މީހަކު ފަޔަށް ކުއްލި ތަދެއް އަރައިގެން އައި ދުވަހެކެވެ. މިހެން އަރާ ތަދުތަކަށް ދިވެހިބޭހުން ފަރުވާކޮށްދީ، ތެޔޮދަމައިދޭ ހަދީޖާ މުހައްމަދު ދީދީގެ މަންމަ އެވަގުތު ގެއަކު ނެތެވެ. އެ މީހާއަށް ވެފައި ހުރި ވަރުން ކޮންމެ ވެސް ލުޔެއް އަވަހަށް ހޯދައިދޭން އާދޭސްކުރި އެވެ.

އޭރު އުމުރުން އެންމެ 15 އަހަރުގެ ހަދީޖާ އަށް އެ މަންޒަރު ބަލަން ނުހުރެވިގެން، މަންމަ ތައްޔާރު ކޮށްފައި ހުރި ތެޔޮފުޅިއަކުން ތެޔޮދަމައިދީ، އޭނާއަށް އެނގޭ ވަރަކުން ފަރުވާދިނެވެ. 

އެއީ، މި މަސައްކަތުގައި ހަދީޖާގެ ފުރަތަމަ ތަޖުރިބާ އެވެ. އެ ދުވަހަށް ފަހު އެ މީހާއަށް އެކި ދުވަސް މަތިން ފަރުވާދީ، އޭނާ ރަނގަޅުވުމުން މި މަސައްކަތަށް އޭނާގެ ލޯބި ޖެހިއްޖެ އެވެ. 

އުމުރުން މިހާރު 60 އަހަރުގެ ހަދީޖާއަކީ ދިވެހިބޭސްވެރިކަމުގައި ކުރިން މަޝްހޫރު ފުވައްމުލަކުގައި މިވަގުތު މި މަސައްކަތް ކުރާ މަދު މީހުންގެ ތެރެއިން އެކެކެވެ. 

އޭނާގެ ގެއަށް އަހަރެމެން ވަންއިރު ވެސް އުޅެނީ ސްޓްރޯކެއް ޖެހިގެން އެއްފަޅިން ވާގިނެތިފައިވާ އަންހެނަކަަށް ބޭސްކޮށްދިނުމުގަ އެވެ. މީހުންނަށް ފަރުވާދިނުމަށް މި ގޭގައި އެކަމަށް ހާއްސަ ކޮޓަރިއެއް ހަދައިފައި ހުރެ އެވެ. އެތަނުގައި ހުރެ ހަދީޖާގެ މި ޒަމަންވީ މަސައްކަތުގެ ތަޖުރިބާ ކިޔައިދިނެވެ. 

 

ދިވެހިބޭސްވެރިކަން ކުރާ ހަދީޖާ މުހައްމަދު (ކ) ބަލިމީހަކަށް ފަރުވާދެމުން "މިހާރު"އަށް އިންޓަވިއު ދެނީ: އޭނާ މި މަސައްކަތް ކުރާތާ އެތައް އަހަރެއް ވެއްޖެ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ދިވެހިބޭސްވެރިކަން ކުރާ ހަދީޖާ މުހައްމަދު (ކ) ބަލިމީހަކަށް ފަރުވާދެމުން "މިހާރު"އަށް އިންޓަވިއު ދެނީ: އޭނާ މި މަސައްކަތް ކުރާތާ އެތައް އަހަރެއް ވެއްޖެ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެންމެ ގިނައިން މީހުން އޭނާ ކައިރިއަށް ދަނީ ވެސް ވާގިނެތިގެންނާއި މައިބަދައިގެ އުނދަގޫތަކަށް ފަރުވާ ކުރާށެވެ. ފަތްޕިލާވެލި ބޭނުންކޮށްގެން އަމިއްލަ ތައްޔާރުކުރާ ބޭހުން އޭނާ ދޭ މި ފަރުވާތަކުގައި އެތައް ބަޔަކު ފަސޭހަވި އެވެ. 

ދިވެހިބޭސްވެރިކަމަކީ ހަދީޖާގެ މައިންބަފައިން ކޮށް އުޅުނު މަސައްކަތެވެ. މީގެ ހުރިހާ ކަމެއް އޭނާ ދަސްކުރީ އެ މީހުން ކައިރިންނެވެ. 

އެކި ކަންކަމުގައި ދިވެހިބޭސް ކުރަން އެކި އުމުރުފުރާގެ މީހުން ހަދީޖާގެ ކައިރިއަށް އާދެ އެވެ. ކުރިން ރަށުން ބޭރަށް ގޮސްގެން ވެސް އޭނާ މީހުންނަށް ފަރުވާދިނެވެ. އަދި އެހެން ރަށްރަށުން ވެސް މީހުން އޭނާ ކައިރިއަށް އާދެ އެވެ. މިހާރު ވެސް އެގޮތަށް މީހުން އައިސް އުޅެ އެވެ. 

