30 މެއި 2017 - 07:42
އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ސަޗިން ޓެންޑުލްކަރްގެ ބައިގްރަފިކަލް ޑްރާމާ "ސަޗިން އަ ބިލިއަން ޑްރީމް" އަށް އިންޑިއާގައި ރަނގަޅު ތަރުހީބެއް ލިބެމުން އެބަދެ އެވެ.
މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށްފައިވާ މި ފިލްމަށްއެ ދުވަހު 8.40 ކްރޯޑު (80.40 މިލިއަން ރުޕީސް) ލިބިފައިވެ އެވެ. ދެ ވަނަ ދުވަހު ލިބުނު 9.20 ކްރޯޑު (90.20 މިލިއަން) އާއެކު ފިލްމަށް ދެ ދުވަސް ތެރޭ ވަނީ 17.60 ކްރޯޑު (1.7 ބިލިއަން ރުޕީސް) ލިބިފަ އެވެ.
ހިންދީ، ތެލުގޫ، ތަމަޅަ، މަރާޓީ އަދި އިނގިރޭސި ބަހުން ނެރެފައިވާ މި ފިލްމުގައި ސަޗިންގެ ރޯލު އަދާކޮށްފައިވަނީ ވެސް އޭނާ އެވެ. ސަޗިން އަކީ އިންޑިއާގެ އެތައް ބިލިއަން ބައެއްގެ ލޯތްބާއި ތާއީދު ލިބިފައިވާ ކްރިކެޓް ކުޅުންތެރިޔަކަށް ވާތީ، އެންމެ ކުޑައިރުއްސުރެ މޮޅު ކްރިކެޓް ކުޅުންތެރިއަކަށް ވުމަށް އޭނާ ކުރި މަސައްކަތް ބަލަން އިންޑިއާ މީހުން ބޭނުންވާނެކަން މާކުރިން ވެސް އެނގެ އެވެ. އެހެންކަމުން މި ފިލްމު ބަލަން ގިނަ ބަޔަކު ވަނުމަކީ ހައިރާންވާ ވަރުގެ ކަމަކަށް ނުވެ އެވެ.
"ސަޗިން އަ ބިލިއަން ޑްރީމް" އަކީ ޑޮކިއުމެންޓްރީ-ޑްރާމާ އަކަށް ވެފައި ފިލްމަށް މިވަރުގެ ބޮޑު ތަރުހީބެއް ލިބިފައިވުމުން މިއީ ހިންދީ ފިލްމީ ތާރީޚުގައި ވެސް މިފަދަ ފިލްމަކަށް މިހާ ބޮޑު ތަރުހީބެއް ލިބުނު ފުރަތަމަ ފަހަރުކަން ފިލްމީ ވިޔަފާރީގެ ތަޖުރިބާކާރުން ފާހަގަކޮށްފައިވެ އެވެ.
މި ފިލްމާ މިހާރު ވާދަކުރަނީ ކުރީ ހަފުތާގައި ރިލިޒްކުރި "ހާފް ގާލްފްރެންޑް" އާއި "ހިންދީ މީޑިއަމް" އެވެ. އިރްފާން ޚާން އާއި ޕާކިސްތާނު ބަތަލާ ސަބާ ގަމަރްގެ "ހިންދީ މީޑިއަމް" ދެ ވަނަ ހަފުތާގައި ވެސް ފުދޭ ވަރަކަށް ރަނގަޅަށް ހިނގަމުން އެބަދެ އެވެ. އެގޮތުން މިހާތަނަށް ފިލްމަށް 30 ކްރޯޑު (ތިން ބިލިއަން ރުޕީސް) އަށް ވުރެ ގިނައިން ލިބިފައިވެ އެވެ. މިއީ ކުޑަ ބަޖެޓަކުން އުފައްދާފައިވާ ފިލްމަކަށް ބަލާއިރު ފުދޭވަރުގެ ރަނގަޅު އަދަދެކެވެ.
އަނެއްކޮޅުން އަރްޖުން ކަޕޫރާއި ޝްރައްދާ ކަޕޫޜުގެ "ހާފް ގާލްފްރެންޑް" އަށް މިހާތަނަށް 52 ކްރޯޑު (5.2 ބިލިއަން ރުޕީސް) އަށް ވުރެ ގިނައިން ވަނީ ލިބިފަ އެވެ. އަދި މި ފިލްމުވެސް ކާމިޔާބު ފިލްމުތަކުގެ ލިސްޓަށް މިހާރު ވަނީ އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމީދު
30 May 2017
އެމް އެސް ދޯނި ހިނގި ވަރަށް ނުހިނގާ.. އެ ފިލްމަށް ފުރަތަމަ ދުވަހުވެސް 26 ކްރޯޑް ލިބުނު..
ޕެނިކު ފެރީދާ
30 May 2017
ފައްތާހު ހަދާދީބަލަ "ދަނގަޑޭ : ތިންލައްކަ މީހުންގެ ހުވަފެން" މި ފިލްމު؟