މިދިޔަ ސީޒަނުގައި ނިއު އާއި ޓީސީ ކުޅެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
24 އެޕްރީލް 2017 - 12:39
މި ސީޒަނުގައި ފެނިގެންދަނީ އަސްލު ނިއު ރޭޑިއަންޓް ކަމަށް އެސްޓީއޯ މާލޭ ލީގުގައި މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ތާވަލުގެ ތިން ވަނައިގައި ހަތް ޕޮއިންޓާ އެކު އޮތް ނިއު މިރޭ ބަލިނުވެ ފަރުޖައްސާލައިފި ނަމަ އެއް ވަނަ އަށް އަރާނެ އެވެ. އަނެއްކޮޅުން ހަތް ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތް ޓީސީ އަށް ވެސް މިރޭ މޮޅުވެގެން އެއް ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.
"މި ސީޒަނުގައި އެ ފެންނަނީ އަސްލު ނިއު ރޭޑިއަންޓް. އެ ކްލަބުގެ އަސްލު ވަރުގަދަކަން އެބަފެނޭ މި ފަހަރު. ޓީސީން ނިއު އަށާއި އެ ކްލަބުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނަށް ވަރަށް ބޮޑަށް އިހުތިރާމްކޮށްގެން ނުކުންނާނީ. ނިއުގައި މޮޅު ބިދޭސީ ކުޅުންތެރިން ތިބެ އަދި ޓީމެއްގެ ގޮތުގައި ކުޅޭތީ އެކަން ދަނެގެން ޓީސީން ނުކުންނާނީ އެ ޓީމުގެ ވަރުގަދަ ކަންކަމާއި ބަލިފައިތަކަށް ވިސްނައިގެން،" މިދިޔަ ސީޒަނުގައި ނިއު އަށް އެކަށީގެންވާ ކާމިޔާބެއް ހޯދިފައިނުވާތީ އެކަމަށް އިޝާރާތްކޮށް ނިޒާމްބެ ބުންޏެވެ.
މިދިޔަ ސީޒަނުގައި ޓީސީން ލީގުގެ ދެ ވަނަ ހޯދާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި ކުޅުނުއިރު މުހިއްމު ދައުރެއް އަދާކުރި އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު އަބްދުﷲ (ލިލީ) މިހާރު ތިބީ ނިއުގަ އެވެ. އަނެއްކޮޅުން މިދިޔަ ސީޒަނުގައި ނިއުގެ ފަހަތް ބެލެހެއްޓި އަބްދުﷲ ހަނީފް (ބެންޖޯ) އަކީ މިހާރު ޓީސީގެ މުހިއްމު ކުޅުންތެރިއެކެވެ.
ނިއު އާއި ޓީސީއާ ދެމެދު ހާއްސަ ވާދަވެރިކަމެއް އޮވޭތޯ އެހުމުން ނިޒާމްބެ ބުނީ ދެ ކްލަބަކީ އެއް ހިސާބަކަށް ނިސްބަތްވާ ޓީމުތަކަށް ވާތީ ވާދަވެރިކަން އޮވެދާނެ ކަމަށާއި އެ ނޫން ވަކި ހާއްސަ ވާދަވެރިކަމެއް އޮންނަކަން ފާހަގަނުވާ ކަމަށެވެ.
ނިޒާމްބެ ބުނީ މި ސީޒަނުގައި ކުރިއަށް ދެވެން އޮތީ ގަދަ ހަތަރެއްގެ ތެރޭ ހިމެނިގެން ކަމަށްވާތީ، ކޮންމެ ޓީމަކާ ދެކޮޅަށް ކުޅޭއިރު ވެސް ތިން ޕޮއިންޓުގެ މުހިއްމުކަން ބޮޑު ކަމަށެވެ.
"ޓީސީ އަށް ވުރެ މިވަގުތު ތާވަލުގެ ކުރީގައި އޮތް ޓީމަކާ ދެކޮޅަށް ކުޅޭތީއެއް ނޫން މެޗުގެ މުހިއްމުކަން ބޮޑީ. އަހަރެމެން އެބަޖެހޭ ސީޒަނުގައި ކުރިއަށް ދިއުމަށް ގަދަ ހަތަރެއްގައި ހިމެނެން. ފުޓްބޯޅައިގައި މޮޅުވުމުން މި އޮންނަނީ. ކިތަންމެ ރީއްޗަށް ކުޅުނަސް، އެ ވާހަކައެއް ނުދައްކާނެ މޮޅުވުން މުހިއްމީ،" ނިޒާމްބެ ބުންޏެވެ.
