ނޯޑްސްޓޯމް އިން ހެދި "ކިލާ ޖިންސް"
01 މެއި 2017 - 07:28
ލަގްޒަރީ ޑިޕާޓްމަންޓް ސްޓޯރުތައް ހިންގާ، އެމެރިކާގެ ނޯޑްސްޓޯމް އިން އަލަށް ބާޒާރަށް ނެރެގެން އުޅެނީ ވަރަށް ބޮޑަށް ކިލާވެފައި އޮންނަ ގޮތަށް ހަދާފައިވާ ޖިންސެކެވެ. ކަކުލާއި ޖީބުތަކާ ދިމާލުގައި ހުންނަނީ ކިސަޑު ވެލި އުނގުޅިފައި ހުންނަ ގޮތަށެވެ. ބަލާ ބެލުމަކުން އެއީ ފޭކް ކަމެއް ނުވެސް އެނގެ އެވެ.
ކިލާވެފައި އޮތް ހެދުމެއް ލައިގެން އުޅެން ލަދު ގަންނަ މީހުން ގިނަވާނެ އެވެ. އެކަމަކު މި ޖީންސުގެ އަގަކީ 425 ޑޮލަރު (6،553.50ރ) އެވެ.
ނޯޑްސްޓޯމްގެ ވެބްސައިޓުގައި ބުނެފައި ވަނީ މި "ބަރަކޫޑާ ސްޓްރެއިޓް ލެގް ޖީންސް" އަކީ ޖެހިލުން ކުޑަކަމާއި ކެރޭކަން ދައްކާލަން ބޭނުންވާ މީހުންނަށް ހާއްސަ ހެދުމެއް ކަމަށެވެ. މި ޖިންސް ޑިޒައިންކޮށްފައި ވަނީ ޖިންސު ފޮތީގެ ފޭރާން އުފައްދާ މަތީ ފެންވަރުގެ އެމެރިކާ ކުންފުންޏެއް ކަމަށްވާ ޕީއާރްޕީއެސް (ޕާޕަސް) އިންނެވެ.
ނޯޑްސްޓޯމް އިން ބުނީ މިއީ ކޮންސްޓްރަކްޝަން މަސައްކަތް ފަދަ ކަންކަމުގައި ނޫޅޭ އެކަމަކު އެފަދަ މަސައްކަތްކުރާ ކަމަށް ދައްކަން ބޭނުންވާ މީހުންނަށް ވެސް ރަނގަޅު އެއްޗަކަށް ވާނެ ކަމަށެވެ.
ނޯޑްސްޓޯމް އިން ހެދި "ކިލާ ޖިންސް" ފޮތީގެ ގަމީސް
މިއީ އިންޑިގޯ ކުލައިގެ ޖިންސެއް ކަމަށް ބުންޏަސް، އެ ނޫކުލަޔަށް ވުރެ ބޮޑަށް ޖިންސުން ފެންނަނީ ކިސަޑު ކުލަ އެވެ.
މި ޖިންސު ބާޒާރަށް ނެރުމާ އެކު، ޑިސްކަވަރީ ޗެނަލް އިން "ޑާޓީ ޖޮބްސް" ހުށަހަޅައިދޭ މައިކް ރޯވް އޭނާގެ ފޭސްބުކް ޕޭޖްގައި ވަނީ ފާޑު ކިޔައިފަ އެވެ. އޭނާ ބުނެފައި ވަނީ މިއީ "މަސައްކަތްތެރިކަމާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރުން" ކަމަށެވެ. އޭނާ ބުނެފައި ވަނީ މަސައްކަތްތެރިކަމަކީ ދެއްކުންތެރި ކަމުގެ ގޮތުން ކުރާ ކަމެއް ނޫން ކަމަށާއި އެކަން ވާންޖެހެނީ ހަގީގަތަކަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓަކި މޫނާ
04 May 2017
ތީތިގަތުމަށްވުރެން މިހާރު ލާގެން ހުރި ޖިންސް ދާކޮށްގެން ލީމަ މަނީ ސޭވް ކުރެވޭނެ. ދޯ