މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް އެކްސްޕޯގައި ގިނަ ބައެއްގެ މަގުބޫލުކަަން ހޯދި ހޯދި ހަސަން އަތީގު (ބާބާ) އަށް ހާޓް އެޓޭކެއް ޖެހި، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން އާންމުންގެ އެހީއަށް އެދިއްޖެ އެވެ.
ފުވައްމުލަކަށް އުފަން އަތީގު ނުވަތަ ބާބާއަށް ހާޓްއެޓޭކެއް ޖެހުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެ ރަށުގައި ހުއްޓަ އެވެ. ފުރަތަމަ ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިން ނަމަވެސް ޖެހިގެން އައި ދުވަހު އިތުރު ފަރުވާއަށް މާލެ ގެނަ އެވެ. އަދި އައިޖީއެމްއެޗުގައި ފަރުވާދޭނެ ފެށި އެވެ.
"ބާބާ ގާޑިޔާ"ގެ އަމިއްލަ ނަމުގައި އިއްޔެ ކުރި ފުރަތަމަ ޕޯސްޓުގައި އަތީގު ވަނީ މިހާރު އޭނާގެ ސިއްހީ ހާލަތު ބަޔާންކޮށް، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން އާންމުންގެ އެހީއަށް އެދިފަ އެވެ.
އަތީގު ބުނީ މާލެ ގެނައި ފަހުން މިހާތަނަށް ހިތުގެ ދެ އެންޖިއޯގްރާމް ހަދާފައިވާ ކަމަށެވެ.
ހާޓްއެޓޭކް ޖެހުނު ފަހުން އޭނާގެ ކަރުގެ ދެފަރާތުގެ ނާރު ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށާއި ނާރު ދުޅަވެ ރިއްސާތީ އައިޖީއެމްއެޗަށް ދާ ކޮންމެ ފަހަރަކު އިމަޖެންސީ ރޫމް (އީއާރު) ގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ ކަމަށް ވެސް އަތީގް އޭނާގެ ސިއްހީ ހާލަތު ބަޔާން ކުރަމުން ބުންޏެވެ.
"ޑޮކްޓަރު ބަލާފައި އެކިއެކި ޓެސްޓްތައް އެބަ ހަދަ އެވެ. އެހެނިހެން ދާއިރާގެ ޑޮކްޓަރުންނަށް ދައްކަން ބުނެގެން އީއެންޓީ، ނިއުރޯ، ކާޑިއޯ ޑޮކްޓަރަށް ދައްކައިގެން ވެސް އަސްލު ދިމާވެގެން އުޅޭ މައްސަލައެއް އެއްވެސް ބަޔަކަށް ކިޔައި ނުދެވެ އެވެ. އެންޖީއޯ ގްރާމަށް ފަހު، މެޔަށާއި ކަރުގެ ދެފަރާތުން ނާރު ދުޅަވެ ރިއްސާތީ ރޭގަނޑު ހަމަނިދި އަޅުގަނޑަށް ނުލިބެ އެވެ،" އޭނާގެ ޕޯސްޓުގައި ބުނެފައިވެ އެވެ.
އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފައި އޮތް އަތީގު ބުނީ ބައްޔަށް އެއްވެސް ލުޔެއް ނުލިބޭތީ ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އާސަންދަ ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް، އޭނާއަކީ ދިރިއުޅުމަށް އަމިއްލަ މަސައްކަތް ކުރަމުން އައި މީހަކަށް ވެފައި، ބަލިވުމާ ގުޅިގެން ގާޑިޔަލުގެ ވިޔަފާރި ހުއްޓިފައިވާތީ މިވަގުތު އާމްދަނީ ލިބޭނެ އިތުރު އެއްވެސް މަގެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.
"އާސަންދައިން ބޭސްފަރުވާގެ ކަންކަން ކުރެވުނަސް އިންޑިޔާއަށް ގޮސް އެ ތަނުގައި ހޭދަވާނެ ދުވަހެއް މިވަގުތު ބުނަން ނޭގޭތީ ހުރުމާއި ކެއުމާއި ދަތުރުފަތުރުގެ ހަރަދުތަކަށް ބޮޑު ހޭދައެއް ކުރަން ޖެހޭނެ އެވެ. ނަމަވެސް އެފަދަ ބޮޑު ހޭދައެއް ކުރެވޭ ވަރުގެ މާލީ ތަނަވަސްކަން މިވަގުތު ނެތުމުން ތިޔަބޭފުޅުންގެ ދީލަތި އެހީތެރިކަމަކަށް އެދެމެވެ،" އަތީގް އެހީއަށް އެދެމުން ބުންޏެވެ.
"އެމީހަކަށް ދެވުނު އެއްޗެއް ދިނުމުން އަޅުގަނޑަށް ފުދޭނެ އެވެ."
އަތީގަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް ތިރީގައިވާ އޭނާގެ ޢެކައުންޓް ނަމްބަރުތަކަށް ފައިސާ ފޮނުވޭނެ އެވެ.
ހަސަން އަތީގް
ބީއެމްއެލް: 7703234441101
އެމްއައިބީ: 90603100669081001
ރިސޯޓުތަކުގެ ފުޑް އެންޑް ބެވަރޭޖުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރުމަށް ފަހު، ދަމާ ގާޑިޔަލެއްގައި އަތީގު ކާ އެއްޗެހި ވިއްކަން ފެށީ ކޮވިޑާ ހެދި 2020 ވަނަ އަހަރު ރިސޯޓު ބަންދުކުރުމުންނެވެ. އެ ދަތި ދުވަސްވަރު ޓްރަކް ގަތީ ވެސް އަތުގައި ރައްކާކޮށްފައި ހުރި ފައިސާއިންނެވެ.
ފުވައްމުލަކުގައި ޓްރަކެއްގައި 2021 ވަނަ އަހަރު ކާއެއްޗެހި ވިއްކަން ފެށި އަތީގު އެ ހިސާބުން ވަޒީފާ އިން ވަކިވެ، އަމިއްލަ ވިޔަފާރިއަށް އެއްކޮށް ހުސްވި އެވެ.
ހުޅުމާލޭގެ ސެންޓްރަޕް ޕާކުގައި މިދިޔަ އަހަރު ބޭއްވި އެކްސްޕޯގައި އާންމުންގެ އެންމެ މަގުބޫލުކަމެއް ލިބުނީ ވެސް އަތީގުގެ ގާޑިޔަލަށެވެ. ބާބަ ގާޑިޔަލުގެ ޝަވަރުމާ އަށް ޑިމާންޑު ބޮޑުވެ، އެ ގަތުމަށް ކިއުގައި ދެ ތިން ގަޑިއިރު ވެސް އެ ދުވަސްވަރު މަޑުކުރަން ޖެހުނެވެ. އެއިން ލިބު ފައިދާގެ އެއްބައި އޭނާ ވަނީ ޕަލަސްތީނުގެ ރައްޔިތުންނަށް ވެސް ހަދިޔާ ކޮށްފަ އެވެ.