އޭނާ ބުނީ ވިކްޓަރީއާ 2-2 އިން އެއްވަރުވި މެޗުގައި ޑިފެންސްގެ މައްސަލަތަކެއް ފާހަގަވި ކަމަށާއި އެކަން ހައްލުކޮށްފައިވާ ކަމަށެވެ.
ނިއުގެ ކޯޗު ބެނާޑޯ ޓަވަރޭސް ބުނީ މޮޅަށް ކުޅެ މާޒިޔާ އަތުން ބަލިވި މެޗަށް ފަހު އިތުބާރު ހޯދަން މި މެޗުން މޮޅެއް މުހިއްމު ކަމަށެވެ. އަދި މޮޅަށް ކުޅުނު ނަމަވެސް މޮޅުނުވާ ނަމަ އޭގެ ބޭނުމެއް ނެތްކަން އޭނާ ފާހަގަކުރި އެވެ.
"ރަނގަޅު މެޗެއް ފެންނާނެ ކަމަށް އުއްމީދުކުރަން. ރޭގަނޑު ކުޅޭތީ އެއީ ފަސޭހައެއް. ދެ ޓީމަކީ ވެސް ވަރަށް ހައި އިންޓެންސިޓީގައި ކުޅޭ ދެ ޓީމު. ޓީސީން ވަނީ ރަނގަޅަށް ކުޅެ އެކަމަކު ވިކްޓަރީއާ އެއްވަރުވީ. އަހަރެމެން ވެސް ރަނގަޅު މެޗަކަށް ފަހު ބަލިވީ. އެހެންވެ ދެ ޓީމަށް ވެސް މިއީ މުހިއްމު މެޗެއް،" ޓަވަރޭސް ބުންޏެވެ.
އޭނާ ބުނީ ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގެ ތަށްޓާ އެކު ޓީސީ އޮތީ އިތުބާރާ އެކު ކަމަށާއި އެކަމަކު ނިއުގެ ކުޅުން ވެސް ވަރަށް ބޮޑަށް ރަނގަޅުވެއްޖެ ކަމަށެވެ.
"ޓީސީގެ ކެޕްޓަން (އަލީ ނާފިއު) އެއީ ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅޭ ކުޅުންތެރިއެއް. ދެ ފަރާތުގެ އަރިމަތީގައި ވަރަށް ހަލުވި ކުޅުންތެރިން އެބަތިބި. ފަހަތުން (ބިދޭސީ) ކުޅުންތެރިޔާ ވެސް ތަފާތު. އެހެންވެ މިއީ އުނދަގޫ މެޗެއް. އެކަމަކު އުއްމީދުކުރަން މެޗު ނިމިގެން ދާއިރު އަހަރެމެންނަށް އުފާވެރިކަން ލިބޭނެ ކަމަށް،" ޓަވަރޭސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާނ!