ރަށުން ބޭރަށް ގޮސްގެން މާ ރަނގަޅު އާމްދަނީއެއް ވެސް ލިބެ އެވެ. އެކަމަކު، މިއީ ރަށުގެ ރައްޔިތުންނަށް ކޮށްދޭން ފެށި ކަމަކަށް ވާތީ، ރަށުން ބޭރަށް ދާން މިހާރު އޭނާ ބޭނުމެއް ނުވެ އެވެ. 

"އެންމެ ބޮޑު ކަމެއް ދިމާވެގެން އައީ ބުރަކަށީގެ ބަދަ ގޮސްގެން، ނުހިނގިގެން، އެތައް ފަހަރަކު އޮޕަރޭޝަން ކޮށްގެން ވެސް އެ މީހާ ރަނގަޅު ނުވެގެން. ދިވެހިބޭސްކޮށްގެން ދެ މަސްދުވަސް ތެރޭގައި ހަރަކާތްކޮށް އުޅެވޭ ވަރުވި. އިންޝާﷲ ރަނގަޅު މިހާރު،" އެންމެ ހަނދާން ހުންނަން އެކެއްގެ ވާހަކަ އޭނާ ކިޔައިދިނެވެ. 

މި މަސައްކަތުގައި އޭނާ އަށް މިހާރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޭހުގެ އަގު އިންތިހާއަށް ބޮޑުވުމެވެ. އޭނާ ބުނާ ގޮތުން ނަމަ ބޭހުގެ އަގު މިހާރު ހުރީ އަތްނުފޯރާ ފަށުގަ އެވެ. 

"އެކަމަކު ވެސް، މައިންބަފައިން ދެރަ ނުކުރާން ވެގެން، މިކަން ކުރަނީ،" އެ ގޮންޖެހުންތަކާ އެކު ވެސް ކުރިއަށްދާ ސަބަބު އޭނާ ބުންޏެވެ. 

"ކުޑަކުދިންނަށް ނުނަގަން ރުފިޔާއެއް. ކުޑަކުޑަ ކަންކަމާއި އާއިލާ މީހުންނާއި ރައްޓެހިންނަށް ވެސް. އެއީ ﷲ އަށްޓަކާ ކޮންމެ ވެސް ވަރެއް ކޮށްލާން ވެގެން.

"މީހުންނަށް ޖެހިފައި ތިބި ހާލަތުން ހެޔޮވޭތޯ، ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑު ބޭނުންވަނީ މި މަސައްކަތްކޮށްދޭން. އަޅުގަނޑުގެ މި މަސައްކަތުން ﷲ ސުބުހާނަހޫ ވަތައާލާ ޝިފާ ދެއްވަނީ،" އޭނާ ބުންޏެވެ. 

ހަތަރު ދަރިންގެ މައެއް ކަމަށްވާ ހަދީޖާ މިހާރު އެންމެ ދެރަވަނީ އޭނާއަށް ފަހު މި މަސައްކަތް ކުރާނެ މީހަކު ނެތުމުންނެވެ. ދަރިންނާއި އެކި މީހުންނަށް މި މަސައްކަތް ދަސްކޮށްދެވޭތޯ އޭނާ ބެލި އެވެ. އެކަމަކު، އެ ޝައުގުވެރިކަން ނެތުމުން އޭނާއަށް އެ އުއްމީދު މިހާރު ވަރަށް ކުޑަ އެވެ. 

ފުވައްމުލަކުގައި ދިވެހިބޭސްވެރިކަން ކުރާ ހަދީޖާ މުހައްމަދު (ކ) ބަލިމީހަކަށް ފަރުވާދެމުން "މިހާރު"އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ފުވައްމުލަކުގައި ދިވެހިބޭސްވެރިކަން ކުރާ ހަދީޖާ މުހައްމަދު (ކ) ބަލިމީހަކަށް ފަރުވާދެމުން "މިހާރު"އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ފުރާވަރުގައި އޭނާ ފަރުވާދިން ފުރަތަމަ މީހާ އެ ތަދުން ސަލާމަތްވުމުން ހަދީޖާގެ މަންމަ އާއި ބައްޕަ ބާރު އެޅީ މި މަސައްކަތް އޭނާއަށް ދޫކޮށްލާށެވެ. އޭރު މައިންބަފައިން މުސްކުޅި ވެސް ވެފައި ތިބުމާ އެކު، މި މަސައްކަތުގައި އެ މީހުންގެ ހުރިހާ ޒިންމާއެއް ހަދީޖާ ނެގި އެވެ. 

"މިކަން އަދިވެސް މި ކުރަނީ މަންމައަށްޓަކައި. މަންމަ ބުނީ މިއަދު ވެސް ތިމަންނަ ލޯމެރުނީމާ މިކަން ވެސް ރައްޔިތުންނަށް ކޮށްދޭނެ މީހަކު ބޭނުމޭ. އެހެންވީމާ އަޅުގަނޑު ހިތަށް އެރީ މިކަން މީހުންނަށް ކޮށްދޭން ޖެހޭކަން،" ގައިގައި ވަރު ހުރިހާ ދުވަހަކު މި މަސައްކަތް ހުއްޓާނުލަން އަޒުމު ކަނޑައަޅައިގެން ހުރި ހަދީޖާ ބުންޏެވެ.