ކައުންސިލުން ހުޅުވި ފަންޑަށް މިއަދާ ހަމައަށް 66،600ރ. ލިބިފައިވޭ.
ނަގޫރޯޅީގައި ގެއްލުން ލިބުނު ގެއެއްގެ ފުރާޅު މަރާމާތު ކުރަނީ.
30 މެއި 2017 - 17:11
މި މަހުގެ 17 ވަނަ ދުވަހުގެ ރޭ އައްޑޫ ހިތަދު އަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު އާއިލާތަކަށް އެހީވުމަށް އައްޑޫ ސިޓީ ކައުންސިލުން ހުޅުވި ފަންޑުފޮށި މާދަމާ ބަންދު ކުރާނެ ކަމަށާއި މިއަދާ ހަމައަށް އެ ފޮއްޓަށް ލިބިފައި ވަނީ 66،600ރ. ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.
ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ފަންޑުފޮށި މާދަމާ ހެނދުނު 10:00 ގައި ބަންދު ކުރާނެ ކަމަށެވެ.
ފައިސާގެ އިތުރުން ބައެއް މީހުން ވަނީ ތަކެތީގެ ގޮތުން ވެސް ފަންޑަށް އެހީތެރިކަން ފޯރުކޮށް ދީފަ އެވެ.
ކައުންސިލުން ބުނީ މާދަމާ މެންދުރުފަހު ފަންޑު ފޮށި ބަންދު ކުރުމަށް ފަހު، ގެއްލުންވި އާއިލާތަކަށް އަންނަ މަހުގެ ހަވަނަ ދުވަހުގެ ކުރިން ފައިސާގެ އެހީ ދޭނެ ކަމަށެވެ.
ނަމަވެސް ފައިސާ ދޫކުރާނެ އުސޫލެއް ކައުންސިލުން އަދި ހާމައެއް ނުކުރެ އެވެ.
ނަގޫރޯޅީގައި ހިތަދޫގެ 29 ގެއަކަށް އެކި ވަރުގެ ގެއްލުންވިއިރު، 12 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އޭގެ ތެރެއިން ބައެެއް ގޭގޭ ގެ ފުރާޅު ވަނީ އެއްކޮށް އެއްލާލައިފަ އެވެ.
ގެއްލުންވި އާއިލާތަކަށް އެހީވާން ކައުންސިލުން ފަންޑެއް ހުޅުވިއިރު، ރާއްޖެ ޓީވީން ވެސް ވަނީ "އައްޑޫ ރިލީފް ފަންޑް" ގެ ނަމުގައި ފަންޑެއް ހުޅުވައިފަ އެވެ.
މީގެ އިތުރުން ގެއްލުން ލިބުނު އާއިލާތަކަށް ސަރުކާރުނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ބައެއް ފަރާތްތަކުން ވެސް އެކި ކަހަލަ އެހީތައް ފޯރުކޮށް ދީފައިވެ އެވެ.
އޭގެ ތެރޭގައި ދިރާގު، އުރީދޫ، މީރާ އަދި ހިތަދޫ މައި ޓެކްސީ ސެންޓަރު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާއިލް
31 May 2017
ތިއީ ގޯހެއް. ދީން ގަބޫލް ކުރާ މީހުން އުޅޭ ގައުމެއްގަ، ތޫފާން އެއްޗެހި އަންނަނީ، ކަމެއް ވެގެން. އެކަން ގަބޫލް ކުރަން ޖެހޭނެ. މަޖްބޫރު.
ދޮހޮއްތު
31 May 2017
އަހަރެމެންނަށް އެހީވާން ޕާޓީން ފޮޓެއްވެސް ޕާޓީދޮރުމަތީ ބަހަށްޓާލަން ނުކެރުނު
ހަދީ
30 May 2017
މެޖޯރިޓީ ޕާޓީގެ ދީލަތި އެހީއަކަށް އަފިރިން ކެތްމަދުވެފައި