މިދިޔަ އާދީއްތަދުވަހަކީ މަބްރޫކް މުހައްމަދަށް ހަމަ އާދައިގެ ދުވަހެކެވެ. އޮފީސް ނިމުމުން ހަވީރު 5:30 ހާއިރު ކޮފީއަކުން ރައްޓެހިންނާ އެކު ވެސް ވަގުތު ހޭދަކުރި އެވެ. ހީ ސަމާސާކުރުމާއި ދިރިއުޅުމުގެ ވާހަކަތަކާއި އާއިލީ އަދި މަސައްކަތުގެ ވާހަކަތައް ވެސް ދެއްކި އެ ކޮފީގައި ހަށިގަނޑުން އެއްވެސް ތަފާތު ކަމެއް އިހުސާސެއް ނުވެ އެވެ.

އެކަމަކު އޭނާގެ ދިރިއުޅުން ބަދަލުވީ އެ ރޭ 10:30 ހާއިރެވެ. ރައްޓެހިންނާ އެކު ހޭދަވި އެ ވަގުތާއި އެ ދުވަހަކީ އޭނާގެ ހަޔާތުގެ ފަހު ދުވަހޭ ހީވި ކަހަލަ އިހްސާސްތަކާ ކުރިމަތިލާން ޖެހުނީ އެވެ.

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމުގައި ހުންނެވި މަބްރޫކް ފޭސްބުކްގައި ލިއުއްވި ގޮތުގައި، މޭ މައްޗަށް ފުރަތަމަ އެރީ ބާރު ޕްރެޝަރެކެވެ. އެއީ ތޫނު ތަދެއް ނޫނެވެ. ހީވަނީ މޭމަތީގައި އެއްޗެއް ބައިންދައިގެން ގުޑިނުލާ އިން ހެނެވެ. އިރުކޮޅަކުން ފިލައިގެންދާނެ ކަމަށް ހީކޮށްގެން އިނަސް އެ ޕްރެޝަރަށް އެއްވެސް ބަދަލެއް ނަޔެވެ. ދެން މަޑުމަޑުން އިހުސާސްވީ ވާއަތާ ދިމާލަށް އެ ޕްރެޝަރު ދާހެންނެވެ. 

ވާން އުޅޭ ގޮތް އެނގިވަޑައިގަތީ އުޅަނބޮއްޓާ ހަމައަށް ތަދު އެރުމުންނެވެ. އެއީ ހާޓް އެޓޭކެއް ޖެހެން އުޅޭ ކަމުގެ ނިޝާންތަކެވެ.

އެކަން ޔަގީންކުރަން އެނގުނީ، މަބްރޫކް ބައިވެރިވި ސެމިނާތަކާއި ތަމްރީން ސެޝަންތަކުން ލިބުނު ފިލާވަޅުންނެވެ. 

"ހަމަ ކުއްލިއަކަށް އަޅުގަނޑުގެ މެޔަށް އައީ ހެވީ ޕްރެޝަރެއް. އެހާ ތޫނެއް ނޫން، އެކަމަކު ހެވީ ޕްރެޝަރެއް ހަމަ. އިހުސާސް ކުރެވުނީ އެއްޗެއް އަޅުގަނޑުގެ މޭމަތީގައި ގުނޑާނުލާ އިންހެން. އަޅުގަނޑު ހީކުރީ އެކަންދާނެ ކަމަށް އެހެންވެ މަޑުކޮށްލައިގެން އިނީ. އެކަމަކު އެހެން ހުރެފައި މަޑުމަޑުން އެ ޕްރެޝަރު ދިޔައީ އަތާ ދިމާލަށް. ވާއަތުގެ އޮޅަނބޮއްޓާ ހަމަައަށް އެ ޕްރެޝަރު ދިޔަ،"

"އެ ވަގުތު އަޅުގަނޑުގެ ހިތަށް އެނގިއްޖެ އެކަމަކު ސިކުނޑި ހަމަ އެކަން ގަބޫލުކުރަން ވެސް ބޭނުން ނުވި. އަޅުގަނޑަށް ދިޔައީ ހާޓް އެޓޭކެއް އަންނަމުން."

ފަރުވާއަށް ފަހު މަބްރޫކް މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. 

އޭނާ ވިދާޅުވި ގޮތުގައި ހާޓް އެޓޭކާއި ސްޓްރޯކް އަދި އިމަޖެންސީ ކެއާއާ ގުޅޭ އެކި ސެެމިނާތަކުގައި ވަޒީފާގެ ހައިސިއްޔަތުން މިދިޔަ ތިން އަހަރުގެ ތެރޭގައި ބައިވެރިވެވަޑައިގަތެވެ. މަސައްކަތުގެ މަސްއޫލިއްޔަތެއްގެ ގޮތުން އެ ސެމިނާތަކުގައި ބައިވެރިވެވަޑައިގަތް ނަމަވެސް ދުވަހަކު ވެސް އެއީ އަމިއްލަ ނަފްސު ސަލާމަތްކުރަން ތައްޔާރުވުމުގެ ގޮތުން ބައިވެރިވެވަޑައިގަތް ސެމިނާތަކެއް ކަން ހިތަށް ވެސް އަރާވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ. އޭނާ އެ ތަމްރީންތަކުގައި ބައިވެރިވެވަޑައިގަތީ ފަރުވާ ހޯދަން އަންނަ ވަރަށް ގިނަ ބަޔަކަށްޓަކަ އެވެ. 

އެކަމަކު އެ ތަމްރީނުތަކުން މަރްރޫކްގެ އަމިއްލަ ނަފްސު ސަލާމަތްކުރުމުގައި އަވަސް ފިޔަވަޅުތަކެއް އެޅުނެވެ.  

މަބްރޫކް ވިދާޅުވީ އެ ދުވަހު ކުރެވުނު އިހުސާސްތަކާ އެކު މަޑުނުކޮށް އަވަހަށް އައިޖީއެމްއެޗުގެ އީއާރަށް ދާން މިސްރާބު ޖެހި ކަމަށެވެެ. 

އޭނާ ވިދާޅުވި ގޮތުގައި ފުރާނަ ސަލާމަތްވީ އެ ސެމިނާތަކުން ލިބިފައިވާ އިލްމު ބޭނުންކޮށްގެން އަވަހަށް ފިޔަވަޅު އަޅައިގެންނެވެ. 

"އެ ކޯލާއި އަޅުގަނޑަށް ލިބިފައިވާ އިލްމުގެ ބޭނުންކޮށްގެން އެވަގުތު އަޅުގަނޑު ނެގި ޑިސިޝަންގެ ސަބަބުންނާއި ހަށިގަނޑަށް އައި ނިޝާންތަކަށް ވެސް އަޅާނުލާ ދޫކޮށްނުލުމުގެ ސަބަބުން އަޅުގަނޑުގެ ފުރާނަ ސަލާމަތްވީ،" މަބްރޫކް ވިދާޅުވި އެވެ. 

"އަލްހަމްދުﷲ އަޅުގަނޑަށް ވަގުތަށް އެތަނަށް ދެވުނު. މިއަދު މި ވާހަކަ މި ލިޔަނީ ރިކަވަރީގައި އޮވެގެން." 

މަބްރޫކްގެ ފުރާނަ ސަލާމަތްކޮށް ދިރިއުޅުމަށް ދެވަނަ ފުރުސަތެއް ދިނުމަށް އީއާރުގެ ނަރުހުންނާއި ޑޮކްޓަރުންގެ ޓީމުން ކުރި ބުރަ މަސައްކަތްތައް ފާހަގަކޮށް އެ ކަމަށް ވެސް ޕޯސްޓުގައި ޝުކުރު އަދާކުރައްވާފައިވެ އެވެ. 

އެ ޕޯސްޓުގައި މަބްރޫކް ވިދާޅުވީ ހާޓް އެޓޭކަކީ ދައުވަތެއް ދީފައި އަންނަ އެއްޗެއް ނޫން ކަމަށާއި އެއީ ޒުވާން އަދި ބިޒީ، ވަރުގަދަ، އެހެން ޕްލޭންތަކާ އެކު އުޅެނިކޮށް ވެސް އަތުވެދާނެ އެއްޗެއް ކަމަށެވެ. 

ހާޓް އެޓޭކެއްގެ ނިޝާންތައް: 

  •  މޭގެ މެދާ ދިމާލަށް ޕްރެޝަރެއް، ފިތޭ ކަހަލަ ގޮތެއް ނުވަތަ ބަރު ކަމެއް އިހުސާސްވުން. 
  • ވާއަތާއި އުޅަނބޮށި، ދަތްދޮޅި އަދި ބުރަކައްޓަށް ފެތުރިގެންދާ ކަހަލަ ރިހުމެއް. 
  • ނޭވާލާން ކުރުވުން، މޭނުބައިކުރުން އަދި ކުއްލިއަކަށް ބޯ އެނބުރުން.

މަބްރޫކް ވަނީ އެފަދަ އަލާމާތްތަކެއް ފެނިއްޖެ ނަމަ އެ ތަދުގަނޑު ދާނެ ކަމަށް ހީކޮށް، އެ ތަދާ އެކު ނުނިދުމަށް އިލްތިމާސްކޮށްފަ އެވެ. އިމަޖެންސީގައި އެކަމަށް ފަރުވާ ކުރުމަށާއި އެ ހާލަތުގައި ކޮންމެ މިނެޓެއް ވެސް މުހިއްމުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ހާޓް އެޓޭކެއްގެ އަމިއްލަ ތަޖުރިބާ މަބްރޫކް ހިއްސާކުރެއްވީ، ސެމިނާތަކުގައި އޭނާ ބައިވެރިވި ހަގީގީ މަގްސަދަށްޓަކަ އެވެ.