24 April 2017
السَّلآمُ عَلَيْكُمْ ، بسم الله الرحمن الرحيم , ( މިހާރު އެ އޮތީ އަސްލު ނިއު ރޭޑިއަންޓް : ނިޒާމްބެ ) އަޅުގަނޑު މިއަހަރު ތި ފްޓްބޯޅަ ސީޒަން ފެށުމުގެ ކުރިން އާމެނޭޖް މަންޓަކާ ހަވާލު ވިޔަސް އަޅުގަނޑު ބުނިން ތި ނިއުރޭޑިއަންޓް ސ،ކ ކްލަބައް ކުރިމަގު ފެނުން ވަރަށް ނާދިރު ކަމެކޭ އެއީ މެނޭޖްމަންޓާ ނުވަތަ ކޯޗާ ކާ މާބޮޑައް ގުޅިފަ ވާކަމެކޭ ބުނާކައް ނެތިން މިކަމުގަ ސަބަބެއް އަދި ސަބަބު ތަކެއްވޭ ހަމަހޭހުރި އިންސާނަކައް ވިއްޔާ މިހެންބުނީމަ އިގޭނެކަމައް ލަފާކުރެވޭ ، އަޅުގަނޑު ތި ނިއުރޭޑިއަންޓް ސ،ކ ތިން(3) މެޗް ކުޅެނިމެންދެން ބަހެއް ނުބުނެ ހުރިން އެކަމަކު އަޅުގަނޑު ބުނިން ހަތަރުވަނަ މެޗް ކުޅުމުގެ ކުރިން ދެން އަދި ތިދާގޮތުގަ ތިއޮތް ގޮތުގަ ތި ނިއުރޭޑިއަންޓް ސ،ކ އޮތީއްޔާ ދެންކުރިޔައް އޮތްތަނުގަ ކާމިޔާބަކާ ހަމައައް ދިއުން ވަރަށް ނާދިރު ކަމެކޭ ކިތައްމެ މޮޅުކުޅުންތެރިން ހޮވާލާް ގެނެސް ގެން ތިއްބަސް ، މީވަކި ޓީސީ، ސ،ކ ކުލޭތީވެ ބުނާބަހެއް ނޫން ، (އެހެނެއް ނޫން ދެން ވެސް ވަގުތީ އުފަލެއް ދެން ވެސް ލިބިދާނެ ކަމައް !)ﷲއިރާދަފުޅުކުރެއްވިއްޔާ އެއް ވެސް ބަޔަކައް އެއްވެސް އިންސާނަކައް ދެރަގޮތެއް ވުމަކައް ނޭދެން ، އަޅުގަނޑު މިބުނިބަހުގަ ހުރިވަރުވެސް ﷲ އިރާދަފުޅުކުރެެއްވިއްޔާ ފެނިގެންދާނެ ބަލާތި ، إن شاء الله ، امين ،،،،،!.
ޔާމްބޭ
24 April 2017
ޓީސީއަކީ މިހާތަނަށް ނިއުއަށް ބަލިނުކުރެވި އޮތް ހަމަ އެކަނި ޓީމް. އެކަން މިއަދުވެސް ދަމަހައްޓާނަން. ވީ އާ ޓީސީ- ވީ އާ ދަ ޕްރައިޑް އޮފް ހެންވޭރު. ޑޯންޓް މެސް ވިތް އަސް!
ނިޒާމްބެ
25 April 2017
ދެމެހެއްޓިއްޖެއްނު
ޔޔޔ
24 April 2017
ނިއުގެ ކޯޗް މިކިޔަނީ ކީކޭ މޮޅުނަމަ ގައުޓީމަ ނަގާނެ ދޯ ކަޅޭ....
ވިސްނާލީމާ
24 April 2017
ދެން ނިޒާމްބެ އެހެންބުނީމާ ނިއުގެ ޓީމާ މެނޭޖްމަންޓުން ތިބޭ ވަރަށް ހެވިފާ، އެމީހުން ހަދާނެއެއްޗެއް ހަދަންދެން! ހަސަދަވެރީންގެ ހަސަދައިން ނިއުގެޓީމު ސަލާމަތް ކޮށްދެއްވާ، ނިއުއަކީ ވަރުގަދަ ބާރެއްކަމުގާ ލައްވާންދޭވެ! އާމީން! -އިބްރާހީމް-
ވިސްނާލީމާ
24 April 2017
ހަމަގައިމުވެސް އަހަރެން ބޭނުންވަނީ މިރޭގެ މެޗުން ޓީސީގެމައްޗަށް ނިއުރޭޑިއަންޓްއަށް ކަމިޔާބީއެއް! ޓީސީގެމައްޗަށް ކުރިހޯދާ 3 ޕޮއިންޓް ކަށަވަރުކުރުން.! އެކަންވެއްޖެނަމަ ވަރަށް ވަރަށް އުފާވާނެ! އިރާދަކުރެއްވިއްޔާ މާތް ﷲ ގެ ހެޔޮރަހްމަތާއެކު ނިއުރޭޑިއަންޓްއަށް އެކަން ކާމިޔާބުވާނެ! އިންޝާﷲ! -އިބްރާހީމް-