24 އެޕްރީލް 2017 - 10:50
ލަންޑަން (އޭޕްރިލް 24) - ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ކުޅުންތެރިންގެ ވޯޓުން ހޮވާ މި ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ޗެލްސީ އަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ހޯދައިފި އެވެ.
ކާންޓޭ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ޗެލްސީގެ އެޑެން ހަޒާޑާއި ޓޮޓެންހަމްގެ ހެރީ ކޭން، އެވަޓަންގެ ރޮމެލޫ ލުކާކޫ، މެންޗެސްޓާ ޔުނައިޓެޑްގެ ޒަލަޓަން އިބްރަހިމޮވިޗް އަދި އާސެނަލްގެ އަލެކްސިސް ސަންޗޭޒް ފަހަތައް ޖައްސާލުމަށް ފަހު އެވެ.
"މިއީ އަހަރެންގެ ކެރިއަރުގައި ވަރަށް ފުރިހަމަ ދެ އަހަރު. ލެސްޓާގައި ވެސް ވަރަށް އުފާވެރި ދުވަސްތަކެއް ދިޔައީ. ޗެލްސީގެ ފުރަތަމަ ސީޒަން ވެސް އަދި ވަރަށް ފުރިހަމަ. މޮޅު ކުޅުންތެރިއާގެ އެވޯޑަކީ އަހަންނަށް ލިބުނު ހިތްވަރެއް،" ކާންޓޭ ބުންޏެވެ.
މިިދިޔަ ސީޒަނުގައި ލެސްޓާ ސިޓީ އަށް ޕްރިމިއާ ލީގު ހޯދައިދިނުމަށް އެހީތެރިވުމަށް ފަހު ކާންޓޭ ޗެލްސީ އަށް ބަދަލުވީ 32 މިލިއަން ޕައުންޑަށެވެ. ޗެލްސީ އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި މި ވަގުތު އޮތްއިރު، އެ ޓީމުން ވަނީ އެފްއޭ ކަޕްގެ ފައިނަލުން ވެސް ޖާގަ ހޯދައިފަ އެވެ. މި ސީޒަނުގައި ޗެލްސީން ކުޅުނު ގިނަ މެޗުތަކުގައި ކާންޓޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ޕީއެފްއޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް މި ފަހަރު ވެސް ހޮވުނީ މިިދިޔަ އަހަރު ވެސް އެވޯޑް ހޯދި ޓޮޓެންހަމްގެ ޑެލެ އަލީ އެވެ. އަލީ މަގާމު ދިފާއުކުރީ ކޭން، ލުކާކޫ، ބާންލީގެ މައިކަލް ކީން، ސަންޑަލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް އަދި މެންޗެސްޓާ ސިޓީގެ ލިރޯއީ ސާނޭއާ ވާދަކޮޮށެވެ.
"ޖެހިޖެހިގެން ދެ އަހަރު އެވޯޑް ލިބޭނެ ކަމަށް ހިއެއް ނުކުރަން. އެކަމަކު މިއިން އެނގިއްޖެ އަހަންނަށް އަދިވެސް ކުރިއަށް ދެވޭނެކަން. ބޭނުންވަނީ އިތުރު ކުރިއެރުންތައް ހޯދަން،" އަލީ ބުންޏެވެ.
އަލީ ވަނީ މި ސީޒަނުގެ މިހާތަނަށް ޕްރިމިއާ ލީގުގައި 16 ލަނޑު ޖަހައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy