަލުކޮށް މެދުއިރުމަތީގެ ސުލްހަޔަށް އޮތް ފުރުސަތާ ބެހޭ ގޮތުން މަޝްވަރާކުރާނެ ކަމަށެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް، މިދިޔަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ތަންފީޒުކުރަން ފެށި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން ރަހީނުކުރި އިޒްރޭލު މީހުންގެ ތެރެއިން ދިރިތިބި އެންމެންނާއި މަރުވި މީހުންގެ ހަށިތައް ހިމެނޭހެން 47 މީހަކު އިޒްރޭލާ ހަވާލުކުރަން ޖެހެ އެވެ. ހަމާސް އިން ވަނީ ދިރިތިބި އެންމެ ދޫކޮށްލުމަށް ފަހު ދެން ހުރި ހަށިތަކުގެ ތެރެއިން އިޒްރޭލު ފުލުހެއްގެ ހަށިގަނޑު ނޫން ހުރިހާ ހަށިތަކެއް ވެސް މިހާރު ހަވާލުކޮށްފަ އެވެ.
"ދެން އޮތީ ދެ ވަނަ ފިޔަވަހި. ވަކި ފަސޭހައެއް ނުވާނެ. އެއީ ހަމާސްގެ ހަތިޔާރު ބަހައްޓަން މަޖުބޫރުކުރުވުމާއި ޣައްޒާ އަކީ ހަތިޔާރު ނުގެންގުޅޭ ތަނަކަށް ހެދުން،" ނަތަންޔާހޫ ބުންޏެވެ.
"ތިން ވަނަ މަރުހަލާއެއް އެބަ އޮތް، އެއީ ޣައްޒާއިން 'ހަރުކަށި ފިކުރު' ނައްތާލުން. އެއީ ވެސް ނުވާނެ ކަމެއްގެ ގޮތުގައި މީހުން ދެކޭ ކަމެއް. އެކަމަކު ޖަރުމަނާއި ޖަޕާނާއި ގަލްފުގެ ގައުމުތަކުގައި ކޮށްފައިވާ އަދި އަދި ޣައްޒާގައި ވެސް ކުރެވިދާނެ ކަމެއް."
ޣައްޒާގައި ފަލަސްތީނުގެ 67،000 އަށް ވުރެ ގިނަ މީހުން ދެ އަހަރު ތެރޭ ޝަހީދުވި ފަހުން ހަމަލާތައް ޖުމްލަ ގޮތެއްގައި ހުއްޓުމަކަށް އައިތާ މި ވީ ދެ މަސް ތެރޭގައި ހަމާސް އާއި އިޒްރޭލުން ވެސް ދަނީ އެއްބަސްވުމާ ހިލާފުވާ ކަމަށް އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށައިތޯނުން
09 December 2025
ހަރުކަށި ފިކުރަކީ ކަލޭމެން. ޔަހޫދީންނާ އެމެރިކާ ބަޅުންނަކީ ހަރުކަށި ފިކުރުގެ ށައިތޯނުން. މުއުމިނުން މިއަދު ކަލޭމެންނާ ކަލޭމެންނައް އަލުކަންކުރާ ގައުމުތަކުގެ ވެރިން ހަރިކަށި ކުރަނީ
ބޭކަރީ
07 December 2025
"ދެން އޮތީ ދެ ވަނަ ފިޔަވަހި. ވަކި ފަސޭހައެއް ނުވާނެ. އެއީ ހަމާސްގެ ހަތިޔާރު ބަހައްޓަން މަޖުބޫރުކުރުވުމާއި ޣައްޒާ އަކީ ހަތިޔާރު ނުގެންގުޅޭ ތަނަކަށް ހެދުން،" މާނައަކީ މިހާރު އަޅާބޮމަަށްވުރެ ދެން އަޅާންޖެހޭ ބޮން ގިނަވާނޭ. އެނޫންގޮތަކަށް ހަމާސް މައިތިރިކުރާކަށް ލާހިކެއްނޫން. އިޒްރޭލުން ވެސްޓް ބޭންކު ކައިނަގާއިރު ގާޒާގާ (ދަތްއަލައިގެން) ކެއަނުދީ ހިފާއްޓަނީ ހަމާސްއުން. މީ އެންމެން ދަންނަ ހަގީގަތެއް.