ބޮބް ޑިލަން އަށް ނޯބެލް އިނާމު ހަވާލު ކުރުމުގެ ރަސްމިއްޔާތު ބޭއްވީ ސްޓޮކްހޯމްގައި.
02 އެޕްރީލް 2017 - 11:43
ސްޓޮކްހޯމް (އެޕްރީލް 2) - އަދަބިއްޔާތުން މިދިޔަ އަހަރުގެ ނޯބެލް އިނާމް ލިބުނު އެމެރިކާގެ ލަވަކިޔުންތެރިޔާ ބޮބް ޑިލަން އަށް އެންމެ ފަހުން އިނާމު ހަވާލުކޮށްފި އެވެ.
ސްވިޑަންގެ ސްޓޮކްހޯމްގައި ޑިސެމްބަރު މަހު ބޭއްވި ނޯބެލް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ބޮބް ޑިލަން ބައިވެރިއެއް ނުވެ އެވެ. ސްވިޑިޝް އެކަޑަމީގެ ފަރާތުން އިއްޔެ ވަނީ ބޮބް ޑިލަން އިނާމު ހަވާލު ކުރުމަށް ކުޑަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. ޑިލަން އަށް އިނާމު ހަވާލުކޮށްފައި މި ވަނީ އަދަބިއްޔާތުގެ ރޮނގުން ނޯބެލް އިނާމު އޭނާ އަށް ލިބޭކަން އިއުލާންކުރިތާ ފަސް މަސް ފަހުންނެވެ. އަދި އިނާމު ދިނުމުގެ ރަސްމިއްޔާތަށް ފަހު ތިން މަސް ފަހުންނެވެ. އިނާމު ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި އެކަޑަމީގެ 12 މެންބަރުން ބައިވެރިވި އެވެ.
ސްވިޑަންގެ މީޑިއާތަކުން ބުނީ ޑިލަން އަށް އިނާމު ހަވާލު ކުރި ރަސްމިއްޔާތަށް މީޑިއާ ވައްދައިފައި ނުވާ ކަމަށެވެ. އަދި މީޑިއާ އަށް ޑިލަން އެއްވެސް ވާހަކައެއް ދައްކައިފައެއް ވެސް ނުވެ އެވެ.
ސްޓޮކްހޯމަށް ޑިލަން މިހާރު ގޮސް އުޅެނީ ކޮންސެޓެއް ބާއްވާށެވެ. އޭނާގެ ކޮންސެޓެއް މިރޭ ވެސް ސްޓޮކްހޯމްގައި ބާއްވާނެ އެވެ.
އުމުރުން 75 އަހަރުގެ ލަވަ ކިޔުންތެރިޔާ އަދި ޅެންވެރިޔާ ވަނީ ލަވައިގެ ދުނިޔެ އަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. ނަވާރަ ސަތޭކަ ސާޅީސް އެއް ވަނަ އަހަރު އުފަންވެފައިވާ ޑިލަންގެ މިއުޒިކް ކެރިއަރު ފަށާފައި ވަނީ 1959 ވަނަ އަހަރު އެވެ. ޑިލަންގެ "ބްލޯވިން އިން ދަ ވިންޑް" އަދި "ދަ ޓައިމްސް ދޭ އާ އަ ޗޭންޖިން" ފަދަ ލަވަތަކުގެ މަގްބޫލްކަން ވަނީ ބޮޑުވެފަ އެވެ.
ނޯބެލް އިނާމާ އެކު 8 މިލިއަން ސްވިޑިޝް ކްރޯނާ (900،000 ޑޮލަރު) ލިބޭނެ އެވެ. މި ފައިސާ ހަވާލުކުރާނީ އިނާމު ލިބޭ ފަރާތުން ނޯބެލް ލެކްޗާއެއް ދިނުމުންނެވެ. އިއްޔެގެ ރަސްމިއްޔާތުގައި ވެސް ޑިލަންގެ ފަރާތުން ލެކްޗާ ދީފައެއް ނުވެ އެވެ. ލެކްޗާ ދިނުމަށް ޖޫން 10 އާ ހަމައަށް ފުރުސަތު އޮންނާނެ އެވެ. ރެކޯޑްކޮށްފައިވާ ލެކްޗާއެއް ބޮބް ޑިލަން ފަހުން ހުށަހަޅާނެ ކަމަށް ބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy