21 އެޕްރީލް 2017 - 10:02
މެންޗެސްޓާ (އޭޕްރިލް 21) - މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފްގައި މާކަސް ރެޝްފޯޑް ޖެހި ލަނޑުން 2-1 އިން ބެލްޖިއަމްގެ އެންޑަލެކްޓް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
އެންޑަލެކްޓްގެ މައްޗަށް ޔުނައިޓެޑް ކުރިހޯދީ 3-2 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ. ޔުނައިޓެޑްގެ އިތުރުން ސެމީ ފައިނަލުން ޖާގަ ހޯދީ ސްޕެއިނުގެ ސެލްޓަ ވިގޯ، ޖަރުމަނުގެ ޝާލްކާ އަދި ފްރާންސްގެ ލިޔޯން އެވެ. ޔޫރޮޕާ ލީގު ސެމީ ފައިނަލުގެ ގުރުއަތު ނެގުން މިއަދު އޮންނާނެ އެވެ.
ރޭގެ މެޗުގެ 10 ވަނަ މިނިޓްގައި ޔުނައިޓެޑަށް ލީޑުނަގައިދިނީ އާރްމީނިއާގެ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އެންޑަލެކްޓަށް މެޗުގެ 33 ވަނަ މިނިޓްގައި އެއްވަރުކޮށްދިނީ ސޮފިއަން ހަންނީ އެވެ.
ދެ ވަނަ ހާފްގައި ޔުނައިޓެޑަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ ޒަލަޓަން އިބްރަހިމޮވިޗަށެވެ.
ފުރަތަމަ އެގާރައިގައި ހިމެނިގެން ލީގުގައި އެންމެ ފަހުން ޗެލްސީ އަތުން ޔުނައިޓެޑް މޮޅުވި މެޗުގައި ރެޝްފޯޑް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ރޭގެ މެޗުގައި ރެޝްފޯޑް ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ޖެހީ އިތުރު ވަގުތުގެ ދެ ވަނަ ހާފްގަ އެވެ. މިއީ މިދިޔަ އަހަރު ޔުނައިޓެޑަށް މިޓްޔައެލަންޑް ކޮޅަށް ލަނޑު ޖެހިފަހުން މި މުބާރާތުގައި ރެޝްފޯޑް ޖެހި ފުރަތަމަ ލަނޑެވެ.
ރޭގެ މެޗުގައި ޔުނައިޓެޑަށް ދިމާވި އެންމެ ބޮޑު އެއް މަައްސަަލަ އަކީ އަނިޔާގެ ސަބަބުން ޑިފެންޑަރު މާކޯސް ރޯހޯ އާއި އިބްރަހިމޮވިޗް ބަދަލުކުރަން ޖެހުމެވެ. މެޗަށް ފަހު މޮރީނިއޯ ބުނީ ދެ ކުޅުންތެރިންނަށް ލިބުނު އަނިޔާ ވެސް ސީރިއަސް ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އަނިޔާގެ ސަބަބުން މި ވަގުތު ވެސް ޔުނައިޓެޑްގެ ފިލް ޖޯންސް އާއި ކްރިސް ސްމޯލިން އަދި ހުއާން މަޓާ ހުރީ ކުޅުމާ ދުރު އެވެ. އޭގެ ތެރެއިން މަޓާ އަށް މި ސީޒަނުގައި ދެން ނުކުޅެވޭނެކަން ވަނީ ޔަގީންވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy